އޯލެވެލް އިން ފާސް ނުވެއްޖެނަމަ، މަތީ ތައުލީމަށް އޮތް ފުރުޞަތު ގެއްލުވާލައި ފުލުހަށާއި، ސިފައިންގެ ޚިދުމަތަށް 16 ގެ ކުދިން ވައްދަން މަޖުބޫރު ކުރުވަން ރައީސް މުއިއްޒު ނިންމަވައިފިއެވެ.
"އޯލެވަލް ނިމި އޭލެވަލްއަށް ނުދެވި ތިބޭ ކޮންމެ އަހަރަކު ވެސް ހިސާބުތަކުން އެބަ ދައްކާ 2000 އާއި 3000 އާ ދޭތެރޭގެ އަދަދެއްގެ ކުދިން އެބަ އުޅޭ. އޯލެވަލްއިން އެކަށީގެންވާ ވަރަކަށް ފާސް ނުވެ، އޭލަވަލްއަށް ނުދެވި. ވަޒީފާއެއް ވެސް ނުލިބޭ. އަދި ހަމަ އެހާ އެކީގައި އޭލެވަލް ނިންމާފައި ޑިގްރީއަށް ނުފެށޭ ގާތްގަނޑަކަަށް ކޮންމެ އަހަރަކު ވެސް 500 އެއްހާ ކުދިން، 500 އާއި 1000 އާ ދޭތެރޭގައި، މަދުވެގެން 500 ކުދިން، މި ވޭތުވެ ދިޔަ ތިން ހަތަރު އަހަރުގެ ހިސާބުތަކުން ދައްކާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ދެއްވި ތަފާސްހިސާބު ތައް ތެދުކަމުގައި ވާނަމަ، މައްސަލައަކީ ތައުލީމީ ނިޒާމުގެ ބަލިކަށިކަމުގެ މައްސަލައެއްކަން ސާފުކޮށް އެނގެއެވެ. އެނީޒާމު ފެއިލްވެ، ނުކުންނަ ކުދިން، މަތީތައުލީމު ހާސިލު ކުރުމަށް ބޭނުންވާ މަގުތައް ނުދެއްކި، މަތީ ތަޢުލީ ނިޒާމު ވެސް ރާއްޖޭގައި ފެއިލްވެފައިވާ މިންވަރު މި ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ވޮކޭޝަނަލް ޓްރެއިނިންގ ފެއިލްވެފައިވާ ތަން ފެނިގެންދެއެވެ. އެހެންކަމުން ހައްލެއް ހޯދަންވީ ތައުލީމީ ނިޒާމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ކިބާގައި އެފަދަ އިލްމީ އަދި ހިލްމީ ޤާބިލު ކަމެއް ނެތުމުން، ނިންމެވީ، އަޅުގަނޑުމެންގެ 18 އަހަރު ނުފުރޭ ޓީނޭޖް ކުދިން ފުލުހާ ސިފައިންގެއަށް ވަންނަން މަޖުބޫރު ކުރުވުމަށެވެ.
މުއިއްޒުގެ އިލްމީ ފެންވަރު ހުރި މިންވަރަކީ، މީހުން ތުންތުން މަތިން ކިޔާ އުޅޭ މޮޅުކަމަށް އާންމުގެ މެދުގައި ހީވެފައި ހުންނަ ކަންކަން ޕޮލިސީއަށް ހެދުމެވެ. ޕޮލިސީ ހަދާ ގޮތަކީވެސް، ކެބިނެޓުގައި ތިބި އިލްމެއް ހިލްމެއް ނެތް އަބްދުއްރަހީމްގެ ދަރި ފައިސަލް އާއި، އެއް އިރެއްގައި ޑޮޓް ޖަމާއަތަށް ނިސްބައިވާ މުއިއްޒުގެ ގާތް ރައްޓެއްސެއްކަމަށް ވާ އެޑިޔުކޭޝަން މިނިސްޓަރު އިސްމާއިލްމެން ފަދަ ރޯނުއެނދުރުން ދޭ ޚިޔާލަކީ ޤައުމު ހިނގަންވީ ގޮތްކަމަށް ނިންމުމެވެ. އެހެދުނީ ޕޮލިސީއެވެ. ރައީސް މުއިއްޒުގެ ކެބިނެޓު ބައްދަލުވުމަށް އަރާ މީހުންނަށް ވުރެ، ޤާބިލު މީހުން އައްބަޅޭ ހޮޓަލުގެ އެއް މޭޒެއްގައި ކާން ތިބޭ މަންޒަރު ފެންނަނީ މަދެއްކުނެއް ނޫނެވެ.
ހަޤީގަތުގައި ޕޮލިސީއެއް ނަހަދައެވެ. ކޮފީ މޭޒަކުން ދެމީހަކު ކަން ނިންމާހެން، މުއިއްޒު އާއި އޭނާގެ ނާގާބިލު ކެބިނެޓުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން ހިނގަންވީ ގޮތް ތިބެލާފައި ހަމަ ނިންމާލަނީއެވެ. އެއްވެސް ގޮތަކަށް ބޭރުގެ އިލްމީ ކޭސް ސްޓަޑީސްތައް ބަލާފައެއް ނޫނެވެ، ރަނގަޅު ރިސާރޗެއް ކޮށްފައެއް ވެސް ނޫނެވެ. ،އަދި ރާއްޖޭގެ މަސްރަހަށް މިފަދަ ކަމަކުން ކުރާނޭ އަސަރެއްވެސް އިލްމީ ގޮތުން ބަލާފައެއް ނޫނެވެ. މީގެ ސަބަބުން އަޅުގަނޑުމެންގެ ދަރީންގެ މުސްތަޤްބަލަށް އެޅިދާނެ ހުރަހަކާއިމެދު ކުޑަކޮށްވެސް ރިސާޗެއް ހެދުމެއް ނެތި ހަމަ ނިންމާލަނީއެވެ. މާލެ އާއި ފުށި ދިއްގަރުފަޅާއި ދެމެދު އަންޑަވޯޓަރ ޓަނަލްއެއް އަޅަން މުއިއްޒު ނިންމި ގޮތަށެވެ. ކޮންމެވެސް މަރުމޯލެއް ދޭ ޚިޔާލެއް، އުޑެއް ބިމެއް ނުބަލައި، ޤާނޫނު ބަދަލުކޮށްލަނީއެވެ.
މުއިއްޒު ކިޔެވީ ސިވިލް އިންޖިނިއަރިންނެވެ. އެއްވެސް އިޖުތިމާޢީ އިލްމެއް ހުރި މީހެއް ނޫނެވެ އެހެންކަމުން އިތުރަށް ކަންކަން ގޯހުން ގޯހަށް ދާނެ މިންވަރު އަންދާޒާ ކޮށްލާށެވެ.
މުއިއްޒު ބޭނުންވާ ގޮތަށް މަޖުބޫރުން ސިފައިންގެ ޚިދުމަތަކަށް ވެއްދުމަކީ އެންމެ އެކަށީގެންވާ ހައްލެއް ނޫނެވެ. މިއީ 16 އަހަރުގެ ކުޑަ ކުދިންތަކެއްގެ އަސާސީ ހައްޤުތަކަށް އަރައިގަތުމުގެ އިތުރުން، އެ ކުދިންގެ މުސްތަޤްބަލް އެކުދިންގެ ހުވަފެންތަކާއި އެއްގޮތަށް ބައްޓަން ކުރުމަށް އޮތް ފުރުޞަތު އޯލެވެލް އިން ފާސް ނުވީތީ ދުއްވާލުމެވެ.
މިހާރުވެސް މަތީ ތައުލީމީ ނިޒާމުގެ ތެރެއިން ހުރި ހައްލުތަކުން، އޯލެވެލް އިން ފާސްނުވާ ކޮންމެ ކުއްޖަކީ އޭނާގެ މުސްތަޤްބަލް ގެއްލުގެންދާ ކުއްޖެއް ނޫނެވެ. އިތުރަށް ސެޓްފިކެޓް ވަން ހަދައި، ޑިޕްލޮމާ ހަދައި، ފައުންޑޭޝަން ހަދައި ނުވަތަ އޭލެވެލް ހަދަމުންދާ އެތައް ބަޔަކު ރާއްޖޭގައި އުޅެއެވެ. އަދި އަލުން އޯލެވެލްއަށް ކިޔަވައި، އެ އިމްތިހާނު ހަދައިގެން ކުރިއަށް ދާ އެތައް ޓީނޭޖް ދަރިވަރުންތަކެއް ވެސް ރާއްޖޭގައި އުޅެއެވެ.
އޯލެވެލް ނިމޭއިރު ދަރިވަރުންގެ އުމުރަކީ އެންމެ 16 އަހަރެވެ. މިއީ 18 އަހަރު ނުފުރޭ ކުޑަކުދިންނެވެ. އެމީހުންގެ މުސްތަޤްބަލާއިމެދު ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމުމުގެ އިޚްތިޔާރު ސަރުކާރުން ނެގުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. މިއީ ވަކިވަކި ފަރުދީ ހައްޤަށް އަރައި ގަތުމެވެ.
ރައީސް މުއިއްޒު ރޭގައި ވިދާޅުވީ، މި ގޮތަށް މިކަން ކުރާ ސަބަބަކީ؛ ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ނެތުމުގެ ސަބަބުން ޑްރަގާއި އެހެން ނުބައި އަމަލުތަކުގެ ތެރެއަށް ވިއްސިވިހާލިވެގެންދާ އެތައް ހާސް ޒުވާނުންނެއް އެބަ ތިބި ކަމަށެވެ. އެހެން ކަމަށް ވާނަމަ، ރާއްޖޭގައި ހުރި ގޭންގްތަކާއި، އެ ގޭންގްތަކުން ސްކޫލު ކުދިން ގޭންގުތަކަށް ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ފާރަލައި އެކަން ހުއްޓުވަން ވީ ނޫންތޯއެވެ؟ މަސްތުވާތަކެތި ރާއްޖެއަށް ވައްދާތީ އެކަން ހުއްޓުވުމަށް މޮނީޓަރ ކުރުމަށް ގަތް ޑްރޯން އަދި ބޭނުން ކޮށްފައެއް ނުވެއެވެ. ހަޤީގަތަކީ މި ސަރުކާރު އައީ ޑްރަގް ގޭންގުތަކުން ޚަރަދުކޮށް، ގޭންގުތަކުގެ ބާރުން ކަމުން، ގޭންގްތައް ހުއްޓުވައި ރޫޅުމަށް މުއިއްޒަށް ކުރެވޭނޭ އެއްކަމެއްވެސް ނެތެވެ.
ހަޤީގީ ކޯ މައްސަލައަށް ރިއާޔަތް ނުކޮށް، ވަށައިގެން ހޭކިގެން އިޖުތިމާޢީ މައްސަލައަކަށް ހައްލެއް ނާންނާނެއެވެ.
ރާއްޖޭގައި މީހުން ބޭނުންވާ އެތައް ދާއިރާއެއް ހުރިއިރު، އެހެން ދާއިރާތަކުން ޤައުމަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް މިކަމުން ހުރަސްއެޅެއެވެ. މިކަމުގައި ހުރި އިޤްތިޞާދީ އަސަރާއި، ބައިނަލްއަޤްވާމީ ގޮތުން ސޮއެކޮށް ރައްކާތެރިކުރުމަށް ރާއްޖެއިން ނިންމާފައިވާ ކުޑަކުދިންގެ ހައްޤުތައްވެސް ހުރިގޮތަށް ހުރީއެވެ. މިހެން ގޮސް އެތައް ކަމެކެވެ.
ޒުވާނުންގެ ތައުލީމީ ފެންވަރު ދަށްކޮށް، އިލްމީ ޤާބިލު ކަމެއް ނެތް ޖީލެއް ފުލުހުންގެ ޚިދުމަތަށް އަދި މިލިޓަރީ ޚިދުމަތަށް ނެރެގެން މި ޤައުމަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ޤައުމުގެ ހުރިހާ ދިމާލަކަށްވެސް ބޭނުންވަނީ އިލްމީ ޤާބިލު ފަންނީ މީހުންނެވެ.
ވެރިކަމަށް ނާގާބިލު، ޚާރިޖީ އިލްމެއް، އިޤްތިޞާދެއް، މާލީ ހިސާބެއް ނުދަންނަ، ޖާހިލު މީހަކު ޤައުމުގެ ވެރިކަމުގައި ހުރުމުން، އެކަމުން ޤައުމަށް ކުރަމުންދާ އަސަރުވެސް މިއޮއްގެން ފެންނަނީއެވެ.