ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުމަށް ރައީސް މުއިއްޒު ކުރި ޓްވީޓަށް ރައްދު ދެއްވައި ޑރ އިޔާޒް މިފަދަ މުންކަރާތްތަކާއި ދުރުނުވެވިގެން އުޅެނީ މަނިކްފާނު އަތްޕުޅުގައި ކޮންބާރެއް ނެތިގެންތޯ ބުނެ ރައީސް މުއިއްޒު އާއި ސުވާލު ކުރައްވައިފިއެވެ.
ތިޔަ ނަޞޭޙަތް ވަރަށްވެސް ރަގަޅެވެ. ނަމަވެސް, ބަޔަކު މީހުން އެޔާއި ޚިލާފަށް ޢަމަލުކުރަމުން ދިޔައިރު އެކަން އަތުން މަނާކުރުމުގެ ބާރު މާތް الله މަނިކްފާނަށް ދެއްވާފައިވާވީއިރު, އެކަމަށް އެއްވެސް ފިޔަވަޅެއް އެޅުއްވުމެއްނެތި, މީސްތަކުންގެ ޕްރެޝަރ ބޮޑުވީމާ މަތިޖެހުމުގެ އުޞޫލުން ކަމެއްކުރެއްވީމާ ރަގަޅެއް ނޫނެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތައްތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކިއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުން ނުކުރާކަންތަކުގެ ވާހަކަ ބުނުން, اللهގެ ޙަޟްރަތުގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ.” ސޫރަތުއް ޞައްފު2-3. “ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އަތުން އެކަން މަނާކުރާ ހުށިކަމެެވެ. އެކަމުގެ ކުޅަދާނަކަން ނެތްނަމަ, ދުލުންނެވެ. އެކަމުގެ ކުޅަދާނަކަން ނެތްނަމަ ހިތުންނެވެ. އީމާންކަމުގެ އެންމެ ދަށުދަރަޖައަކީ އެއީ އެވެ.” ޙަދީޘް. މިއަދު އެކަން މަނާކޮށް ހުއްޓުވުމަށް މަނިކްފާނުގެ އަތްޕުޅުގައި މަދުވަނީ ކޮންބާރެއްތޯއެވެ؟ ވެރިކަން ހިންގުމުގެ ބާރާއި
މަޖިލީހުގެ ސުޕަރ މެޖޯރިޓީ މާތް الله ވަނީ މަނިކްފާނަށް ދެއްވާފައެވެ. ނަމަވެސް, މި ބާރުތަކުގެ ބޭނުން ހިއްޕަވައިގެން اللهގެ ދީނަށް ނަޞްރުދެއްވުމުގެ ބަދަލުގައި ކުޑަމިނުން އިސްރާއީލުގެ ޕާސްޕޯޓުގަޑުވެސް މަނާކުރެއްވުނީކީ ނޫނެވެ. ދެން މަނިކްފާނުގެ ޕާޓީން އެކަން އަވަސްކުރާށޭ ބުނެ ބަޔާނެއް ނެރުއްވީމާ, މަނިކްފާނުގެ ޒިންމާ އަދާކުރެއްވުނީ ކަަމަށް ހީނުކުރައްވާށެވެ. ޤިޔާމަތްދުވަހު މަނިކްފާނާއި ސުވާލު ކުރެވޭނެކަން ހަނދާނުގައި ބަހައްޓަވާށެވެ.
ޓްވިޓަރ ގައި ޑރ އިޔާޒް ކުރެއްވި އެއް ޕޯސްޓުގައި ވެއެވެ.
މިފަދަ މުންކަރާތްތަކާއި ދުރުނުވެވިގެން އުޅެނީ މަނިކްފާނު އަތްޕުޅުގައި ކޮންބާރެއް ނެތިގެންތޯ؟
@MMuizzu. ތަޤްރީރުތަކުގައި އިސްލާމީ އަޚްލާޤުގައި ހިފަހައްޓަން ވިދާޅުވެފައި، ޢަމަލުތައް ތިހުންނަނީ ކޮން ފާޑަކަށްތޯ؟ ފަތިސް ނަމާދުގެ ޖަމާޢަތުން ފެށި މި ސަރުކާރުގެ ފެންވަރަކީ މިއީތޯ؟
އިތުރަށް މުއިއްޒުގެ ނުބައި އަމަލުތަކަށް ފާޑު ވިދާޅުވަމުން ޑރ އިޔާޒު ލިޔެފައިވެއެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ ތަމްސީލު ކުރަން މިސް ޔުނިވަރސްގައި ރާއްޖެއިން ބައިވެރި ވެފައިވަނީ މުއިއްޒު އާއި އަރިސް މަޖިލިސް ދެ މެމްބަރަކު އެކަމަށް ސްޕޮންސަރ ދީގެންނެވެ. މިކަން ކޮށްފައިވަނީ ޒުވާނުންގެ ތާޢީދު ހޯދުމުގެ ގޮތުންނެވެ. އަދި ރާއްޖެގެ ނަން ބޭރު ދުނިޔޭގައި ރާއްޖެ ތަމްސީލް ކުރުމުގެ ގޮތުން ސަރުކާރުގެ އިޒުނަ ނުލިބި ބޭނުމެއްވެސް ނުކުރެވޭނެއެވެ. އެހެންކަމުން މިކަން ސަރުކާރުގެ އެއް މިނިސްޓްރީއިން ކޮށްފައި، އަނެއް މިނިސްޓްރީއަކުން މިކަން ކުށްވެރި ކުރަނީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމުގައި ކަމަށް ގިނަބަޔަކު ދެކެއެވެ.