"ސްކީލާން" އަށް އެވޯޑް ދިން، ފަނޑިޔާރުން ޕެނަލްގައި ތިބި ފަރާތްތައް ރައީސް އޮފީހަށް ގެންގޮސް ބިރުދެއްކުމަށް ފަހު ބަޔާނެއް ނެރުވައިފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އެވޯޑް ނައިޓްގައި، އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު "އަދަދު" އޮންލައިނަށް ދީފައި ވަނީ އުސޫލުތަކާއި މަގުސަދުތަކާ ހިލާފަށް ކަމަށް އެވޯޑް ދިނުމަށް އިންސާފު ކުރި ފަނޑިޔާރުން ލައްވާ މުއިއްޒު ބަޔާނެއް ނެރެފިއެވެ.
ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނީ "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޭނާގެ ދޮންމަންމަ އާއި މެދު ކަންތައް ކުރި ގޮތް ދައްކުވައިދޭ ޑޮކިޔުމެންޓްރީއެކެވެ. ރައީސް މުއިއްޒު އޭނާގެ ދޮންމައްމައާއި މެދު ކަންކޮށްފައިވަނީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މިންވަރަށް ގޯސްކޮށެވެ. އެކަން އެ ޑޮކިޔުމެންޓްރީގައި ސްކީލާން އަސަރާއި އެކު ކިޔާދެއެވެ.
ފަނޑިޔާރުން ނެރުނު ބަޔާނުގައި ގޯސް ކޮށްފައިވަނީ، މީޑިޔާ ކައުންސިލެވެ. އެއީ އެ ޑޮކިއުމެންޓްރީ މީޑިޔާކައުންސިލުން އެމީހުންނާއި ހަމަށް، (ފަނޑިޔާރުންނާ ހަމައަށް) ގެނެސްފައިވާތީއެވެ. އެކަން ކޮށްފައިވަނީ މީޑިޔާ ކައުންސިލުން ބަލަންވާ ވަރަށް ނުބަލާ ކަމަށް މި މަޖުބޫރު ބަޔާނުަގއި ވެއެވެ.
މި ފަހަރުގެ އެވޯޑަށް އިންސާފުކޮށްދިން ފަނޑިޔާރުން:
1- ހޯރަފުށި މުހައްމަދު ސަލީމް
2- ޝަމްއާން ޝާކިރު
3- ހަސަން އާމިރު
4- ފާތިމަތު އަޝްމާ ފަހީމް
5- އަބްދުﷲ ނައީމް އިބްރާހިމް
6- އަބްދުﷲ އަޒްމީން
ރައީސް އޮފީހަށް ގެންދާއިރަށް ފަނޑިޔާރުންގެ ގޮތުގައި ތިބި ފަރާތްތައް ވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ބަޔާން ނެރެދީފައެވެ. ސަރުކާރުން ދައްކާފައިވަނީ ވަޒީފާގެ ބިރުކަމެއް، ނުވަތަ މަސައްކަތް ކުރާތަނަށް ސަރުކާރު ކުންފުނިތަކުންދޭ ސްޕޮންސާރ ކަނޑާލުންކަމެއް ސާފެއް ނުވެއެވެ.
މި ފަނޑިޔާރުން ވަނީ، މީޑިޔާ ކައުންސިލްގެ ނިޔަތާއި މެދު ސުވާލު އުފައްދާފައެވެ. ފަނޑިޔާރުން، އެ ޑޮކިޔުމެންޓްރީ ބަލައި، އޭގައި މާކްސްދޭން އޮތް އުސޫލުން މާކްސްދީ، އެ އަށް އެވޯޑު ހައްޤު ކަމަށް ނިންމި އިރު ނިޔަތާއި މެދު ސުވާލު އުފައްދާފައެއް ނުވެއެވެ. އަދި އެއަށް މާކްސް ނުދިނުމަކަށް އިންކާރު ކޮށްފައިވެސް ނުވެއެވެ. ނަމަވެސް، މިއަދު ރައީސް އޮފީހަށް އެނބުރި ވަޑައިގަތުމަށްފަހު، ޚިޔާލު ބަދަލުވުމުން، ފަނޑިޔާރުންގެ އަމަލުތަކާއިމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެއެވެ.
ފަނޑިޔާރުންގެ ބަޔާނުގައި އިތުރަށް ވަނީ "އޯޑިއޯ، ވީޑިއޯ ދާއިރާ އިން ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑަށް އިންސާފު ކުރުމަށް ފަނޑިޔާރުންނަށް ދީފައިވާ ރުބްރިކްގައި ތަހުގީގީ ނަޒަރަކުން އުފެއްދުމަށް އިންސާފު ކުރެވޭނެ ގޮތް ވަރަށް ބޮޑަށް ހަނިކޮށްފައި އޮތުން. ރުބްރިކްގައި 80 ޕަސެންޓް ފަރުމާ ކޮށްފައި އޮތީ ވީޑިއޯ އުފެއްދުމުގެ ޓެކްނިކަލް ކޮލިޓީސްތަކަށް މާކްސް ދޭން ޖެހޭ ގޮތަށް. މިހެންވެ ތަހުގީގީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސް ދެވޭނެ އެއްވެސް ގޮތެއް ނެތް،" ކަމަށެވެ.
މިއީ މިކަން އޮތް ގޮތް ކަމުގައި ވަނީ ނަމަ، ތަހުޤީގީ ނަޒަރަކުން އެއްވެސް ވީޑިޔޯއެއް އިންސާފު ކުރެވޭނެ ގޮތެއް އުސޫލުގެ ތެރެއިން ނެތް ކަމަށް ބުނެ، އުސޫލު ބަދަލު ކުރުމަށް އެދުމުގެ ފުރުޞަތު ފަނޑިޔާރުންނަށް އޮންނާނެއެވެ. ނަމަވެސް މިފަދަ އެއްވެސް ބަދަލަކަށް ފަނޑިޔާރުންގެ ފަރާތުން އެދިފައި ނުވާކަމީ، ފަނޑިޔާރުންގެ ބަޔާނުގައި އެވާ ވާހަކައިގެ އެއްވެސް އަސްލެއް ނެތްކަން ދައްކުވައިދޭ ކަމެކެވެ.
މިއީ މީޑިޔާ އާއި މެދު ރައީސް މުއިއްޒު ކަންކުރައްވާ ގޮތެވެ. ރައީސް މުއިއްޒު ފަނޑިޔާރުން ގެންގޮސް ބިރު ދެއްކުމުގެ ބޭނުމަކީ ކޮބައިތޯއެވެ. ތި ޑޮކިޔުމެންޓްރީ އިތުރަށް މަޝްހޫރުވެ، ތިކަމުން އަލުން އިތުރަށް ތި ބަލާފަރާތްތައް އިތުރުވުން ފިޔަވާ އެއްވެސް އިތުރު ކަމެއް ހާސިލެއް ނުވިއެވެ. އިތުރަށް އީގޯއިން ދައްކާލެވުނީ ވެރިކަމުގެ ބާރުވެރިކަމުގައި އަނިޔާވެރިކަން ތިމާ މީހާގެ ކިބާގައި ހުރި ނުބައި މިންވަރެވެ. މީޑިޔާ ކައުންސިލްގެ ރައީސް އޭނާ ޕީއެސްއެމްގައި ހުރި މަޤާމުން ވަކިކޮށް، އަލުން އޭނާ ލައްވައި ބަޔާނެއް ނެރުވައި، މަގާމު ދިނުމުން ފެންނަމުންދަނީ މުއިއްޒުގެ ކުޅޭކުޅޭ ވެރިކަމުގެ މުޑުދާރު މޫނެވެ. މުއިއްޒު ދޮންމައްމަ އާއި މެދު ރަނގަޅަށް ކަން ކުރިނަމަ، އޭނާ ދިރިއުޅޭނީ މިއަދު މުލިއާގޭގައެވެ.