ކޮރަޕްޝަންގެ މައްސަލަތައް ބަލައިފިނަމަ މި ސަރުކާރުގައި ތިބި އެއްވެސް މީހަކަށް ޖަލުން ސަލާމަތްވެވޭނެ ކަމަކަށް ނުދެކޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރުން ވަނީ ހުރިހާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް ނެގުމަށް މަސައްކަތް ފަށާފައި ކަމަށެވެ. މި ކަމުގެ ސަބަބުން ދުނިޔޭގެ މަލާމާތާ ކުރިމަތިލާން ޖެހުނު ނަމަވެސް، ސަރުކާރުގެ އިސް ފަރާތްތަކަށް މިކަމުގެ ނުރައްކާތެރިކަން ވިސްނިވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
"މި މީހުން ހީކުރަނީ އެހެން ބަޔަކަށް ފަހާ ކޯޓެއް ކަމަށް. އެކަމަކު މާތްﷲ ގެ އިރާދަފުޅާއެކު، އެ ކޯޓު ހެޔޮވާނީ މި މީހުންނަށް. އެ ކޯޓު ލާންޖެހޭނީ މި މީހުން ކަން މި މީހުންނަކަށް ނުވިސްނޭ." ޔާމީން ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރުގެ އިސްވެރިންގެ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކޮށްފިނަމަ، ޖަލުން ސަލާމަތްވެވޭނެ އެކަކު ވެސް ނެތް ކަމަށް ވިދާޅުވިއެވެ.
މި ވާހަކަފުޅުތައް ދައްކަވާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމާ ގުޅިގެންނެވެ. މިކަމާމެދު އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.