އިންޑިއާގެ ސަރްދާރް ވައްލަބްބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީގައި ކުރިއަށްދާ، ހަނގުރާމަވެރި އަދި ޓެރަރިޒަމްގެ ނުރައްކާތެރި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދޭ "އާބަން އޮޕަރޭޝަންސް" ކޯހަކަށް އޮޅިގެން ފޮނުވާފައިވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ތިން މުވައްޒަފުން، ބުދަ ދުވަހުގެ ހަވީރު ވަނީ އަނބުރާ މާލެ ގެނެސްފައެވެ.
މި ކޯހަކީ ހަމައެކަނި ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ކޯހެއްކަން އެނގުނު އިރު، އެޗްޑީސީގެ މުވައްޒަފުން ވަނީ ކޯހުގެ ފުރަތަމަ ބައެއް ސެޝަންތަކުގައި ބައިވެރިވެފައެވެ. މި މުވައްޒަފުން ކޯހަށް ފޮނުވުމަށް ނިންމީ، ސަރުކާރުގެ އެހެން މުއައްސަސާއަކުން އެޗްޑީސީއަށް ކޯހުގެ މައުލޫމާތު ފޮނުވުމާ ގުޅިގެންނެވެ. މި ކޯހަކީ ކުރީގައިވެސް "އާބަން ކޯސް" ގެ ނަމުގައި ހިންގާފައިވާ ކޯހެކެވެ.
މި މަހުގެ 4 ން 8 އަށް ކުރިއަށްދާ މި ކޯސް ނިމުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ.
މުއިއްޒުގެ ސަރުކާރުގައި 5500 ސިޔާސީ މަގާމު ހަމަޖައްސާފައިވާއިރު، ގިނަ ފަރާތްތަކަކީ ނާގާބިލް ފަރާތްތަކެވެ. ރައީސް މުއިއްޒުގެ ނާގާބިލު ކަން ސަރުކާރުގެ ކޮންމެ ދިމާލަކުންވެސް ހާމަކަން ބޮޑު ކޮށް ދަނީ ފެންނަމުންނެވެ.