ސްޓްރެޖިކް ވޯކްޝޮޕް އޮން ގޮވަރމެންޓް ވޮޗް އެންޑް އެކައުންޓްބިލިޓީގެ ނަމުގައި، ޑިމޮކްރެޓުސް އިން ބޭއްވި ވޯކްޝޮޕަށް އެއްވެސް ތާޢީދެއް ނުލިބުނެވެ. އެ ވޯކްޝޮޕަށް އާ ބަޔަކު ނުދާތާގައި ދިޔައީ، މިހާރުވެސް ޕާޓީ ތެރޭގައި ތިބި މީހުންގެ ތެރެއިން މަދު ބައެކެވެ.
14 ޖުލައި 2024 ގައި މީގެ 3 މަސް ކުރިން ހަސަން ލަތީފް ވަނީ ފުވައްމުލަކުގައި ބޭއްވި ޑިމޮކްރެޓްސްގެ ކުޑަ ޖަލްސާއެއްގައި ވާހަކަ ދައްކަމުން، ސަރުކާރަށް ސަނާ ކިޔަމުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވެފައިވަނީ، ޑިމޮކްރެޓްސްއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް ކަމަށާއި ސަރުކާރަށް އެއްބާރުލުން ދޭނެކަމަށެވެ.
ޑިމޮކްރެޓްސްއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް، ސަރުކާރަށް އެއްބާރުލުން ދޭނެ: ޙަސަން ލަޠީފް
އޭގެ ބަރާބަރު 3 މަސް ނުވަނީސް ކުއްލިއަކަށް ސަރުކާރާއި ދެކޮޅުވެގެން ޑިމޮކްރެޓްސް އުޅެނީ، ޕީއެންސީ ތެރެއިން އެ ޕާޓީ ގުޅިގެން އުޅޭ އަބްދުއްރަހީމް ފެކްޝަން އާއި މުއިއްޒު އާއި ދިމާވެފައީވާ މައްސަލާގައި އަބްދުއްރަހީމް އަށް އެހީތެރިވުމުގެ ގޮތުން ކަމަށް ބެލެވެއެވެ. ބައެއް ފަރާތްތަކުން ޑިމޮކްރެޓްސް މިހާރު ސިފަކުރަނީ ޕީއެންސީގެ އަބްދުއްރަހީމް ފެކްޝަންގެ ކުޑަ "ކްލަސްޓަރ" އެއް ( ކުޑަ ބައިގަނޑެއް) ގޮތުގައެވެ.
ޑިމޮކްރެޓްސް އަށް އެންމެ ގިނަ ބައެއްގެ މަލާމާތް ރައްދުވަމުންދަނީ އެމީހުން، "ރައީސް ސޯލިހް" ނޫން ގޮތެއް ހޯދުމަށް ރަށްތަކަށް ކޮށް، އެމްޑީޕީއާއި ދެކޮޅަން ހިންގި އެތައް ދުވަހެއްގެ ކެމްޕެއިންގެ ސަބަބުން އެމްޑީޕީއަށް ވެރިކަން ގެއްލިފައިވާތީއެވެ. ޕާޓީ ތެރޭގައި ތިބެ ޕާޓީއަށް ގައްދާރުވެ، ޕާޓީގެ ތަމްސީލް ކުރާ ސަރުކާރާއި ދެކޮޅަށް އެންމެ ބޮޑު މަސައްކަތެއް ކޮށްފައިވަނީ ޑިމޮކްރެޓުސް އަށް ނިސްބަތްވާ މީހުންނެވެ.
ސަރުކާރަށް އެއް އަހަރު ވާން ދެ ހަފްތާއަށް ވެފައިވަނިކޮށް، ސަރުކާރު "ޒިންމާދާރު" ކުރުވަން ދަސްކުރަން ތައްޔާރު ވުމުގެ ނަމުގައި ވޯކް ޝޮޕެއް ބޭއްވި އިރު، ރައީސް ނަޝީދު ވަނީ މިދިޔަ ހަފްތާގައިވެސް ރައީސް މުއިއްޒަށް ތާޢީދު ކުރައްވާ ޓްވީޓް ކުރައްވާފައެވެ.
ޑިމޮކްރެޓްސް އަކީ ޑިމޮކްރަސީގެ މައްޗަށް އުފެދުނު ޕާޓީއެއް ނޫނެވެ. އެއީ ރައީސް ނަޝީދު ރޯކުރި ހަސަދައާއި، ނަފްރަތާއި، ޕީޕީއެމްއިން އޭރު ފެތުރި ދޮގުތަކުގެ ފަސްބައިގައި ހިފައިގެން ރައީސް ސޯލިހު ސަރުކާރު ވައްޓާލައި، އެމްޑީޕީ "ރޫޅާލަން" އުފެއްދި ޕާޓީއެކެވެ.