ވެކްސިންގ ދިނުމާއި އެކު ރާއްޖެއިން ނައްތާލެވިފައިވާ، ޕަޓޫސިސް - ހޯގޮވާ ކެއްސުން މާލޭގައި އާންމު ވާން ފަށައިފިކަމުގެ މައުލޫމާތު ދިޔަވަރު ނޫހަށް ލިބިއްޖެއެވެ. އެޗްޕީއޭއިން ދަނީ މިކަން ސިއްރު ކުރަމުންނެވެ. ބެލެވޭ ގޮތުގައި މުއިއްޒުގެ މަގުބޫލުކަން ގެއްލިދާނެތީ، ސަރުކާރުން ދަނީ ކުޑަ ކުދިންގެ ފުރާނައަށް ނުރައްކާތެރި މި ބަލި ފެތުރެމުން ދާކަން ވަންހަނާ ކުރަމުންނެވެ.
ދިޔަވަރު ނޫހުން ބެލިބެލުމުން މިވަރަށް މި ބަލި ފެތުރިފައިވަނީ މުއިއްޒުގެ ސަރުކާރުން މިކަމާއި އިހުމާލުވެ، ކޮންޓެކްޓް ޓްރޭސިންގވެސް ނަގަދައި، ކުރިއާލައި އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންނެވެ.
ހުޅުމާލޭގެ ހޮސްޕިޓަލްގައި މި ބަލި ޖެހިގެން އެތައް ބަޔަކު ފަރުވާ ހޯދަމުން ދާއިރު، އޭޑީކޭގައިވެސް މި ބައްޔަށް މީހުން ފަރުވާ ހޯދަމުން ދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މުއިއްޒުގެ ވެރިކަމުގައި ޖެނުއަރީ 2024 ގައި ގއ. ވިލިގިލިން 3 ކުއްޖަކަށް މިބަލި ޖެހި، ހޯގޮވާ ކެއްސުން ރާއްޖެއިން ފެނުނެވެ. އަދި އާންމުން ކަންބޮޑުވުން ފާޅު ކުރަންފެށުމުން ކޮންޓްކްޓް ޓްރޭސިންގ ހަދަން ފެށިއެވެ. ކޮންޓެކްޓް ޓްރޭސިންގ އާއި އެކު 23 ކުއްޖެއްގެ ކިބައިން އަލާމަތް ފެނުނު ކަމަށް އޭރު އެޗްޕީއޭއިން ރިޕޯޓް ކޮށްފައިވެއެވެ.
މިފަދަ ބަލިތައް ރާއްޖޭއަށް އަލަން އަންނަމުންދަނީ ވެކްސިން ޖެހުމާއި ދެކޮޅު މީހުންގެ ސަބަބުން ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ޕީއެންސީ ސަރުކާރުގެ އިސް ފަރާތްތަކުގެ ތެރޭ ވެކްސިންގ އާއި ދެކޮޅު މީހުން ހިމެނެއެވެ. މިއީ ކުޑަކުދިންނަށް ޖެހި، ރަނގަޅަށް ފަރުވާ ނުދެވިއްޖެނަމަ، ކުދިން މަރުވާ ބައްޔެކެވެ.