މީގެ 36 އަހަރު ކުރިން ތަމަޅައިން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް އިންޑިއާއިން ފޯރުކޮށްދިން އަސްކަރީ އެހީއަށް, މުއިއްޒު ޝުކުރު އަަދާ ނުކުރިއެވެ. މިއަދު މިއަދު ފާހަގަ ކުރެވެމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މުއިއްޒު އެކްސް ޕޯސްޓެއް ކޮށްފައިވާއިރު, އެ އެކްސް ޕޯސްޓުގައި މުއިއްޒު ލިޔުއްވާފައިވަނީ ނަސްރުގެ ދުވަހަށް ޚާއްސަކޮށްފައިވާ ލަވައެއްގެ ލިރިކްސް އެވެ.
ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް އެންމެ ބޮޑު ގޮންޖެހުމަކާއި ނުރައްކަލެއް ކުރިމަތިވެގެންދިޔަ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހެވެ. އެދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން އިރު އެންމެ އިސްކޮށް ހުރި ހާޖަރާގޭ ލުތުވީއެވެ.
އެހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް, އޭރުގެ ރައީސް މައުމޫންގެ އެދިވަޑައިގަތުމަށް އިންޑިއާއިން ރާއްޖެއަށް ވަގުތުން އަސްކަރީ އެހީތެރިކަން ފޯރުކޮށް ދީފައި ވެއެވެ. އަދި ތަމަޅައި ރާއްޖެ ދޫކޮށް ފިލައިގެން ދަނިކޮށް, ކަނޑުމަތިން އެމީހުން ހައްޔަރުކޮށް, ބާޢީން ރާއްޖެ ގެނެސްފައިވަނީވެސް އިންޑިއާ ސިފައިންނެވެ.
އެގޮތުން, ހުރިހާ އަހަރެއްގައިވެސް ރާއްޖޭގައި ނަސްރުގެ ދުވަސް ފާހަގަ ކުރަމުންދާއިރު, އިންޑިއާއިން ފޯރުކޮށްދީފައިވާ އަސްކަރީ އެ އެހީއަށް އޭރަކު އޮންނަ ސަރުކާރަކުން ޝުކުރު އަދާކޮށްފައި ވެއެވެ.
އެހެންނަމަވެސް މިއަހަރުގެ ނަސްރުގެ ދުވަހު, އިންޑިއާއިން ފޯރުކޮށްދީން އެހީއަށް މުއިއްޒު ޝުކުރު އަދާކޮށްފައެއް ނުވެއެވެ. މުއިއްޒު ފާހަގަ ވެގެންދަނީ, އިންޑިއާއިން ހަމައެކަނި މާލީ އެހީތެރިކަން ބޭނުންވެގެން ދަޅަ ދައްކަވައިގެން އުޅުއްވާ, އެހެންނަމަވެސް އިންޑިއާއަށް ހިތުގެ އަޑީގައި ނަފްރަތުގެ އަލިފާން ރޯކޮށްގެން އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ.