ޚަބަރު

ރޭ ދަންވަރު، އެންސްޕާއިން ދޮގު ހަދައި ނޫސް ބަޔާނެއް ނެރެފި

ދިޔަވަރު
ރޭ ދަންވަރު، އެންސްޕާއިން ދޮގު ހަދައި ނޫސް ބަޔާނެއް ނެރެފި

ރޭ ދަންވަރު، އެންސްޕާއިން ދޮގު ހަދައި ބަޔާނެއް ނެރެފިއެވެ.

އެންސްޕާއިން ނެރުނު ބަޔާނުގައި ހާމަ ކޮށްފައި ވަނީ، 31 އޮކްޓޯބަރ 2024 ގައި އެފަރާތުން ނެރުނު އިއުލާނުގައި ބަޔާން ކުރެވިަފއި ވާ ފަދައިން، އެއްވެސް ފަރާތަކުން ޕްރައިވެޓް އިންޝުއަރެންސް ނުވަތަ ކަވަރޭޖް ނުލިބޭ ހާލަތެއްގައި ނަމަ، އެފަރާތަކަށް އާސަންދައިން ޚިދުމަތް ލިބޭނެ ކަމަށެވެ. އެއީ އަމިއްލަ އިންޝުއަރެންސް އިން ކޭޝްލެސް ޕޭމެންޓް ހުއްޓުން ކަމުގައިވިއަސް، އަދި އެ ޕޮލިސީއިން ކަވަރޭޖް ނުލިބިގެން އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހުން ކަމުގައި ވީނަމަވެސްމެއެވެ. މިފަދަ ކޮންމެ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް މި ބަޔާނުގައި ލިޔެފައި ވަނީ، 31 އޮކްޓޯބަރ 2024 ނެރުނު ބަޔާނުގައި އެކަން ފާހަގަ ކޮށްފައި އޮތް ކަމަށް ބުނެއެވެ.

ނަމަވެސް 31 އޮކްޓޯބަރ 2024 ގައި ނެރުނު ބަޔާނުގައި އޮތީ އެއާއި ޚިލާފަށް ޕްރައިވެޓް އިންޝުއަރެންސް ހުރި ފަރާތްތަކަށް އާސަންދަ ނުލިބޭނެ ކަމުގެ ވާހަކައެވެ. އިސްތިސްނާ ވާނެ، އެއްވެސް ހާލަތެއް އޭގައި ބަޔާންކޮށްފައި ނުވެއެވެ.

ތިރީގައި މިވަނީ އާސަންދައިންނާއި، އެންސްޕާއިން ނެރުނު ދެ ބަޔާނެވެ.

1. ފުރަތަމަ 31 އޮކްޓޯބަރ 2024 ގައި ނެރުނު ބަޔާން

      2. ރޭ ދަންވަރު ދޮގު ހިމަނައިގެން ރައްޔިތުންނަށް އޮޅުވާލަން ނެރުނު ބަޔާން

      މި ދެބަޔާން ބަލާލުމުންވެސް، ސަރުކާރުން ކަންކަމުގައި ރައްޔިތުންނަށް އޮޅުވާލައި ދޮގު ހަދާ މިންވަރު ހާމަ ވެގެން ދާނެއެވެ.

      އޭޑީކޭއިން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ނޫސްތަކަށް ހާމަ ކޮށްފައިވަނީވެސް، ކޭޝްލެސް ޕޭމަންޓް އިންޝުއަރެންސްތަކުން ހުއްޓާލުމުން، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭނެ ވާހަކައެވެ. އެފަދަ ހާލަތެއްގައިވެސް އާސަންދަ ބޭނުން ނުކުރެވޭނެ ވާހަކައެވެ. އެވާހަކަ އެގޮތަށް އޭޑީކޭއިން ދައްކާފައިވަނީ 31 އޮކްޓޯބަރ 2024 ގައި އާސަންދައިން ނެރެފައިވާ ނޫސް ބަޔާނަށް ރިއާޔަތް ކޮށްފައެވެ.

      އެންސްޕާއިން ދޮގު ހަދައި ނޫސް ބަޔާނެއް ނެރެފައިވަނީ، ސަރުކާރުން އާސަންދައިގެ ޚިދުމަތުގެ ހައްޤުން އެތައް ބަޔަކު މަހުރޫމު ކޮށްލުމުން ރައްޔިތުންގެ މެދުގައި އުފެދުނު ނުތަނަވަސްކަން ސޯޝަލް މީޑިޔާއިން ހާމަ ވާން ފެށުމުން އެއަށް ޖަވާބުދާރީ ވުމުގެ ގޮތުން ކަމަށް ބެލެވެއެވެ. ނަމަވެސް ރައީސް މުއިއްޒު އަކީ އިންތިހާއަށް އިތުރުފުޅު ހައްދަވާ ބޭފުޅަކަށް ވުމުން، އެންސްޕާއިންވެސް ނިންމެވީ ދިވެހިންގެ ލޮލަށް ބޮލަށް ގޮވައި ދޮގު ހަދައިގެން ބަޔާނެއް ނެރުމަށެވެ. ތެދެއް ހެދެން އޮތްތަނެއްގައިވެސް ތެދުބަހުން ސަރުކާރުން އެންމެ ކަމެއްގައިވެސް ރައްޔިތުންނާއި މުހާތަބު ކޮށްލަނީކީ ނޫނެވެ.

      އާސަންދައަށް މިފަހުން ރައީސް މުއިއްޒު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ބައެއް ފަރާތްތަކަށް ބޭހާއި، ބައެއް އިންޖެކްޝަނާއި ޚިދުމަތް ނުލިބި ވަނީ ބޭސްފަރުވާއަށް ސަލާން ޖަހަން ޖެހިފައެވެ.