ސިޔާސީ

ރައްޔިތުން ނިކަމެތި ހާލުގައި، މި ސަރުކާރު ގެނައުމުގައި ބައިވެރިވި ޖުމްޖޫރީ ޕާޓީއާއި، ޑިމޮކްރެޓްސް އާއި، އެމްޑީއޭއަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި މަންފާތައް 

ދިޔަވަރު
ރައްޔިތުން ނިކަމެތި ހާލުގައި، މި ސަރުކާރު ގެނައުމުގައި ބައިވެރިވި ޖުމްޖޫރީ ޕާޓީއާއި، ޑިމޮކްރެޓްސް އާއި، އެމްޑީއޭއަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި މަންފާތައް 

ރައީސް މުއިއްޒުގެ ސަރުކާރު ގެނައުމަށް އެމްޑީޕީއާއި ދެކޮޅުވެ، 3 ޕާޓީއަކުން ރައީސް މުއިއްޒުއަށް ބައިއަތު ހިފައި ގުޅިވަޑައިގަތެވެ. ރަސްމީ ކޮށް ކޯލިޝަނެއް ނެހެދިނަމަވެސް މަސައްކަތް ކުރީ އެމްޑީޕީއަށް އިންތިހާބު ގެއްލުވާލައި، މުއިއްޒު ވެރިކަމަށް ގެނައުމަށެވެ.

ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ތާޢީދު ނުކުރީ، ގާސިމް އިބްރާހިމް ވިދާޅުވި ގޮތުންނަމަ، "ލައިގެން ހުރި ޖަންގިޔަލަށް ދަންދެން ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ" ކަމަށް ވިދާޅުވެ، އިންޑިޔާއާއި އެކު ހެދި އެއްބަސްވުންތައް އެމްޑީޕީއިން ހާމަ ނުކޮށްގެންނެވެ.

މިއަދު ގާސިމް ބޭނުންފުޅުވާ ފަރާތްތަކަށްވެސް ވަނީ ވަޒީފާތައް ހަމަޖައްސަ ދެއްވާފައެވެ. ހުރިހާ ސަރުކާރެއްގައި ގާސިމް ހޯދަން ބޭނުންވާ މާލީ މަންފާތައް މި ސަރުކާރުންވެސް ދަނީ ބޮޑުކޮށް ހޯދަމުންނެވެ. ސަރުކާރުގެ ކޯލިޝަންއެއްގައި ރަސްމީ ބައިވެރިވުމެއް ނެތި ގާސިމް އިބްރާހިމް މި ވެރިކަމުން ހޯދާ މަންފާތަކަކީ އޭގެ ޒާތުގައި، އަގު ނުކުރެވޭ ވަރުގެ ބޮޑެތި މަންފާތަކެކެވެ.

އޭގެ ބަދަލު ރައްޔިތުންނާއި ދެކޮޅަށް މަޖިލީހުގައި ނިންމާ ހުރިހާ ނިންމުންތަކުގައި ގާސިމް އިބްރާހިމް ފަސްޖެހުމެއް ނެތި، ސަރުކާރަށް ތާއީދުކޮށް ރައީސް މުއިއްޒު ވިދާޅުވާހާ ގޮތަކަށް ވޯޓު ދެއްވައި، ބޭނުންވާ ގޮތަކަށް މާލީ ކޮމިޓީގެ ޗެއަރ ގޮތުގައި ހުންނަވައިގެން މުއިއްޒަށް ކަންކަން ނިންމަވައި ދެއްވަމުން އެ ދަނީ އިތުރަށް މުއިއްޒަށް ސަނާވެސް ކިޔަމުންނެވެ.

ޑިމޮކްރެޓްސް

އެމްޑީޕީއަށް ގެއްލުނު ވޯޓެއް ގެއްލި އިންތިހާބުން ހޮވަން ބޭނުންވި ޕަސެންޓޭޖް ނުލިބުނީ ރައީސް ނަޝީދު އާއި ހުރެއެވެ. ޕާޓީ ތެރޭ ފިތުނަ އުފައްދައިގެން ޑިމޮކްރެޓްސްގެ ނަމުގައި އެމްޑީޕީގެ ލިބަރަލް ފިކުރެގެ ޕާޓީއެއް އުފައްދައިގެން އެމްޑީޕީގެ އަސާސްތައް ނަގަހައްޓަމުން ދަނީ ތިމަންނާމެންކަމަށް ބުނެ އުފެއްދި ފިތުނައިންނެވެ. ދޮގު ތުހުމަތު ތައް ރައީސް ސޯލިހުގެ މައްޗަށް ކޮށްގެންނެވެ. އެތައް ދޮގު ތުހުމަތެއް އެމްޑީޕީގެ ސަރުކާރުގެ މައްޗަށް ކޮށްގެންނެވެ. ރައީސް ނަޝީދުގެ ހުރި ހަސަދައިގެ ބޮޑުކަމުންނެވެ. ތިމާ ނޫން މީހަކަށް އެމްޑީޕީއިން ވެރިކަން ކުރުވިޔަ ނުދޭންވެގެންނެވެ.

މިއަދު ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ލަގްޒަރީ ދިރިއުޅުމާއި، އެ ގެންގުޅުއްވާ އެންޖީއޯ ތަކަށާއި، ތިމާވެށީގެ ޗެމްޕިއަން އަކަށްވެ، އެ ހޯދާ ފައިސާތަކަށް މަގުފަހިކޮށްދިނުމަށް ރާއްޖޭގެ ސަރުކާރުން ބޭނުންވާ ލިޔެ ކިޔުންތައް ފަސޭހަކަމާއި އެކު މުއިއްޒުގެ ސަރުކާރުން ދަނީ ރައީސް ނަޝީދަށް ފޯރުކޮށް ދެމުންނެވެ. ވެރިކަމަށް މުއިއްޒު ގެނެސް ރައީސް ނަޝީދު އުޅުއްވަނީ ރާއްޖެއިން ބޭރުގައި، ނުހަނު އަރާމު ޗާލާކީ ދިރިއުޅުމެއްގައެވެ.

ހަމަ އެއާއިއެކު ޑިމޮކްރެޓްސްއަށް ގިނަ ވަޒީފާތަކެއް ހަމަ ޖައްސައި ދިނެވެ. ބައިވެރިވާ ހުރިހާ އިންތިހާބަކުން ބަލިވާ އަލައިކާ އަށް އެކަނިވެސް 3 މަގާމު ޑިމޮކްރެޓްސް ބޭނުންވެގެން ދިނެވެ. ފަހުން އެއިން މަގާމެއް ބޭނުން ނުވާކަމަށް މީޑިޔާގައި ބުނެފައިވެއެވެ. ޑެމްސްގެ ސިންވާރު ހުންނެވީ ލަންކާ އެމްބަސީގެ ބޮޑު މުސާރާގައެވެ. ޑިމޮކްރެޓްސްގެ، ލޫކަސް ޖަލީލު ހުންނެވީ އަބްދުއްރަހީމްގެ މުސާރާގައެވެ. އަދިވެސް މީގެ އިތުރުން ޑިމޮކްރެޓްސްގެ އެތައް ޒުވާނުންނަކަށް ވަޒީފާ ދީފައިވެއެވެ. ބައެއް ފަރާތްތައް ރައީސް ނަޝީދުގެ އިއުތިރާޒެއް ނެތުމުން ވަގުތީ ގޮތުން ޕީއެންސީއާއި ގުޅިގެންވެސް ވަޒީފާ ހޯދާފައިވެއެވެ.

މުއިއްޒު ގެނައުމަށް ޑިމޮކްރެޓްސް އިން ކޮށް ދިން މަސައްކަތުގެ ބަދަލުގައި، ޑިމޮކްރެޓްސްގެ އިސް ފަރާތްތަކަށް ދަނީ އެތައް މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައްވެސް ދެމުންނެވެ. އެހެން ސަޕްލަޔަރުންނާއި، ކޮންޓެކްޓަރުންނަށް ނުލިބޭ ފައިސާ، ޑިމޮކްރެޓްސްގެ ހާއްސަ މެމްބަރުންނަށް ރައީސް މުއިއްޒު ދެއްވައެވެ.

މިވަގުތު ޑިމޮކްރެޓްސްގެ އިސްވެރިން ތިބީ ބަރުލަމާނީ ގެނައުމުގެ ބޭނުމުގައި ކުރާ ދަތުރުގައި އަބްދުއްރަހީމް އާއި އެކީއެވެ.

ދާދި ފަހުން، ސަރުކާރާއި ދެކޮޅުވުމަށް ތައްޔާރު ވުމަށް ކަމަށް ބުނެ، އެ ޕާޓީއިން ބޭއްވި "ވޯކްޝޮޕް" އިން ނިންމީ، ސަރުކާރުން ކޮށްފައިވާ މަސައްކަތުގެ (ތަރައްގީއާއި ޤައުމަށް ކޮށްފައިވާ އެހެނިހެން ޚިދުމަތްތަކުގެ) ރިޕޯޓެއް ސަރުކާރުން މައުލޫމާތު ހޯދައިގެން އެކުލަވާލުމަށެވެ. ތަރުހީބު ކުޑަ މި "ވޯކްޝޮޕުން" ނިންމި ނިންމުމުން ޑިމޮކްރެޓްސްގެ ފެންވަރާއި، ސިޔާސީ ގޮތުން ރައްޔިތުންނާއި ހުރި ދުރުމިން ހާމަވެގެން ދިޔަ އެވެ. މި ސަރުކާރުން ރައްޔިތުންނަށް ކަމެއް ކޮށެއް ނުދެއެވެ. ނަމަވެސް ވޯކްޝޮޕުން ދައްކަން މަސައްކަތް ކުރީ ސަރުކާރުން ބައިވަރު ކަންކަން ކޮށްފައިވާކަމެވެ. މި ސަރުކާރުން ބަޔަކަށް ލޯނެއް ދިނަސް އެކަމަށް ބޮޑު ހަފްލާއެއް ބާއްވައެވެ. ސިޓީކައުންސިލުން ކަމެއް ކުރިއަސް އެއީ ރައީސް މުއިއްޒު ކުރެއްވި ކަމެއް ކަމަށް ބުނެ ރައީސް އޮފީސް ވެބްސައިޓްގައި ލިޔެއެވެ. ނަމަވެސް ޑިމޮކްރެޓްސް އިން ނިންމީ ރައީސް މުއިއްޒު ކުރެއްވި މަސައްކަތުގެ ރިޕޯޓެއް އެކުލަވާލުމަށެވެ.

އެމްޑީއޭ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީއޭ ގަދަ ކޮށް އޮތީ އެމްޑީޕީއާއި އެކުގައެވެ. ދެވަނަ ބުރުގައި މުއިއްޒު މޮޅުވާނެ ކަމަށް ބަލައި، ހުތުރުކޮށް ކޮޅު ބަދަލު ކުރިއެވެ. މިއަދު އެމްޑީއޭގެ އެތައް ބަޔަކު ސަރުކާރުގެ 5500 ސިޔާސީ މަގާމުތަކުގެ ތެރޭ އެބަތިއްބެވެ. މީގެ 2 ހަފްތާ ކުރިން އެއިން 4 މީހަކު ވަޒީފާއިން ވަކި ކުރުމުން، ސިޔާމު ފަރާތުން މުއިއްޒަށް ގުޅައި އަލުން އެ ވަޒީފާތައް އެފަރާތްތަކަށް ހަމަޖެއްސިއެވެ.

އެމްޑީއޭ ސަންޓްރަވަލްސް ސިޔާމު ހުންނެވީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށްވެސް ވިދާޅުވެގެންނެވެ. މަސައްކަތް ކުރައްވަނީ އެގޮތަށް ކިޔަމުންނެވެ. އެހެން ކިޔަންފެށީ، ސޮވެރިންގ ގެރެންޓީ ނުލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުންނެވެ. އެވަރުންވެސް މުއިއްޒުގެ ސަރުކާރާއި ދެކޮޅުވާކަށް ނުކެރުނެވެ. ލިބޭ އެހެން މަންފާއާއި ފައިދާތައް ބޮޑު ކަމުންނެވެ.

ދިވެހިރައްޔިތުންނަށް މި ޕާޓީތަކުގައި ތިބި ވެރިންގެ ނެތް ފެންވަރާއި، ޕާޓީ ހަދައިގެން ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތްކަން އެނގެން ޖެހެއެވެ. ޤައުމަށް މިވަރުގެ އަނިޔާވެރި ވެރިއަކު ފާވީ، އެމްޑީޕީ ބަލިކަށި ކުރުމަށް މި ޕާޓީތަކުން ކުރި މަސައްކަތާއި، މި އަނިޔާވެރި ވެރިކަން ގެނައުމަށް ކުރި މަސައްކަތުންނެވެ. އަދިވެސް ކުރަމުންދަނީ އެ މަސައްކަތެވެ. އޭގެ ތެރެއިން ބަޔަކު މީހުން ސަރުކާރާއި ދެކޮޅުކަމަށް ދައްކަނީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށެވެ.