ޑޮލަރުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ މި ދަނޑިވަޅެއްގައި ބޭންކުން އާ ފައިސާތަކެއް ލޯނުގެ ގޮތުގައި ދޫކުރުމުން ނުކުންނާނީ ފައިސާ ޗާޕް ކުރުމުން ނުކުންނަ ނަތީޖާއެވެ. މިގޮތުން ފައިސާ އުފެދޭ ގޮތަކީ ބޭންކުން ލޯނު ދޫކުރާއިރު އެ ފައިސާ މުޖުތަމައު އަށް އެ ވަންނަނީ އަލަށެވެ. މި ލޯންތައް ނުދޭނަމަ މި ފައިސާ އިޤްތިޞާދުގެ ތެރެއަށް ނުވަންނާނެއެވެ. މި ފަދައިން ފައިސާ ޕްރިންޓް ކުރުމަށް ކިޔަނީ 'ކްރެޑިޓް ކްރިއޭޝަން' ގެ ޒަރިއްޔާއިން ފައިސާ ޕްރިންޓް ކުރުމެވެ.
މިކަމަކީ ބެންކުން އަމިއްލަ އަށް ބޭނުންވެގެން ކުރާ ކަމެއް ނޫނެވެ. މިކަމަކީ ސަރުކާރުން ބޭންކުތަކަށް ނުފޫޒު ފޯރުވައިގެން، ހާއްސަކޮށް ބީއެމްއެލްގެ މައްޗަށް ބާރު ފޯރުވައިގެން ޕްރިންޓް ކުރާ ފައިސާ ތަކެކެވެ.
މިކަމުން ނުކުންނާނެ އިޤްތިޞާދީ ގޯސް ބައެއް ނަތީޖާތައް
މިކަމުގެ ސަބަބުން ބާޒާރުގައި ހުންނަ ފައިސާގެ މިންވަރު އިތުރުވެ، އިތުރަށް ޑޮލަރު ލިބުމުގެ ދަތިކަން ކުރިމަތިވެގެން ދާނެއެވެ. މިހާރުވެސް ރަސްމީ ރޭޓަށްވުރެ މަތީ އަގުގައި ބްލެކް މާކެޓުން ޑޮލަރު ވިއްކާއިރު، އިތުރު ޑިމާންޑް އުފެދުމުން މި ރޭޓް އިތުރަށް މައްޗަށް ދާނެއެވެ.
ބާޒާރުގައި ގިނަ ފައިސާތަކެއް ދައުރުވުމުގެ ސަބަބުން ތަކެތީގެ އަގުތައް މައްޗަށް ދާނެއެވެ. މުދަލާއި ޚިދުމަތުގެ އަގު ބޮޑުވެ، އާންމު ރައްޔިތުން ގަންނަން ބޭނުންވާ ތަކެތި ގަތުމަށް ޚަރަދު ކުރަން ޖެހޭ މިންވަރު އިތުރުވެގެން ދެއެވެ.
ގޭބިސީގެ ލޯނުތައް އިތުރުވުން
ދަރަނި އިތުރުވެ، އާންމު އެންމެ ނިކަމެތި ރައްޔިތުން ދަރަނިވެރި ވެގެން ދިޔުމަކީ މިކަމުން ނިކުމެދާނެ ނަތީޖާއެކެވެ. މީގެ ސަބަބުން ސަރުކާރުން އެމީހުންގެ ދިރިއުޅުމަށް ބޭންކު މެދުވެރި ކޮށް ނުފޫޒު ފޮރުވުމުގެ ބާރު އޮންނާނެއެވެ. ތަކެތީގެ އަގު ފައިސާގެ އަގު ވެއްޓެމުން ދިޔުމުން، ބޮޑުވެ، ސަރުކާރުން ލޯނުގެ ގޮތުގައި ދޫކުރާ ފައިސާއިން ގެދޮރު ނޭޅި އެފައިސާ ޚަރަދުވެ، ދަރަނިވެރި ވުމަކީ މިފަދަ އިޤްތިޞާދީ ހާލަތެއްގައި ހިނގާފާނެ ކަމެކެވެ.
ސިޔާސީ ގޮތުން ވަކި ބަޔަކަށް ދޭ ލޯނަކަށް ހެދުން
މިއީ ސިޔާސީ ގޮތުން ވަކި ފިކުރެއްގެ ބަޔަކަށް ފަސޭހައިން ލިބޭ ލޯނަކަށް ސަރުކާރުން ހެދުމަކީ ސަރުކާރުގެ ކޮރަޕްޝަން އޮތް މިންވަރުގެ މައްޗަށް ބަލައި އެކަށީގެންވާ ކަމެކެވެ. އަދި މިކަމުގައި ވަކި ބަޔަކު އިމާރާތް ކުރޭތޯ ނޫންތޯ ބެލުމުގެ މުހިންމު ކަން ނެތި، ދޭ ދޫތަކުން، މިފަރާތްތައް މި ފައިސާ އެހެން ކަންކަމަށް ބޭނުންކޮށް ފަހުން ދަރަނިވެރިވެ، ރައީސް މުއިއްޒުގެ ފައިބުޑަށް ދަރަނި ފިލުވުމަށް ދާން ޖެހުން އެކަށީގެންވެއެވެ.
މިވަގުތު ސަރުކާރުން އިޤްތިޞާދުގެ ތެރެއަށް އިތުރު ފައިސާ އިތުރުކުރުމުގެ ބަދަލުގައި، މުހިންމު ކަމެއް ދޭންވީ ޚަރަދުތައް ކުޑަކޮށް، ސަޕްލަޔަރުންނާއި، ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުމަށެވެ. އަދި ހިންގާ ޕްރޮޖެކްޓްތަކަށް ފައިސާ ލިބޭނެ މަގެއް ހަމަޖައްދައި ދިނުމަށެވެ.