ރިޕޯޓު

ނޮވެމްބަރު 3 ގެ ޓެރަރިސްޓް ހަމަލާއިން ރާއްޖެ ސަލާމަތްވީ ދިވެހި ސިފައިންނާއި، އިންޑިޔާ ސިފައިންގެ މަސައްކަތުން! އަދި ހަމަލާ ދޭނެކަމަށް މާކުރިން ލިބުނު މަޢުލޫމާތުން!

ދިޔަވަރު
ނޮވެމްބަރު 3 ގެ ޓެރަރިސްޓް ހަމަލާއިން ރާއްޖެ ސަލާމަތްވީ ދިވެހި ސިފައިންނާއި، އިންޑިޔާ ސިފައިންގެ މަސައްކަތުން! އަދި ހަމަލާ ދޭނެކަމަށް މާކުރިން ލިބުނު މަޢުލޫމާތުން!

ނޮވެމްބަރ 3، 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއަކީ ދިވެހި ޚާއިނުންގެ މަދުބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ އެކުވެގެން ހިންގި ނުރައްކާތެރި ބަޣާވާތެކެވެ. އެދުވަހުގެ ހަމަލާއަކީ ދިވެހި ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ދެވުނު އެންމެ ބާރުގަދަ ބިރުވެރި ނުރައްކާތެރި ހަމަލާއެވެ. އެދުވަހު 18 ވަރަކަށް ގަޑިއިރު މާލޭގެ މައްޗަށް އަތްގަދަކޮސްގެން ތިބީ ސްރީލަންކާގައި އުޅުނު ޓެރަރިސްޓް ޖަމާޢަތެއްގެ 80 މީހުންގެ ލަޝްކަރެކެވެ. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށެވެ. އެދުވަހުގެ ހަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ.

މި ޢުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ވީ މައިގަނޑު 3 ސަބަބަކާއި ހުރެއެވެ!

ދިވެހި ސިފައިންގެ މަތިވެރި ޖިހާދު:

ގާތްގަޑަކަށް 18 ގަޑިއިރު ވަންދެން ދިވެހި ސިފައިން ބާޣީންނާއި ހަނގުރާމަ ކުރަމުން ގެންދިޔައިރު، ދިވެހި ސިފައިން ދެމިތިބީ އެމީހުންގެ ޤައުމީ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި، އަމާނާތްތެރި ކަމާއި އެކީގައެވެ. ދިވެހި ސިފައިންގެ ކުރެން އެންމެ މީހަކުވެސް، ޤައުމަށް ގައްދާރުވެފައެއް ނުވެއެވެ. މާތްﷲ މަދަދާއި އެކު، ދިވެހި ފައުޖު ހަމަލާ ބަދަލު ކުރަމުން ދިޔައީ ނުހަނު ހިތްވަރާއި އެކުގައެވެ.

އިންޑިޔާ ސިފައިން:

ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ދިވެހި ސަރުކާރުން ޢަސްކަރީ އެހީއަށް އެދުނީ އިންޑިޔާ ސަރުކާރުގައެވެ. އިންޑިޔާ ސަރުކާރުގެ އެހީއަށް އެދެން ޖެހުނީ، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި އިތުބާރު އޮތް ގުޅުމުގެ ސަބަބުންނެވެ. އަދި އެންމެ ގާތުގައި އޮތް އަސްކަރީ އެފަދަ ބާރަކީ އިންޑިޔާކަމުގައި ވާތީއެވެ. އެހެންކަމުން ވަރަށް އަވަހަށް އިންޑިޔާގެ އަސްކަރީ އެހީ ރާއްޖެއަށް ލިބުނެވެ. ކުލީ ސިފައިންގެ ހަމަލާ ބަދަލުކުރަން ފެށިތާ 17 ވަރަކަށް ގަޑިއިރު އިންޑިޔާ ސިފައިންގެ 1600 މީހުން ހިމެނޭ ފައުޖެއް ރާއްޖެ އައިސް ޙަރަކާތްތެރި ވާން ފެށިއެވެ. އިންޑިޔާ ސިފައިން ރާއްޖެ އަށް އާދެވުނު އިރު، ހަނގުރާމަ ވަނީ ކޮންމެވެސް ވަރަކަށް މައިތިރިވެފައެވެ. ރައީސް މައުމޫނު ވިދާޅުވި ގޮތުންނަމަ، އެމީހުން ހަނގުރާމަ ރޭވި ގޮތަކަށް ކުރިއަށް ނުދިޔައެވެ. އަދި އިންޑިޔާ ސިފައިން ރާއްޖެ އަންނަތަން ފެނުމާއި އެކު، އެމީހުންނަށް ޖެހުނީ އަވަހަށް ރާއްޖެ ދޫކޮށް ފިލުމަށެވެ.

"ޕްރޮގްރެސްލައިޓް" ބޯޓަށް އަރައިގެން ފިލައިގެން ދަނިކޮށް އިންޑިޔާ ސިފައިން އެމީހުންނާއި އަރާ ހަމަކޮށް، އަމާން ދިނުމަށް ގޮވާލައި، އަމާން ނުދިނުމުން، އިންޑިޔާ ކަނޑުގެ ސިފައިންގެ ދެ މަނަވަރަކުން އެމީހުންނަށް ހަމަލާދީ، ގިނަ އަދަދެއްގެ ރަހީނުން ސަލާމަތް ކޮށްދިނެވެ. އަދި ފިލަންދިޔަ ޓެރަރިސްޓުން ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެސްދިނީ އިންޑިޔާ ސިފައިންނެވެ.

ރައީސް މައުމޫނު އޭރުގައި ވިދާޅުވެފައި ވަނީ "ރައްޔިތުންގެ ފުރާނަ ހަނގުރާމާގައި ގެއްލިގެންދާނެ މިންވަރު ކުޑަކުރުމަށްޓަކައި، ބޭރުގެ އެހީއަށް އަޅުގަނޑުމެން ބޭނުންވި" ކަމަށެވެ.

ދިވެހިރާއްޖޭގައި ހިންގުނު އޮޕަރޭޝަނުގައި ބައިވެރިވި، އިންޑިޔާ ސިފައިން ދައްކުވައިދިނީ ދެ ޤައުމުގެ ދެމެދުގައި އޮންނަންޖެހޭ އެއްބާރުލުމުގެ ލާމަސީލު މިސާލެއް. ރަހުމަތްތެރި ސުލްހަވެރި ޤައުމެއް އެމީހުންގެ އެހީއަށް ބޭނުންވި ހިނދު، އަމިއްލަ ފުރާނައަށް ބެލުމެއްނެތި، ފަސްޖެހުމަކާއި ނުލައި، އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަން އެބޭފުޅުން ދައްކުވައިދިން.

ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވިއެވެ.

ރާއްޖޭގެ ސަރުކާރުގެ އެދުމަށް އިންޑިޔާއިން ދިން އަވަސް އިޖާބަ، ބޭރުގެ ޤައުމުތަކުން ފާހަގަ ކޮށް ޝުކުރު އަދާކުރިއެވެ. މިގޮތުން އެމެރިކާއިންނާއި، އިނގިރޭސި ވިލާތުން ވެސް މިކަން އޭރު ފާހަގަކޮށްފައިވެއެވެ.

ހަމަލާ ދޭނެކަމަށް ކުރިން ލިބުނު މަޢުލޫމާތުން:

1988 ވަނަ އަހަރުގެ ޖޫންމަހު ފަހުކޮޅު ޢަބްދުލްމަޖީދު ޚާލިދު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނައިބު އަލްފާޟިލް އިލްޔާސް އިބްރާހީމާ ބައްދަލުކުރަން އެދުނެވެ.އިލްޔާސް އޭނާއާ ބައްދަލުކުރެއްވުމުން އޭނާ އިލްޔާސް އަރިހުގައި ދެންނެވީ، އޭނާ އެންމެފަހުން ސްރީލަންކާގައި ހުރިއިރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ، އޭނާއާ ބައްދަލުވެގެން ދެއްކި ވާހަކައިގެ ތެރޭގައި، ރާއްޖޭގައި މިހާރު އޮތް ސަރުކާރު ބަދަލުކޮށްލަން އޭނާ މަސައްކަތްކުރާ ކަމަށާއި، އޭނާއަށް އެހީވާނޭ މީހުންކޮޅެއް މާލެއިން ހޯދައިދިނުމަށް ޢަބްދުލްމަޖީދު ޚާލިދުގެ ކިބައިން ލުޠުފީ އެދުނު ކަމުގައެވެ. މި ވާހަކަ ޢަބްދުލްމަޖީދު ޚާލިދު އައިސް އިލްޔާސް އަރިހު ދެންނެވީމާ، އެވަގުތުން ފެށިގެން މިކަމާބެހޭ މަސައްކަތް ފެށްޓެވިއެވެ. އޭރު ތިއްބެވި އެން.އެސް.އެސް.ގެ އެންމެ އިސް އޮފިސަރުންނާ އިލްޔާސް ބައްދަލުކުރައްވައި، އެބޭކަލުންނާ ވާހަކަ ދައްކަވައި، މަޝްވަރާ ކުރައްވައި، އެހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަތީ، ޚާއްޞަ ފިޔަވަޅުތަކެއް އަޅުމަށެވެ. އެއީ ސިފައިންގޭގެ މުހިންމު ޕޮއިންޓްތައް ވަރުގަދަކުރުމާއި، މެއިން ގޭޓާ ދިމާޔަށް ދިމާވާގޮތަށް އިތުރު މެޝިން ބަޑި ބެހެއްޓުމާއި، ބަނޑޭރިގޭ ގޭޓް ދުވާލުވެސް ބަންދުކޮށްފައި ބަހައްޓާގޮތަށް ހަމަޖެއްސުމެވެ. އަދި އެތެރޭގެ މުހިންމު ޕޮއިންޓްތައްވެސް ކުރިއަށްވުރެ ވަރުގަދަކުރުމާއި، ކުރިން ހަތިޔާރު ހިފައިގެން މީހުން ނުތިބޭ ތަންތަނުގައި ހަތިޔާރު ހިފައިގެން މީހުން ބައިތިއްބާގޮތަށް ހަމަޖެއްސުމާއި، ހަތިޔާރުގައި ވަޒަންވެސް ހުންނަ ގޮތަށް ހަމަޖެއްސުމެވެ. އަދި ސިފައިންގެ ތެރޭގައި މީހުން ތިބި ޢަދަދުގެ މައްޗަށް ބައްލަވާފައި، ވެވެންއޮތްވަރަކުން ރޭގަނޑު ރަށުތެރެޔާއި މާލެ ވަށައިގެން ބެލެހެއްޓޭނެ ގޮތްތައްވެސް ވަނީ ހަމަޖައްސަވާފައެވެ.

ރާއްޖެ މި ހަމަލާއިން ސަލާމަތްވެގެން ދިޔައީ މިކަންކަމުގެ މައްޗަށެވެ. މާތްރަސްކަލާންގެ އިރާދަފުޅާއި އެކުއެވެ.

ރާއްޖެއަށް އަނެއްކާވެސް މިފަދަ ހަމަލާއެއް އަތުވެދާނެތަ؟

ރާއްޖޭގައި ޓެރަރިސްޓުން އެބަތިބިކަމަށް ބައިނަލްއަޤްވާމީ ދުނިޔޭގެ ރިޕޯޓްތަކުގައި ހިމެނިފައިވެއެވެ. އަދި ހަނގުރާމަ ތަކުގައި ބައިވެރިވި މީހުން އެނބުރި ރާއްޖެއަށް ވަނީ އައިސްފައެވެ. އަދި ރާއްޖޭގެ ކުރީގެ ރައީސަކަށްވެސް ވަނީ ބޮމުގެ ހަމަލާއެއް ދީފައެވެ. އަދި އޭގެ ކުރިން ސަލްޓަން ޕާކުގައި ވަނީ ބޮމުގެ ހަމަލާއެއް ދީފައެވެ. މިފަދަ މީހުންނާއި ގުޅުންހުރި ބޭރުގެ ޖަމާޢަތަކާއި ގުޅިގެން ރާއްޖެއަށް ހަމަލާއެއް ދީފި ނަމަ، އެޒަމާނަށްވުރެ ބޮޑު ގެއްލުމަށް ދިވެހި އިސްލާމީ އުންމަތަށް ލިބިގެން ދާނެއެވެ. މިފަދަ ކަންކަމަށް ވިސްނައި، ދިވެހި ލަޝްކަރުތައް އިތުރަށް ބާރުވެރިކުރުވައި، ޒަމާނީ ހަތިޔާރު ހޯދައި، ކުރިންވެސް ދިވެހިރާއްޖެއަށް އެކި ހާދިސާތަކުގައި އެހީތެރިވެފައިވާ އަވަށްޓެރި ޤައުމުތަކާއި އޮތް ގުޅުން ބަދަހިކޮށް ގުޅުން ރަނގަޅު ކުރުމަކީ އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓުމުގައި މުހިންމު ކަމެކެވެ.