މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އަހުމަދު މުސްތަފާ، އެ ކުންފުނިން ވަކިކޮށްފިއެވެ.
ޕީއެސްއެމުން ވިދާޅުވީ އެ ކުންފުނީގެ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު އަމަލު ކުރެއްވި ގޮތަކާ ގުޅިގެން ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.
އެކަމަކު، "ދިޔަވަރު އޮންލައިން"އަށް ކަށަވަރުވެފައިވާ ގޮތުގައި ޕީއެސްއެމްގެ އޮޕަރޭޝަންސް މެނޭޖަރުގެ މަގާމުގައި ހުންނެވި މުސްތަފާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
އެނގިފައިވާ ގޮތުގައި، މުސްތަފާ މަގާމުން ވަކިކުރީ މީޑިއާ ކައުންސިލްގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު އަދި ނޫސްވެރިކަމުގެ އާއްމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް، އެ ހަފްލާ އިންތިޒާމްކުރި ފަރާތުން ދެއްކި މައްސަލައިގައެވެ.
ޕީއެސްއެމް އިން އިޝާރާތް ކުރި އެ ވީޑިއޯއަކީ މީޑިއާ ކައުންސިލުން އިއްޔެ ރޭ ބޭއްވި 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމުގައި ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "އަދަދު" ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުމާ ގުޅިގެން އެ އެވޯޑްގެ ނޮމިނޭޝަން ވީޑީއޯއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަބުރަށް ހުތުރުވާ ގޮތަށް ތައްޔާރު ކޮށްފައިވާކަމަށް ބުނާ އެ ވީޑިއޯއަށް އެވޯޑު ލިބުމާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިއުން ފަނޑިޔާރުންނަށާއި މީޑިއާ ކައުންސިލަށް ވަނީ އަމާޒުވެފައެވެ.
ޕީއެސްއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެވޯޑް ލިބޭ ކެޓަގަރީތަކާއި އެ ކެޓަގަރީތަކަށް ނޮމިނޭޓު ވެފައިވާ ފަރާތްތަކާއި އެވޯޑް ލިބޭ ފަރާތްތައް ދުރާލައި އެ ކައުންސިލްގެ އިސްވެރިންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ޕީއެސްއެމްއިން ލައިވް ކަވަރޭޖް ހަދާ ޙަފްލާތަކުގައި ދައްކާ ވީޑިއޯ ފުޓޭޖްތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލްއަށް ފެތޭ ކޮންޓެންޓަށް ވާން ޖެހޭ އިރު، ޕީއެސްއެމްއަށް ކުރިން އެންގުމެއްނެތި ކުއްލިއަކަށް ހަފްލާގެ ތެރޭގައި ވީޑިއޯ ދެއްކުމަކީ ގަސްތުގައި ދުރާލާ ރާވައިގެން ޕީއެސްއެމްގެ އެޑިޓޯރިއަލް އުސޫލާ ހިލާފު ކޮންޓެންޓު ޕީއެސްއެމުން ދެއްކުމަށް މީޑިއާ ކައުންސިލުން ކުރި ކަމެއް ކަމަށް އެ ކުންފުނިން ދެކޭތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ޕީއެސްއެމްގެ ބަޔާނުގައިވެއެވެ.
"މިކަމަކީ ޕީއެސްއެމްއަށް ރައްޔިތުން ކުރަމުންއަންނަ އިތުބާރު ގެއްލި، ކުންފުނީގެ މައްޗަށް އޮތް ޤާނޫނީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅި، އިއާދަނުކުރެވޭނެ ވަރުގެ ގެއްލުން ލިބިދާނެފަދަ އަމަލެއް ކަމުގައި ދެކެމެވެ." ޕީއެސްއެމްގެ ބަޔާނުގައިވެއެވެ.
އެހެންނަމަވެސް "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި މުސްތަފާ މަގާމުން ވަކި ކޮށްފައިވަނީ މުއިއްޒު އަންގަވައިގެންނެވެ. އެހެންނަމަވެސް މުއިއްޒު އޭނާގެ ދޮން މައްމައާ ދޭތެރެ އަމަލު ކުރިގޮތުގެ ތެދު މައުލޫމާތުގެ މައްޗަށް އެކުލެވޭ ރިޕޯޓެއް މީޑިއާގެ ވަސީލަތް މެދުވެރިކޮށް ގެނައުމަކީ ޕީއެސްއެމްގެ މުވައްޒަފަކާ ދޭތެރޭ ނުހައްގުން އަމަލު ކުރުމަށް މުއިއްޒުއަށް އޮތް ހުއްޖަތެއް ނީންކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުންވަނީ މުއިއްޒުއަށް އަމާޒު ވެފައެވެ.