ރާއްޖެއިން ބޭރުގައި ގާއިމް ކޮށްފައިވާ ގިނަ ދިވެހި އެމްބަސީތަކާއި ހައި ކޮމިޝަންތަކުގެ މުވައްޒަފުންނަށް ފާއިތުވި 2 މަސްދުވަހުގެ މުސާރަ ދީފައި ނުވާކަން "ދިޔަވަރު އޮންލައިން"އަށް ކަށަަވަރު ކުރެވިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ރާއްޖެއިން ބޭރުގެ ބައެއް އެމްބަސީތަކުގެ މުވައްޒަފުން މައުލޫމާތު ދީފައިވާ ގޮތުގައި, ފާއިތުވި ދެމަހުގެ މުސާރަވެއް އެމުވައްޒަފުންނަށް ދީފައި ނުވުމާއެކު, ގިނަ އާއިލާތައް ހާލުގައި ޖެހިފައިވާ ކަމުގައެވެ. އެގޮތުން ދަރިންގެ ސްކޫލު ފީތައް ނުދެއްކި, އަދި އެނޫންވެސް އެފަދަ ޒަރޫރީ ބޭނުންތައް ފުއްދުމުގައި އާއިލާތަކަށް މިހާރު ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި, އެމްބަސީތަކުގެ މުވައްޒަފުން ބުނެފައި ވެއެވެ.
ރާއްޖެއިން ބޭރުގެ މިޝަންތަކުގެ މުވައްޒަފުންގެ ދެ މަސްދުވަހުގެ މުސާރަތައް ދީފައި ނުވާއިރު, މި ސަރުކާރުން ދަނީ, ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލަމުންނެވެ. އެގޮތުން 228 ސިޔާސީ މުވައްޒަފަކު މިހާރު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ ސަރުކާރުން ދަނީ އޮޅުވާލަމުންނެވެ.
އަދި ސިޔާސީ މުވައްޒަފުންގެ މުސާރަތަށް ކުޑަކޮށްފައިވާކަމަށް ބުނެވެސް ސަރުކާރުން ދަނީ ދޮގު މައުލޫމާތު ފަތުރާ, ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކަށް ނަނާ ހުވަފެން ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.
އަދި, ޚަރަދު ކުޑަކުރުމުގެ ނަމުގައި, ރައްޔިތުންނަށް އޮޅުވާލުމަށްފަހު, މި ސަރުކާރުގެ އިސްވެރިން އަދިވެސް ދަނީ ފަސްޓު ކުލާހުގައި ދުނިޔޭގެ ކަންކޮޅުތަކުގައި އުދުހެމުންނެވެ. އަދި ސިޔާސީ ބޭނުންމަށް ބޮޑެތި މުސާރާގައި އެކްޓިވުންނަށް ވަޒީފާ ދިނުން އަދިވެސް މި ސަރުކާރުން ހުއްޓުމަކަށް ގެނެސްފައެއް ނުވެއެވެ.
މިހާރު ރާއްޖެއަށް ކުރިމަތި ވެފައިވާ ޑޮލަރު ތާށިކަމަކީ, މި ސަރުކާރުން ރާއްޖޭގެ ބޭންކިން ނިޒާމުގެ އިތުބާރު ގެއްލުވާލާ, މާލީ ނިޒާމް ފުނޑާލުމުގެ ނަތީޖާ ކަމުގައި އިގްތިސާދީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.