ޚަބަރު

ޕްރައިވެޓް އިންޝުއަރެންސް ގެންގުޅޭ ފަރާތްތަކަށް ލިބޭ އާސަންދަ ކަނޑާލުމުން ބޮޑު އަދަދެއް އަމިއްލަ އަތުން ޚަރަދު ކުރަންޖެހި، ރައްޔިތުން ތިބީ ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތިފައި

ދިޔަވަރު
ޕްރައިވެޓް އިންޝުއަރެންސް ގެންގުޅޭ ފަރާތްތަކަށް ލިބޭ އާސަންދަ ކަނޑާލުމުން ބޮޑު އަދަދެއް އަމިއްލަ އަތުން ޚަރަދު ކުރަންޖެހި، ރައްޔިތުން ތިބީ ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތިފައި

ޕްރައިވެޓް އިންޝުއަރެންސް ގެންގުޅެނީ ފައިސާ ހުރެގެން ކަމަށް ފަހަރުގައި ހީވެފައި އޮވެދާނެއެވެ. ޕްރައިވެޓް އިންޝުރެންސް ލިބޭ ގޮތްތަކުގެ ތެރޭގައި މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުން އެފަރާތްތަކުން ދޭ މާލީ އެލަވަންސްގެ ގޮތުގައި އޮންނަ އިންޝުއަރެންސްވެސް ހިމެނެއެވެ. ގިނަފަހަރު މިއީ ރަމްޒީ އެއްޗެކެވެ. އަދި މިފަދަ އިންޝުއަރެންސް އެއް ކުންފުނިތަކަށް ދެވޭ ގޮތް ވަނީ، އާސަންދައިން ފަރުވާލިބޭތީއާއި، އަދި ކުންފުނިން ދީފައި އޮންނަ އިންޝުއަރެންސް ބޭނުން ކުރަންޖެހޭ ހާލަތު ވަރަށް މަދުން ނޫނީ ކުރިމަތި ނުވާތީއެވެ.

ދެވަނައަށް ޕްރައިވެޓް އިންޝުރެންސް އަކަށް ދަނީ، އާދަޔާއި ޚިލާފު ބައެއްޔެއް ހުންނަ ފަރާތަކަށް ވެފައި، އާސަންދައިން އެ ބައްޔަށް އެކަށީގެންވާ ވަރުގެ ފަރުވާއެއް ނުލިބޭތީ، އެފަދަ ހާލަތްތަކުގައި ބޭނުން ކުރުމަށް ނަގާފައި ހުންނަ އިންޝުއަރެންސްއެވެ.

ސަރުކާރުން ނިންމާފައިވަނީ، ޕްރައިވެޓް އިންޝްއަރެންސް ހުރި ފަރާތްތައް އެ އިންޝުއަރެންސް އިން ދީފައިވާ ލިމިޓް ހުސްވަންދެން އިންޝުއަރެންސް ބޭނުން ކުރުމުން ނޫނީ އާސަންދައިގެ ބޭނުން ނުހިފޭ ގޮތަށެވެ.

ނަމަވެސް، ޕްރައިވެޓް އިންޝުއަރަންސް އަކީ އާސަންދައިން ބޭސްފަރުވާ ދޭ މިންވަރަށް ބޭސްފަރުވާ ދޭ އިންޝުއަރެންސްތަކެއް ނޫނެވެ. ނަތީޖާއެއް ގޮތުން ޑޮކްޓަރަށް ދައްކަން ބޮޑު އެއްޗެއް އަމިއްލައަތުން ދައްކަން ޖެހުމެވެ.

ޕްރައިވެޓް އިންޝުއަރެންސް ގެންގުޅޭ ޔޫސުފް ސިދުގީ އޭނާ އަށް ދިމާވެފައިވާ ހާލަތު ފޭސްބުކްގައި ބަޔާން ކޮށް ލިޔެފައިވަނީ؛

ކުރިން ވަމުން އައިގޮތް: އޭޑީކޭއިން ސުޕަސްޕެޝަލިސްޓް ކޮންސަލްޓޭޝަން ފީއަށް ޖުމްލަ 700 ރުފިޔާ. ޕްރައިވެޓް އިންޝުއަރެންސުން 200، އާސަންދައިން 200، އަމިއްލަ ޖީބުން 300.

ވާނެ ކަމަށް ބުނިގޮތް: ޕްރައިވެޓް އިންޝުއަރެންސް އިން ކަނޑާފަ ބާކީ އިންނަ އަދަދުން ބައެއް (އާސަންދަ ލިމިޓާ އެއްވަރަށް) އާސަންދައިން ލިބޭނެ.

މިއަދު ވީގޮތް: ޕްރައިވެޓް އިންޝުއަރެންސް އިން 200 ރުފިޔާ ކަނޑާފަ ބާކީ 500 ރުފިޔާ އެއްކޮށް ދައްކަން ޖެހުނީ ޖީބުން. އެންގީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަކަށް އެއްވެސް އާސަންދައެއް ނުލިބޭނޯ.

މިއީ ކުރިއަށް އޮތްތާންގަ މިކަން ހިނގާނެ ގޮތް ކަމުގައި ވަންޔާ މިއީ ވަރަށް ބޭއިންސާފު އުސޫލެއް. މިކަމުގެ ސަބަބުން މުޅި އަހަރު ތެރޭ އުފުލަން ޖެހޭ މާލީ ތަކުލީފު އެތައް ގުނައެއް ބޮޑުވެގެން ދާނެ. މުޅިއަހަރުގެ އިންޝުއަރެންސް އޯޕީޑީ ލިމިޓަކީ 10،000. ތިންމަސް ދުވަހަށް ނަގަން ޖެހޭ އެންމެ ބޭހެއްގެ އަގުވެސް 11،000 އަށްވުރެ މައްޗަށް އެބަ އަރާ. ޕްރައިވެޓް އިންޝުއަރެންސަކީވެސް އަހަރުމެން ދެފައި ދަމާފަ ތިއްބާ ހިލޭ ލިބޭ އެއްޗެއް ނޫން. މިކަމާ ވިއްދާފަ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ލިބެންޖެހޭ ހައްގަކުން މަހުރޫމް ކުރުމަކީ އެއްވެސް އިންސާފެއް ނޫން.

އިތުރު އެހެން ފަރާތަކުންވެސް، މިކަމާއި ކަންބޮޑުވުން ފާހަގަ ކޮށް ހިއްސާކޮށްފައިވާ މެސެޖެއްގައި މުއިއްޒު މި ގެނައި ބަދަލު، ސިފަކޮށްފައިވަނީ ނިކަމެތި މީހާ ގަސްތުގައި ނިކަމެތި ކޮށްލީ ކަމަށެވެ. ހާލުގައި ދިރިއުޅެމުންދާ 3 ކުދިންގެ މަޔަކު އޭނާގެ ވާހަކަ ހިއްސާ ކޮށްފައިވަނީ އަސަރާއި އެކީއެވެ. އެވާހަކަތައް އޭނާ ހިއްސާ ކުރިގޮތަށް ތިރީގައި މިވަނީއެވެ.

އަމިއްލައަށް ޚަރަދުކޮށްގެން ނުވަތަ ޕްރައިވެޓް ސެކްޓަރގައި ވަޒީފާ އަދާ ކުރާ ފަރާތްތަކަށް އެތަނުން ޕްރިމިއަމް ދައްކައިގެން ނަގާފައި ހުންނަ އިންޝުއަރެންސް އަކީ 15/2011 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ން ކޮންމެ ދިވެހި ރައްޔިތަކަށް ޔަގީން ކޮށްދޭންޖެހޭ ސިއްޙީ ޚިދުމަތުން އޭނާ މަޚުރޫމު ކުރެވޭނެ ކަމެއް ނޫނެވެ. ސާކިޔުލާއެއް ނެރެލައިގެން ދިވެހި ކޮންމެ ރައްޔިތަކަށް ޤާނޫނުން ދީފައިވާ ހައްޤެއް ނިގުޅައިގަތުމަކީ ރައީސް މުއިއްޒަށް ކުރެވޭނެ ކަމެއް ނޫނެވެ.

މިއަދު ފެންނަމުން ދަނީ، ރައްޔިތުން ގަސްތުގައި ނިކަމެތިކޮށް، ސަލާންޖެހުމުގެ ތެރެއަށް ވައްޓައި، ރައީސް މުއިއްޒު ރިޝްވަތުގެ ފައިސާއިން މުއްސަނދިކަން ހާސިލް ކުރަމުންދާ މަންޒަރެވެ.