ޚަބަރު

ރާއްޖޭގެ ބޮޑެތި އިންޝުއަރެންސް ކުންފުނިތަކުން މެޑިކަލް އިންޝުއަރެންސް ދިނުން ހުއްޓާލުމަށް މަޝްވަރާ ކުރަނީ

ދިޔަވަރު
ރާއްޖޭގެ ބޮޑެތި އިންޝުއަރެންސް ކުންފުނިތަކުން މެޑިކަލް އިންޝުއަރެންސް ދިނުން ހުއްޓާލުމަށް މަޝްވަރާ ކުރަނީ

ރާއްޖޭގައި އޮތް ޕްރައިވެޓް އިންޝްއަރެންސް ސިސްޓަމަކީ ޤާނޫނުން ކޮންމެ ރައްޔިތަކަށްވެސް ދިނުމަށް މަތިކޮށްފައިވާ އާސަންދައިގެ ޚިދުމަތުން ބޭރުން ކަމެއް ދިމާވެއްޖެ ނަމަ، އެކަމަށް ހައްލު ހޯދުމަށް އެކުލަވާލައިގެން ކުންފުނިތަކުން ފޯރުކޮށް ދެމުންދާ އިންޝުއަރެންސް އެކެވެ. އެ އިންޝުއަރެންސްގެ ޕްރިމިއަމް ބިނާކޮށްފައިވަނީ މި އަސާސްގެ މައްޗަށެވެ.

ނަމަވެސް ސަރުކާރުން، ޕްރައިވެޓް އިންޝުއަރެންސް ބޭނުންކުރާ ފަރާތްތަކަށް އާސަންދަ ނުލިބޭނެ ކަމަށް ނިންމައި، އެކަން ތަންފީޒު ކުރަން ފެށުމުން، އިންޝުއަރެންސް ކުންފުނިތަކުން އެމީހުން އިންޝުއަރެންސް ޕެކޭޖް ތަޢާރަފް ކުރުމުގައި ބަލާފައިވާ އަސާސްގެއްލި، އިންޝުއަރެންސް ކުންފުނިތަކަށް ގެއްލުން ވާން ފަށައިފިއެވެ.

މިކަމުން ސަލާމަތް ވުމަށް އިންޝުއަރެންސް ކުންފުނިތަކަށް އޮތީ، އިންޝުއަރެސްގެ ޕްރިމިއަމް ބޮޑު ކުރުން ނޫނީ މެޑިކަލް އިންޝުއަރެންސްގެ ޚިދުމަތް ހުއްޓާލުމެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރު ކުންފުނި އެލައިޑް ނޫން އެހެން ހުރިހާ މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދޭ ފަރާތްތަކުން އެ އިންޝިއުރަންސް ދިނުން ހުއްޓާލަން ދަނީ ވިސްނަމުންނެވެ.

ރައީސް މުއިއްޒު އާސަންދަ އިންޝުއަރެންސް ވަކި ބަޔަކަށް ހުއްޓާލި އިރު، ސިފައިންނާއި ފުލުހުންނަށް ޑަބަލްކޮށް އާސަންދަ އަދި ނޫސަންދައިން ދަނީ ޚިދުމަތް ދެމުންނެވެ. މީގެ އިތުރުން ސަރުކާރުގެ އިންޝުއަރެންސް އާސަންދަ ޤާނޫނާއި ޚިލާފަށް ވަކިބަޔަކަށް ނުދޭން ނިންމި އިރު، ސަރުކާރުން ދަނީ ޚަރަދުތައް އިންތިހާއަށް ބޮޑުކޮށް، އިސްރާފު ކުރަމުންނެވެ. މީގެ ދެ ދުވަސް ކުރިން ރައީސްގެ އަނބިކަބަލުން ރަސްމީ ދަތުރު ފުޅެއްގައި ރާއްޖެއިން ބޭރުން އެ ވަޑައިގަތީ އެތައް ފައިސާއެއް އިސްރާފު ކުރެއްވުމަށް ފަހުގައެވެ. އަދި މި ދަތުރުން ދިވެހިރާއްޖެއަށް ލިބުނު އެއްވެސް ފައިދާއެއް ނެތެވެ.