ޚަބަރު

މިނިވަން ނޫސްވެރިކަން ނައްތާލަން މުއިއްޒު ކޮށްފައިވާ 16 ކަމެއް

ދިޔަވަރު
މިނިވަން ނޫސްވެރިކަން ނައްތާލަން މުއިއްޒު ކޮށްފައިވާ 16 ކަމެއް

ވެރިކަމަށް ވަޑައިގެން ފުރަތަމަ ހަފްތާއިން ފެށިގެން ރާއްޖޭގެ މިނިވަން ނޫސްވެރިކަން ނައްތާލުމަށް، ރައީސް މުއިއްޒު ދަނީ ކެނޑި ނޭޅި އެކިއެކި މަސައްކަތް ކުރަމުންނެވެ. ނޫސްތައް ބްލޮކް ކުރުމާއި، ބިރު ދެއްކުމާއި، ނޫސްވެރިންނަށް ފުރައްސާރަކުރުން މީގެތެރޭގައި ހިމެނެއެވެ.

ތިރީގައި މިވަނީ ނޫސްވެރިކަމާއި ދެކޮޅަށް އޭނާގެ ވެރިކަމުގައި ކޮށްފައިވާ 16 ކަމެކެވެ. ދިޔަވަރު ނޫހުން މި ލިސްޓް އެކުލަވާލާފައި ވަނީ، ރައީސް މުއިއްޒުގެ ހުދުމުހުތާރު ސަރުކާރުން ނޫސްވެރިންނާއި މެދު އަމަލުކުރާ ގޮތް، ރާއްޖެއަށް މާލީ އެހީ ދޭ ޤައުމުތަކުގެ ސަމާލުކަމަށް ގެނައުމަށާއި، މިނިވަން ނޫސްވެރިކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމަށް މިނޫހުންނާއި އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

  1. ރައީސް އޮފީހުން ރާއްޖޭގެ ތާރީހުގައި އަލަށް ރާއްޖޭގެ ނޫސްތަކާއި ދެކޮޅަށް، މީޑިޔާ ކައުންސިލަށް މައްސަލަ ހުށައެޅުން
  2. ރައީސް އޮފީހުން އަންގައިގެން 3 މީޑިޔާއެއް ބްލޮކް ކޮށް، ފާޑުކިޔުންތައް އަމާޒުވުމުން ފަހުން އަންބްލޮކް ކުރުން
  3. ރައީސުލްޖުމްހޫރިއްޔާ އެކި ފަހަރު މަތިން، ރާއްޖޭގެ ނޫސްވެރިންގެ އަގު ވެއްޓޭހެން އެކި ހަފްލާތަކުގައި ބަހުގެ ހަމަލާ ތައް ނޫސްތަކަށް ދިނުން
  4. ރައީސް އޮފީހުން މަޖިލީހަށް ސިޓީ ފޮނުވައި ނޫސްތަކަށް ފިޔަވަޅު ނާޅައިގެން މީޑިޔާކައުންސިލުގެ މައްސަލަ މަޖިލީހަށް ހުށައެޅުން
  5. މީޑިޔާ ތަކަށް ނުފޫޒު ފޯރުވުމަށް އަދި ބިރު ދެއްކުމަށް ރައްޔިތުން މަޖިލީހަށް ބްރޯޑްކޮމް އާއި މީޑިޔާ ކައުންސިލް ހާޒިރު ކުރަން ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ނިންމުން
  6. މީޑިޔާ ކައުންސިލަށް، ރައީސް އޮފީހުން ނުފޫޒު ފޯރުވައިގެން ދިޔަވަރު ނޫހާއި ދެކޮޅަށް އިންޒާރެއް ނެރުން
  7. ކުރިއަށް އޮތް މީޑިޔާ ކައުންސިލުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް، ކައުންސިލަށް ކުރިމަތި ލުމުގެ ވަގުތު ހަމަވެފައި ވަނިކޮށް، މުއިއްޒު ބޭނުންވާ ބަޔަކަށް ފުރުޞަތު ދިނުމަށް ވަގުތު އިތުރު ކުރުން
  8. ރައީސް އޮފީހުން އަންގައިގެން ޕީއެސްއެމްއިން މީޑިޔާ ކައުންސިލްގެ މައްސަލަ މަޖިލީހަށް ހުށައެޅުން
  9. ދައުލަތުގެ މީޑިޔާ ޕީއެސްއެމް، ނޫސްވެރިކަމުގެ ތަރަހައިން ބޭރުކޮށް، ސަރުކާރުގެ ޕްރޮޕަގަންޑާ ފަތުރާ ތަނަކަށް ބަދަލު ކުރުން
  10. މިނިވަން ނޫސްތަކަށް ދެމުންދިޔަ ސްޕޮންސާޝިޕް ރައީސް މުއިއްޒު އަންގައިގެން ސަރުކާރު ކުންފުނިތަކުން ދިނުން ހުއްޓާލުން
  11. ރައީސް އޮފީހުން ޕީއެންސީ މީޑިޔާ ޓީމު މެދުވެރިކޮށް، ބައެއް ނޫސްވެރިންނަށް ފުރައްސާރަކުރުން
  12. މިނިވަން ނޫސްވެރިކަމަށް އޮތް ފުރުޞަތު ދުއްވާލައި، ރައީސް މުއިއްޒަށް ސަނާ ކިޔާ މީޑިޔާތައް އުފެއްދުމަށް ދައުލަތުގެ ބަޖެޓުން ބައެއް އެކަށައެޅުން
  13. މިނިވަން މީޑިޔާތަކަށް ސަރުކާރުން ބާއްވާ ހަފްލާތަކަށް ފުރުޞަތު ނުދިނުން
  14. މީޑިޔާތަކަށް މައުލޫމާތު ދިނުމުަގައި ތަފާތު ކުރުމާއި، އާރުޓީއައި ހުށައަޅައިގެންވެސް މައުލޫމާތު ނުދީ ހިފެހެއްޓުން
  15. މީޑިޔާ ކައުންސިލްގެ ރައީސް އޭނާ ޕީއެސްއެމްގައި ހުރި ވަޒީފާއިން ވަކި ކޮށް ފާޑު ކިޔުން އަމާޒު ވުމުން ވަޒީފާ ދިނުން
  16. މީޑިޔާކައުންސިލްގެ ފަރާތުން ބޭއްވި ނޫސްވެރިންނަށް އެވޯޑް ދިނުމަށް އިންސާފު ކުރި، ފަނޑިޔާރުން ރައީސް އޮފީހަށް ހާޒިރުކޮށް، އެފަރާތްތަކުން އިންސާފުކޮށް އެވޯޑް ދީފައިވާ "ސްކީލާން" ޑޮކިޔުމެންޓްރީ އަށް އިންސާފު ކޮށްފައިވަނީ ނުބައިކޮށް ކަމަށް ބުނެ ބަޔާން ނެރުވުން.

މުއިއްޒު މަސައްކަތް ކުރަމުންދަނީ މީޑިޔާ ކައުންސިލް މެދުވެރިކޮށް އޭނާ ބޭނުންވާ ނޫސްތަކެއް ބްލޮކް ކޮށް ފިޔަވަޅު އެޅުމަށެވެ. އެކަމަށް ހުރަހަކަށް ވެގެން އުޅެނީ މިނިވަން ނޫސްވެރިންގެ މަސައްކަތެވެ. ނަމަވެސް އޭގެ ތެރޭގައި ސަރުކާރުގެ ޑިމާންޑްތަކަށް ދީލާލަމުންދާ މަދު ނޫސްވެރިންތަކެއް ތިބުމަކީ ހިތާމައެކެވެ.