ކ. މާފުށީގައި "ހަލާލު ޓޫރިޒަމް" އަށް އިންވެސްޓުކުރަން ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ވާހަކަ މިއަދު ހާމަކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ.
ފުވައްމުލަކު މެދުދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދުގެ ސުވާލަކަށް ޖަވާބު ދެއްވަމުން، ޝަކީލް ވިދާޅުވީ މިހާރު ކޮންމެ ހައްޖުވެރިއަކަށް އެވްރެޖްކޮށް 100,000 ރުފިޔާ ޚަރަދުވާ ކަމަށާއި، އިތުރު 30 މިލިއަން ރުފިޔާ ކޯޕަރޭޝަނުން އެހެނިހެން ކަންކަމަށް ހޭދަކުރަމުންދާ ކަމަށެވެ. މިއީ ކޮންކަމެއް ކަމެއް ހާމަ ކޮށްފައި ނުވެއެވެ.
މިވާހަކަތަކުން ބޮޑަށް ދޭހަވަނީ ހައްޖަށް ދިޔުމަށް މީހުން ދީފައިވާ ފައިސާއަށް މިހާރުވެސް ސަރުކާރުން ހިޔާނާތްތެރިވެފައިވާ ކަމެވެ.
03 އޮކްޓޯބަރ 2024 ހައްޖު ކޯޕަރޭޝަން އިން ޝަކީލް ނޫސްތަކަށް ހާމަ ކޮށްފައިވާ ގޮތުގައި ހައްޖު ކޯޕަރޭޝަން މީގެ ކުރިން ހިންގާފައިވަނީ 40 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ. މާނައަކީ ހައްޖަށް މީހުން ދިޔުމަށް ދީފައިވާ ފައިސާ އިން 40 މިލިއަން ރުފިޔާ މަދު ކަމެވެ. ނަމަވެސް އެވާހަކަ ޝަކީލް ހާމަކޮށްފައި ވަނީ އެއްވެސް އޯޑިޓް ރިޕޯޓަކާއި ހަވާލާއި ދީފައި ނޫންކަމުން، އަދި މިއީ ކިހިނެއް ގެއްލުންވި ފައިސާއެއް ކަމަށް ބުނެދެވިފައި ނުވާކަމުން، މިއީ މިހާރުގެ ސަރުކާރުން ކުރިން ގެއްލުންވެފައިވާ ކަމަށް ބުނެ، އެވަރަށް ފައިސާ ނެގުމަށް ބުނި ވާހަކައެއް ނޫންކަމެއް ކަށަވަރެއް ނުވެއެވެ.
ހައްޖު ކޯޕަރޭޝަނުގައި ހުރި ފައިސާއަކީ ހައްޖަށް ދިއުމަށް ރައްޔިތުން ދައްކާފައިވާ ފައިސާ ކަމަށްވެފައި، މިފަދަ އިންވެސްޓްމަންޓްތަކަށް އެ ފައިސާ ބޭނުންކުރުމުގެ ކުރިން އެ ފަރާތްތަކުގެ ރުހުން ހޯދަންޖެހޭނެ އެވެ.
މީގެ އިތުރުން، ކުރީގެ ތަޖުރިބާތަކުން ދައްކާގޮތުގައި، އަމިއްލަ ފަރާތްތަކުން ހައްޖު އަދި ޢުމްރާގެ ފައިސާ އިންވެސްޓްކުރުމަށްފަހު ގިނަ ފަރާތްތަކަށް ދަތުރު ނުކުރެވި ދިޔަ ހާދިސާތައް ހިނގާފައިވެއެވެ. މިހާރުވެސް ގިނަ ފަރާތްތަކުން ހައްޖަށް ދިއުމަށް 5 އަހަރު، 7 އަހަރު އަދި އެއަށްވުރެ ގިނަ އަހަރު ވަންދެން އިންތިޒާރު ކުރަމުންދާއިރު، ސަރުކާރުގެ ކުންފުންޏަކުން މިފަދަ ރިސްކީ އިންވެސްޓްމަންޓަކަށް އެ ފައިސާ ބޭނުންކުރުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ފާހަގަކުރެވެއެވެ.
"މާފުށީގައި މި ޕްރޮޖެކްޓް ހިންގުމަށް ނިންމީ، މިއީ ރިސްކް ކުޑަ އިންވެސްޓްމަންޓަކަށްވާތީ" ކަމަށް ޝަކީލް ވިދާޅުވި ނަމަވެސް، ޓޫރިޒަމްގެ ދާއިރާއަކީ ދުނިޔޭގެ އެކި ކަންކަމުގެ ސަބަބުން އަވަހަށް އަސަރުކުރާ ދާއިރާއެއް ކަމަށް އިޤްތިޞާދީ މާހިރުން ފާހަގަކުރެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދާނީ މާފުށީ ކައުންސިލްގެ ކުންފުންޏާ ގުޅިގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުންނެވެ. ރާއްޖޭގައި އެންމެ ކޮރަޕްޝަން ބޮޑީ ސަރުކާރުގެ މިފަދަ ކުންފުނިތަކުގައެވެ.
ޝަކީލް ވިދާޅުވި ގޮތުގައި، ހައްޖު ކޯޕަރޭޝަނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްވެގެން ނޫނީ، ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ ހައްޖުގެ އަގު ކުޑައެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިފަދަ އިންވެސްޓްމަންޓްތަކުގެ ބަދަލުގައި ސަރުކާރުން އެހެން ގޮތްތައް ބަލަންޖެހޭ ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.
"ހަލާލް ޓުއަރިޒަމް" އަކީ ހަޤީގަތުގައި ރާއްޖޭގައި އޮތް ކަމެއް ނޫނެވެ. ރާއްޖެއަށް އަރަބި ޤައުމުތަކުން އަންނަ ގިނަ ފަރާތްތައް ވެސް ރަލުގެ ބާވަތްތަކަށް އެދި އަހާކަމަކީ ރިސޯޓްތަކާއި، މާފުށި ފަދަ ޓުއަރިސްޓް ހޮޓާ ހުރި ރަށްރަށުގައި މިބާވަތުގެ ވިޔަފާރި ކުރާ އެންމެންނަށް އެނގޭ ކަމެކެވެ.