މިރޭ ބޭއްވި، "11 ވަނަ ނޫސްވެރިކަމުގެ އެވޯޑް” ޙަފްލާ ޝަރަފުވެރިކޮށް ދިނުމަށް, މިރޭގެ ހަފްލާއަށް ވަޑައިގަތުމަށް ރައީސް މުއިއްޒު އިންކާރު ކުރައްވާފައިވާކަން އެގިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން މަސްދަރުން ހާމަކޮށްފައިވާ ގޮތުގައި, މިރޭ ބޭއްވުނު "ނޫސްވެރިކަމުގެ އެވޯޑް" ހަފްލާއަށް ވަޑައިގަތުމަށް މުއިއްޒުއަށް އެންމެ ފުރަތަމަ ދައުވަތު އެރުވުނެވެ. އެހެންނަމަވެސް މު ހަފްލާ ޝަރަފްވެރި ކޮށްދެއްވުމަށް ވަޑައިގެންނެވުމަށް މުއިއްޒުވަނީ އިންކާރު ކުރައްވާފައެވެ.
މިރޭ ބޭއްވި، "11 ވަނަ ނޫސްވެރިކަމުގެ އެވޯޑް” ޙަފްލާ ޝަރަފުވެރިކޮށް ދިނުމަށް މުއިއްޒު ވަޑައިގެންފައި ނުވާއިރު, މި ހަފްލާ ބޭއްވުނީ ކުރިން މި ހަފްލާ ބާއްވަން ތާވަލުކުރި ތާރީޚަށްވުރެވެސް ފަސްކޮށެވެ. އަދި މިރޭ މިހަފްލާ ބޭއްވިގެންދިޔަ އިރު, މިރޭ މުއިއްޒުގެ ޚާއްސަ އެހެން އިވެންޓެއް ކުރިޔަށް ގޮސްފައި ނުވާކަންވެސް "ދިޔަވަރު އޮންލައިން"އަށް ވަނީ ކަށަވަރު ކުރެވިފައެވެ.
މިރޭގެ ހަފްލާއަށް ވަޑައިގެންނެވުމަށް މުއިއްޒު އިންކާރު ކުރެއްވުމާއި ގުޅިގެން މިހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއެވެ.
އަދި މިރޭގެ ހަފްލާގައި ވާހަަކަ ދައްކަވަމުން ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެފައިވަނީ, މި ސަރުކާރަކީ ނޫސްވެރިންނަށް ދުލާއި ޤަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއްކަމަށާއި، ނޫސްވެރިންގެ ޒިންމާ އަދާކުރަން މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުންދޭނެކަމުގައެވެ. އަދި މި ސަރުކާރުން ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވާނެކަމަށްވެސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެފައި ވެއެވެ.
ވެރިކަމަށް ވަޑައިގަންނަވަމުން, ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވާނެކަމަށް ވައުދުވި މުއިއްޒު މީޑިއާތަކާ ބައްދަލު ނުކުރާތާ މިހާރުވަނީ 8 މަސް ފާއިތުވެފައެވެ. މިއީ ރާއްޖޭގެ ރައީސަކު މީޑިއާތަކާއި ބައްދަލުނުކޮށް, މައުލޫމާތު ހާމަނުކޮށް, މީޑިއާތަކަށް ފިއްލަވައިގެން އުޅުއްވާފައިވާ އެންމެ ދިގު މުއްދަތެވެ.
މުއިއްޒު އެންމެ ފަހުން މީޑިއާތަކާއި ބައްދަލު ކޮށްފައިވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން, ފާއިތުވި ޖެނުއަރީމަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ އެއަރޕޯޓުގައެވެ.
މުއިއްޒު މީޑިއާތަކާއި ބައްދަލު ކޮށްފައި ނުވާރުއިރު, މިސަރުކާރުގެ ކޮރަޕްޝަންވަނީ އިންތިހާއަށް މަތިވެގެން ގޮސްފައެވެ. އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން, މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއާއި ޕްރޮމޯޝަންއާއި, އެހެނިހެން އިނާޔަތްތައްވެސް ހިފަހައްޓާފައިވިނަމަވެސް, މިސަރުކާރުން ދަނީ ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންނެވެ.
އަދި މި ސަރުކާރުގެ އިސް އޮފިޝަލުން ފަސްޓު ކުލާހުގައި ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތައްވެސް މަދު ކޮށްފައެއް ނުވެއެވެ. ގައުމުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ, ގައުމު ބަނގުރޫޓު ވެދާނެކަމުގެ ބިރު ހީވެފައިވާއިރު, ކުރިމަތިވެފައިވާ އިގްތިސަދީ ގޮންޖެހުންތަކުގެ ހަގީގީ އަސްލަކީ މުއިއްޒެ ވެރިކަމަށް ވަޑައިގެންނެވުމަށް ކޮށްފައިވާ ބޮޑެތި އިސްރާފްތަކެވެ.
އަދި މުއިއްޒުގެ ސަރުކާރުން ދަނީ ސަރުކާރަށް ފާޑުކިޔާ ނޫސްތައް ބޮލްކު ކުރުމަށްވެސް މީޑިއާ ކައުންސިލަށް މަޖުބޫރު ކުރަމުންނެވެ.
ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން މުއިއްޒު ވިދާޅުވެފައިވަނީ, ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވާނެކަމަށާއި, ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމުގައެވެ. އެހެންނަމަވެސް, މުއިއްޒު ފާހަގަ ވެފައިވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދެއްކެވި ވާހަތަކާއި އަމަލާ ދިމާނުވާ, މުޡުލަގަށް ދޮގު ހައްދަވާ ބޭފުޅެއްގެ ގޮތުގައެވެ.