ކ. ގުރާދޫގައި ޑރ. ޝަޒްރާއާއި ޝާދިޔާ އިޒްރޭލާއި ދެކޮޅަށް ހިންގި ހަރަކާތްތަކަށް ހުރަސް އެޅުމަށް ސަރުކާރުން ފުލުހުން ޖާސޫސް ކުރަން ފޮނުވައިފިއެވެ.
ކ. ގުރާދޫގައި ޑރ. ޝަޒްރާ އާއި ޝާދިޔާ ހިންގަމުންދާ ހަރަކާތަކީ އިޒްރޭލަށް ނިސްބަތްވާ ތަކެތި ނުގަތުމަށާއި، އެކަމުގެ މައުލޫމާތު އެރަށުގެ ފިހާރަތަކުގެ ވެރިންނަށް ދިނުމާއި، އާންމުންނަށް އެ ޕްރޮޑަކްޓްތަކާއި އަދި އޭގެ ބަަދަލުގައި ބޭނުން ކުރެވިދާނެ ބާވަތްތައް ކިޔާ ދިނުމުގެ ހަރަކާތެކެވެ.
މީގެ އިތުރުން ފަލަސްތީނުގެ ދިފާއުގައި ހިނގާލުމެއްވެސް ވަނީ އެ ރަށުގައި ބާއްވާފައެވެ.
މި ހަރަކާތްތައް ހިނގި އިރު، ރައީސް މުއިއްޒުގެ ސަރުކާރުން އަންގައިގެން ޑރ. ޝަޒްރާ އާއި ޝާދިޔާ ގެ ފަސްފަހަތުން ފުލުހުންގެ ދެމީހަކު ފޮޓޯ ނެގުމާއި އުޅޭ ނޫޅޭ ގޮތް ބަލައި، ޖާސޫސު ކުރުމުގައި ހަރަކާތްތެރި ވެފައިވެއެވެ. ސަރުކާރުން މިކަން ކުރުމުގެ މަގްޞަދެއް ކަމުގައި ބެލެވެނީ، ބިރު ދެއްކުމާއި، ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލުމަށް އޮތް ފުރުޞަތު ގެއްލުވާލުމެވެ. އަދި މިއީ އިޒްރޭލާއި ދެކޮޅަށް އަޑު އުފުލުމުގައި އާންމުން ފަސްޖެހޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތެކެވެ.
ރައީސް މުއިއްޒުގެ ސަރުކާރު ފާހަގަ ކުރެވެނީ، ހުޅަނގުގެ ބައެއް ގައުމުތަކަށްވުރެވެސް ބޮޑަށް އިޒްރޭލާއި ސިއްރުން ގާތް ގުޅުމެއް ބާއްވައި، އިޒްރޭލް ނުރުހިދާނެފަދަ ކޮންމެ ކަމަކުން ދުރުވުމަށް މަސައްކަތް ކުރާ ފިނޑި ސަރުކާރެއް ގޮތުގައެވެ. އަދި ރައްޔިތުން ދަނީ ރައީސް މުއިއްޒަށް އިޒްރޭލުގެ ލޮބީއިސްޓުން އަތުން ފައިސާ ނެގިކަމުގެ ތުހުމަތު ކުރެވެމުންނެވެ.
ޑރ. ޝަޒްރާއާއި ޝާދިޔާގެ މައްސަލަ ކޯޓުން ނިމިފައިވަނިކޮށް، ރައީސް މުއިއްޒު އަންގައިގެން އިތުރު ދެ މައްސަލައެއް އުފައްދައި އެކަމާއި ދައުވާކުރަން ސީދާ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ޕީޖީއިން ވަނީ މައްސަލަ ކޯޓަށް ފޮނުވާފައެވެ. މިއީ ފަލަސްތީނަށް ސަޕޯޓްކޮށްގެން އިޒްރޭލް ފިޔަވައި އެހެން ޤައުމެއްގައި 2 ފަހަރު މަތިން 3 ދައުވާއެއް ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގެ ދައުލަތަކުން ފަލަސްތީނަށް ތާޢީދު ކުރުމާއި ގުޅުންހުރި މައްސަލައެއްގައި އުފުލި ފުރަތަމަ ފަހަރެވެ. ވެރިކަމެއްގައި ތިބި ބަޔަކު ލާދީނީ ވާނީ މިހާކަންވަރަށެވެ.