އަބްދުއްރަހީމް ރޭ އެޑްމިޓް ކުރަން ޖެހުނީ، މުލިއާގޭގައި ބައެއް މަޖިލީސް މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައި އޭނާ ބާކީ ކޮށްފައި ހުރުމުން ކަމަށް ޤަބޫލު ކުރެވޭ ކަމަށް ޕީއެންސީގެ މަޖިލީސް މެމްބަރެއް ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މެޔަށް ރޭ ތަދެއް އަރައިގެން ފަރުވާދިން ކަން ވަނީ ނޫސްތަކުން ގެނެސް ދީފައެވެ. ފަރުވާ ދީފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.
އަބްދުއްރަހީމްއަކީ ހާޓް ޕޭޝަންޓެކެވެ. އޭނާގެ ހިތުގެ ހިނގުން ރަނގަޅު ކުރަން ހުންނަނީ ޕޭސްމޭކާއެއް ލައްވައިފަ އެވެ. ޕޭސްމޭކާއަކީ ހާޓް ރޭޓާއި ރިދަމް ރެގިއުލޭޓް ކުރަން ލައްވާ އިލެކްޓްރޯނިކް ޑިވައިސްއެކެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ދިން މަޖިލީސް މެމްބަރު ހާމަ ކުރެއްވީ ރޭގެ މުލިއާ ގޭގައި ކުރިއަށް ދިޔަ، ބައްދަލުވުމުގައި އަބްދުއްރަހީމް އަށް މަޖިލީސްގެ ރައީސްގެ ހައިސިއްޔަތުން ދޭންޖެހޭ ގަދަރާއި އިޚްތިރާމްވެސް މުއިއްޒު ދީފައިނުވެއެވެ. އާންމު މަޖިލިސް މެމްބަރުންނާއި އެކު އެއްތަނެއްގައި އަބްދުއްރަހީމް ބަހައްޓާފައި ހުރިއިރު، އަރިހުގައި ހުންނެވީ ފިނޭންސް މިނިސްޓަރ ޒަމީރު ކަމުގައި މައުލޫމާތު ލިބެއެވެ.
މުއިއްޒު ގެންދަވަނީ އަބްދުއްރަހީމުގެ ސިޔާސީ ކުރިމަގު ނިމުމަކަށް ގެނައުމަށް މަޖިލީހުގެ ނައިބް ރައީސް ނާޒިމް އާއި އެކު މަސައްކަތް ކުރަމުންނެވެ.