ސިޔާސީ

ޑރ. ޝަޒްރާ އާއި ޝާދިޔާ އަށް މުއިއްޒު ހަދަން ބޭނުންވަނީ ޑރ. އާފިޔާއަށް ޕާކިސްތާނާއި އެމެރިކާއިން ހެދިގޮތް؟ މިއީ ޑރ. އާފިޔާއަށް ދިން އަނިޔާގެ ވާހަކަ!

ދިޔަވަރު
ޑރ. ޝަޒްރާ އާއި ޝާދިޔާ އަށް މުއިއްޒު ހަދަން ބޭނުންވަނީ ޑރ. އާފިޔާއަށް ޕާކިސްތާނާއި އެމެރިކާއިން ހެދިގޮތް؟ މިއީ ޑރ. އާފިޔާއަށް ދިން އަނިޔާގެ ވާހަކަ!

ފަލަސްތީނުގެ ދިފާޢުގައި އެމްބަސީއެއް ކައިރީ އަޑު އުފުލި މައްސަލާގައި، ޑރ. ޝަޒްރާ އާއި ޝާދިޔާ އަށް ރައީސް މުއިއްޒު އަންގައިގެން ހައްޔަރުކޮށް ޖަލަށް ލައި، ދައުވާކޮށް، މައްސަލަ ކޯޓަށް ފޮނުވުމުން ކޯޓުން ވަނީ އެ ދެކަނބަލުންވެސް ދޫކޮށްލާފައެވެ.

ދުނިޔޭގެ އެއްވެސް ޤައުމެއްގައި ޤާނޫނުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ބޭނުން އެމްބަސީއެއް ކުރިމަތީ ކޮށްގެން މީހަކު ޖަލަށްލައި މިފަދަ އަނިޔާއެއް ރާއްޖޭގައި ނޫނީ އަދި މިހާތަނަށް ދީފައި ނުވެއެވެ.

ސަރުކާރުން ބޭނުންވެގެން ދައުވާ ކުރި ފުރަތަމަ މައްސަލައިން ޑރ. ޝަޒްރާ އާއި ޝާދިޔާ ސަލާމަތް ވުމުން، މިކަމާއި، އިސްލާމިކް މިނިސްޓަރ އަކަށް ހުންނެވި، މުހައްމަދު ޝަހީމް އަލީ ސައީދަށް ކެތް ނުވެގެން، ރައީސް މުއިއްޒު އާއި އެއްބައިވެގެން އެ ދެކަނބަލުންގެ މައްޗަށް އަނިޔާވެރި ސިޔާސީ ދައުވާތަކެއް ކުރުމަށް މިހާރުވަނީ ކޯޓަށް ފޮނުވާފައެވެ.

މިހާރު ޕީޖީއަކަށް ހުރީ ރައީސް މުއިއްޒާއި އެކު ރައީސް އޮފީހުގައި މަސައްކަތް ކުރި އޭނާގެ އަރިސް ފަރާތެކެވެ. މިއީ މި ސަރުކާރުން އަދުލު އިންސާފަށް ހުރަސްއެޅައި، ޑރ. މުއިއްޒު އާއި އިސްލާމިކް މިނިސްޓަރ ޝަހީމްގެ ފަރާތުން ދިވެހި ދެ ރައްޔިތަކަށާއި، އެމީހުންގެ އާއިލާއަށް ކުރާ ބޮޑު އަނިޔާއެކެވެ. މިކަމުގައި އޮތީ ޝަހީމުގެ ޒާތީ ހަސަދައާއި، ޒާތީ އިގޯ އާއި އޭނާގެ ރުޅިވެރިކަމެވެ.

މުއިއްޒުގެ މި އަނިޔާވެރި އަމަލުތަކުން ހަނދާނަން އަންނަނީ އެމެރިކާ އާއި ޕާކިސްތާނުން އެއްވެސް ކުށެއް ނެތް ޑރ. އާފިޔާ އަށް ދިން އަނިޔާ ތަކުގެ މަތިންނެވެ. ޒައެނިސްޓުންނާއި، އަދި އެމީހުންގެ ތައްޕާހުން އުޅޭ ވެރިންނަކީ އަނިޔާވެރި ނުބައި ބައެކެވެ.

ޑރ. އާފިޔާގެ ވާހަކަ

މިވާޙަކައަކީ ޑރ. އާފިޔާގެ ލޯޔަރު ސްޓަރފޯޑް ސްމިތް 24 ސެޕްޓެމްބަރ 2024 ގައި ދީފައިވާ އިންޓަވިއުގައި ހުރިވާހަކަ ތަކެވެ. މި ގޮތަށް މިވާހަކަ ގެނެސްފައިވަނީ ސީދާ ހަޤީގަތާއި އެއްގޮތަށް ކިޔުންތެރިންނަށް މި ހާދިސާ ގެނެސް ދިނުމުގެ ބޭނުމުގައެވެ.

ފެށުން - ތަޢުލީމީ ދިރިއުޅުން:
އާފިޔާ ސިއްދީޤީއަކީ އެމެރިކާގެ އެންމެ ފޯރުންތެރި ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން ދެ ތަނެއް ކަމުގައިވާ އެމް.އައި.ޓީ އާއި ބްރެންޑެއިސް ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރި އަންހެނެކެވެ. އޭނާގެ ޕީ.އެޗް.ޑީއަކީ ކުޑަކުދިންނަށް އުނގަންނައިދިނުމާ ބެހޭ ދިރާސާއެކެވެ. ނަމަވެސް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން އޭނާއާމެދު ގަބޫލުކުރީ އޭނާއަކީ ނިއުކްލިއަރ ބޮމް ހެދުމުގެ ގާބިލުކަން ހުރި ފިޒިސިސްޓެއްގެ ގޮތުގައެވެ.

9/11 އަށްފަހު:
2001 ގައި 9/11 ގެ ހަމަލާތަކަށްފަހު، އޭނާ ދިރިއުޅެމުން ދިޔައީ އެމެރިކާގެ ބޮސްޓަންގައި އޭނާގެ ފިރިމީހާ އަމްޖަދްއާއެކުގައެވެ. އެދުވަސްވަރު އަމްޖަދް އިންޓަނެޓުން ނައިޓް ވިޝަން ގޮގްލްސްއާއި އެހެނިހެން ތަކެތި ގަތުމާ ގުޅިގެން އެފް.ބީ.އައި އިން ތަޙުޤީޤު ފެށިއެވެ. އެހެންނަމަވެސް ފުރަތަމަ މަރުހަލާގައި އެފް.ބީ.އައި އިން އެކަން އިތުރަށް ކުރިއަކަށް ނުގެންދިޔައެވެ. އޭނާގެ ފިރިމީހާ ބުނެފައިވަނީ އެއީ ޖަނަވާރު ޝިކާރަ ކުރުމުގެ ބޭނުންކުރާ ތަކެތި ކަމަށެވެ.

2003 ގައި ޑރ. އާފިޔާގެ އޭނާގެ ތިން ކުދިންނާއެކު ކަރާޗީއަށް ދިޔައެވެ. އާފިޔާއަށް ތިންވަނަ ދަރިއެއް (ސުލައިމާން) ލިބުނީ 2002 ގެ ސެޕްޓެމްބަރުގައެވެ. ކަރާޗީއަށް ދިޔަފަހުން، އޭނާގެ ފިރިމީހާއާ ވަރިވިއެވެ.

ފުރަތަމަ ހާދިސާ:
އެއް ދުވަހަކު އޭނާ އޭނާގެ ތިން ކުދިންނާއެކު ޓެކްސީއެއްގައި ކަރާޗީ އެއަރޕޯޓަށް ދަތުރުކުރަމުން ދަނިކޮށް، ޕާކިސްތާނު މިލިޓަރީއިން އެތައް ކާރުތަކެއް އައިސް ޑރ އާފިޔާ އިން ޓެކްސީ ކުއްލިއަކަށް ވަށައިލިއެވެ. ފުރަތަމަވެސް އެމީހުން 6 އަހަރުގެ އަޙްމަދު އަދި 3 އަހަރުގެ މަރިޔަމް ނެގިއެވެ. ދަރިން ވަކި ކާރަކަށް އަދި ޑރ. އާފިޔާ ވަކި ކާރަކަށް ލިޔެވެ. އާފިޔާގެ 6 އަހަރުގެ ދަރިފުޅު އަޙްމަދު ހާމަކޮށްފައިވަނީ، އޭނާގެ 6 މަހުގެ ކޮއްކޮ ސުލައިމާން އެވަގުތު ބިންމައްޗަށް ވެއްޓި، ލެޔާއި ތައްތެޅިފައިވާ މަންޒަރު އޭނާ އަށް ފެނުނު ކަމަށެވެ.

ކުދިންނަށް ދިން އަނިޔާ:
6 އަހަރުގެ އަޙްމަދު، ފުރަތަމަ އަނދިރި ކޮޓަރިއަކަށް ވައްދައި އެތާގައި ބޭއްވިއެވެ. އެއަށްފަހު ދެން ކަރާޗީން 1000 ކިލޯމީޓަރު ދުރުގައިވާ ކާބުލްގައި ހުރި ޖަލަކަށް ގެންދެވުނެވެ. އޭނާ އެތާގައި 5 އަހަރު ވަންދެން ބެހެއްޓިއެވެ. އޭނާގެ ނަން "އަޙްމަދު" އިން "ޢަލީ" އަށް ބަދަލުކޮށް، އެތާގައި އޭނާއަށް ދިން އަނިޔާގެ ވާހަކަ ދުވަހަކުވެސް ނުދެއްކުމަށް ސީއައިއޭ އިން އޭނާއަށް އަމުރުކުރެވުނެވެ.

3 އަހަރުގެ މަރިޔަމް ވަކިއިން އެކަހެރިކޮށްފައިވާ އަނދިރި ކޮޓަރިއަކަށް ލައިގެން ސީއައިއޭއިން ގެންގުޅުނެވެ. އޭގެފަހުން އޭނާ ހަވާލުކުރެވުނީ ކާބުލްގައި ތިބި އެމެރިކާގެ ކްރިސްޓިއަން ބައެއް ކަމަށްވާ ޖޮޝް އަދި ނެޓަލީއާއެވެ. މި ދެމީހުންނަކީ އެމެރިކާގެ އިންޓެލިޖެންސް އޭޖެންޓުން ކަމަށް ބެލެވެއެވެ. މަރިޔަމްގެ ނަން "ފާޠިމާ" އަށް ބަދަލުކޮށް، 7 އަހަރު ވަންދެން މި ދެ އެޖެންޓުން ކައިރީގައި އެކުއްޖާ ބެހެއްޓިއެވެ.

އާފިޔާއަށް ދިން އަނިޔާ:
ޕާކިސްތާނު ފުލުހުން އާފިޔާ ހައްޔަރު ކުރުމަށްފަހު، ދެން ވީ ނުވީއެއް ނޭނގެއެވެ. އާފިޔާ ހުރިތަނެއް ގެންދިޔަތަނެއް އެއްވެސް ފަރާތަކަށް ނޭނގެއެވެ. އޭގެ އެތައް މަހެއް ފަހުން، އާފިޔާ ހުރީ ބަގްރާމް ގައި ހުރި ޖަލެއްގައި ކަން އެނގުނެވެ.

ޑރ. އާފިޔާ ހައްޔަރު ކުރުމަށްފަހު، 55,000 ޑޮލަރަށް ޕާކިސްތާނު މިލިޓަރީގައި ހިމެނޭ ބަޔަކު އެމެރިކާއަށް އޭނާ ވިއްކާލިއެވެ.

އާފިޔާ ގެންދެވުނީ އަފްޣާނިސްތާނުގައި ހުރި އެމެރިކާގެ ބަގްރާމް އެއަރބޭސްގައި ހުރި ސިއްރު ޖަލަކަށެވެ. އެތާ އޭނާއަށް ވަރަށް ބޮޑެތި އަނިޔާތައް ކުރިއެވެ. އަފްޣާން ފުލުހުން އޭނާއަށް ޖިންސީ ގޯނާ ކުރިއެވެ. އެއްފަހަރު އޭނާ އަދި އެހެން އަންހެނުން ގުޅިގެން އެފަދަ އަނިޔާކުރި ފުލުހަކާއި ކުރިމަތިލިއެވެ. އޭގެފަހުން އޭނާ އެކަހެރި ކޮޓަރިއަކަށް ލެވި، ދެމުންދިޔަ އަނިޔާތައް އިތުރު ކުރިއެވެ.

ސިއްރު ޖަލުގައި ލިބުނު އަނިޔާ:
ބަގްރާމްގެ ސިއްރު ޖަލުގައި ހުރިކަން ދެނެގަނެވުނީ ލޯޔަރު ކްލައިވް ސްޓެފޯޑް ސްމިތު އެތަނަށް ކުރި ދަތުރުތަކުގައި އެހެން ގައިދީން މެދުވެރިކޮށެވެ. ފުރަތަމަ މިކަން ހާމަކުރީ ގައިދީއެއް ކަމަށްވާ ސަލީމް ކުޗީއެވެ. އޭނާ އެތައް އަހަރެއް ވަންދެން މިވާހަކަ ދައްކަން ބޭނުންވެފައި ހުރީއެވެ. އޭނާ ބުނިގޮތުގައި އާފިޔާ ބެހެއްޓިފައި ހުރީ ކުޑަ ލަކުޑި ފޮށްޓެއްގައެވެ.

އިތުރު ގައިދީންވެސް މިވާހަކަ ކަށަވަރުކޮށްދިނެވެ. އާފިޔާއަކީ އުރުދޫ ބަހުން ވާހަކަދައްކާ ޕާކިސްތާނީއެއްކަން އެންމެންނަށް އެނގުނެވެ. އައިސޮލޭޝަން އޭރިއާގައި ފެންވަރާ ތަނެއް އަދި ފާޚާނާއެއް ނެތުމުން، އަންހެނުން ގެންދަންޖެހުނީ ޖަލުގެ އެހެން ހިސާބަކަށެވެ. އޭރު އޭނާގެ ބޮލުގައި އަޅުވާފައި ހުންނަ ފޮތި ނެއްޓި، ގިނަ ގައިދީންނަށް އޭނާ ފެނުނެވެ. ފަހުން މި ގައިދީން މިނިވަން ވުމުން، އެމީހުންނަށް އާފިޔާގެ ފޮޓޯ ދެއްކުމުން، އެއީ އެމީހުން ފެނުނު އަންހެނާކަން ކަށަވަރު ކޮށްދީފައިވެއެވެ.

ނަފްސާނީ އަނިޔާ:
އާފިޔާއަށް ލިބުނު އެންމެ ބޮޑު ނަފްސާނީ އަނިޔާއަކީ އެއްފަރާތުގައި ބިއްލޫރިއެއް ބަހައްޓައިގެން، އޭގެ އަނެއްފަރާތުގައި ކުދިންނަށް އަނިޔާކުރާ މަންޒަރު ދެއްކުމެވެ. އޭނާއަށް ހީކުރެވުނީ އެއީ އޭނާގެ ދަރިންކަމަށެވެ. އެއީ ސްޕެނިޝް އިންކުއިޒިޝަންއިން 500 އަހަރު ކުރިން ގަބޫލުކުރި ގޮތުގައި، މީހަކަށް ސީދާ އަނިޔާކުރުމަށްވުރެ، އެމީހެއްގެ ދަރިފުޅަށް އަނިޔާކުރާތަން ދެއްކުމަކީ މާ ނުބައި އަނިޔާއެކެވެ.

އާފިޔާ ބުނިގޮތުގައި އެކުދިންނަށް އަނިޔާކުރުން ހުއްޓުވުމަށް އޭނާއަށް ކުރެވުނު ހަމައެކަނި ކަމަކީ، އެކުދިންނަށް އޭނާ އަޅާނުލާ ކަމަށް ދެއްކުމެވެ. އޭނާ ހިތަށްއެރީ އެއީ އެކުދިންނަށް އަނިޔާކުރުން ހުއްޓުވޭނެ ހަމައެކަނި ގޮތް ކަމަށެވެ.

އަންހެނުންގެ ޖަލުގައި:
ފަހުން އޭނާ ބަދަލުކުރެވުނީ އަންހެނުންގެ ބަންދު ތަނަކަށެވެ. އެއީ ކޮންމެވެސް ސިއްރު ތަނެކެވެ. އެތާ އޭނާ ހުރީ ދެ އަފްޣާން އަންހެނުންނާއެކުގައެވެ. އެތަނުގައި އޭނާ ފުލުހުންގެ އަތުން ރޭޕްކުރިއެވެ.

ގަޒްނީގެ ހާދިސާ - 2008:
2008 ވަނަ އަހަރު، އާފިޔާ މިނިވަން ވީ ކަމަށާއި، އަދި އާފިޔާއަށް އޭނާގެ އަންހެން ދަރިފުޅު މަރިޔަމް ދޭނެކަމަށާއި ބުނެ، އެ ކުއްޖާ ބަލާ ވަކި މިސްކިތެއް ކައިރިއަށް ދިޔުމަށް ސީއައިއޭއިން ޑރ. އާފިޔާއަށް އެންގިއެވެ. ސީއައިއޭއިން އޭނާ ފޮނުވީ އަފްޣާނިސްތާނުގެ ގަޒްނީ ކިޔާ ސަރަޙައްދެއްގައި ހުރި މިސްކިތަކަށެވެ. މިތަނުން މަރިޔަމް ނަގައިގެން އޭނާއަށް ޕާކިސްތާނަށް ދެވޭނެ ކަމުގެ ޔަގީންކަން އާފިޔާއަށް ސީއައިއޭއިން އޭރު ދީފައިވެއެވެ. މި ދަތުރުގައި އާފިޔާ އާއި އެކީ ބައިވެރި ކުރުވީ "އިޙްސާން ޢަލީ" ނަމަކަށް ކިޔާ ކުއްޖެކެވެ. "އިޙްސާން ޢަލީ" ނަމަށް އާފިޔާގެ ދަރި އަހްމަދުގެ ނަން ބަދަލު ކުރީ ސީއައިއޭއިންނެވެ. ކާރުގައި ދެމީހުން ދަތުރު ކުރިއިރު، މަންމައަށް މިއީ އޭނާގެ ދަރުފުޅު ކަމެއް، ދަރިފުޅަށް މިއީ އޭނާގެ މަންމަ ކަމެއް ސީއައިއޭއިން ބުނެދީފައި ނުވެއެވެ. އަޙްމަދު 5 އަހަރު އިތުރަށް ބޮޑުވެ، 11 އަހަރު އުމުރުން ވެފައި ހުރުމުން އާފިޔާއަކަށް އެއީ އަހްމަދުކަމެއް ފާހަގައެއް ނުކުރެވުނެވެ. އަދި އަހްމަދު ނަފްސާނީގޮތުން ދީފައިވާ އަނިޔާގެ ބޮޑުކަމުން، އޭނާއަށްވެސް އެއީ އޭނާގެ މަންމަ ކަމެއް ނޭނގެއެވެ.

ގަޒްނީގެ ހާދިސާގެ ސިއްރު:
ލޯޔަރ ކްލައިވްގެ ބަހުން، ގަޒްނީގެ ހާދިސާއަކީ ޕާކިސްތާނީ އިންޓެލިޖެންސްގެ އަތް އޭގައި ހިމެނޭ ސިއްރު ރޭވުމެކެވެ. ހަޤީޤަތުގައި އެމީހުން އާފިޔާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އޭނާ ގަޒްނީއަށް ގެންދެވުނީ އޭނާ މަރާލުމަށް ރޭވިފައިވާ ރޭވުމެއްގެ ދަށުންނެވެ.

އާފިޔާއާއި އޭނާގެ ދަރިފުޅު (އަޙްމަދު/އިޙްސާން) ގަޒްނީއަށް ގެންދެވުނީ ހޫނު މޫސުމުގައެވެ. ކުއްޖާ ލައްވާފައި ހުރީ ބޮޑު ކޯޓެކެވެ. މި ކޯޓުގެ 4 ބޮޑު ޖީބުގައި މޭވާ ލައްވާފައި ހުއްޓެވެ. މިއީ ކުއްޖާއަކީ ސުއިސައިޑް ބޯމަރެއް ކަމަށް ދެއްކުމަށް ސީއައިއޭއިން ކުރި ކަމެކެވެ. އާފިޔާ ލައްވާފައި ހުރީ ބޮޑު އަބާޔާއެކެވެ. އެހެންކަމުން އެތެރެއަށް ބޮން ލާފައި ހުރިކަމަށް ޝައްކު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.

އެމެރިކާގެ ސީއައިއޭއިން އާފިޔާއަށް އެންގީ ވަކި މިސްކިތެއް ކައިރީގައި މަރިޔަމް ގެނެވެންދެން މަޑުކުރުމަށެވެ. އެތަނަށް ގޮސް އާފިޔާ އިށީނުމާއެކު، ސީއައިއޭއިން ގުޅައި ސުއިސައިޑް ބޯމަރެއްގެ އެ މިސްކިތް ކައިރީގައި ހުރި ކަމުގެ މަޢުލޫމާތު އަފްޣާނިސްތާނު ފުލުހުންނަށް ދިނެވެ. ދެން އަފްޣާން ނޭޝަނަލް ޕޮލިސްގެ 50 މީހުން އޭ.ކޭ 47 ތަކާއެކު އެ މިސްކިތް ދޮށަށް އައެވެ. އަފްޣާނިސްތާނުގައި ވާހަކަ ދައްކާ ފާރިސީ ބަހެއް އާފިޔާއަކަށް ނޭނގެއެވެ. އަފްޣާނިސްތާނު ފުލުހުންނަކަށް އުރުދޫ ބަހެއް ނޭނގެއެވެ. ފުލުހުން 100 ފޫޓު ދުރުން އޭނާ ވަށައިލައިގެން ތިއްބެވެ. ސީއައިއޭގެ ރޭވުމަކީ އަފްޣާން ފުލުހުން ލައްވާ އެތަނުގައި އޭނާ މަރާލުމެވެ. އޭރުން އާފިޔާގެ އަގު ވައްޓާލައި "ނުބައި އަލްޤާޢިދާ އަންހެން ސުއިސައިޑް ބޯމަރެއް ކިބައިން މިސްކިތެއް ސަލާމަތް ކޮށްފިކަމަށް ބުނެ" މިހެން ހެޑްލައިން ހަދައި މި މައްސަލަ ސީއައިއޭއަށް ނިންމާލެވޭނެ ނޫންތޯއެވެ.

މުޙައްމަދު އަޖްމަލް މުޙައްމަދީގެ ހިތްވަރު:
އެހެންނަމަވެސް މި ރޭވުން ނާކާމިޔާބުވީ އެންމެ ސަބަބަކާ ހުރެއެވެ. މި މިސްކިތާއި ދިމާލުގައި ހުރި ފަހާތަނެއްގައި ވަޒީފާ އަދާ ކުރާ މީހެއް ކަމަށްވާ މުޙައްމަދު އަޖްމަލް މުޙައްމަދީ އާއި ހެދިއެވެ. އަފްޣާން ފުލުހުން އެތަނަށް އައުމުގެ ކުޑަ އިރުކޮޅެއް ކުރިން، އޭނާއަށް ފެނުނީ މިސްކިތް ކައިރީގައި އަންހެނަކު ހުރިތަނެވެ. އަދި މީހުން އޭނާއާއި ވާހަކަދައްކަން މަސައްކަތްކުރާ މަންޒަރެވެ. ނަމަވެސް އޭނާއަށް ފާރިސީ ނޭނގުމުން ވާހަކައެއް ނުދެއްކޭކަން އަޖްމަލް އަށް އެނގެއެވެ. މިކަން ދޭހަވެ، އަޖްމަލް، އާފިޔާގެ ކައިރިއަށް ގޮސް، އެ މިސްކިތް ހުރި ސަރަހައްދަކީ ހަނގުރާމައިގެ ސަރަޙައްދެއް ކަމަށާއި، އޭނާގެ ބޮޑުދައިތަ ދިރިއުޅެނީ ކައިރީގައި ކަމަށް ބުނެ، އެތަން ދޫކޮށް އޭނާގެ ބޮޑު ދައިތަގެ ގެއަސް ދިއުމަށް ހުށަހެޅިއެވެ.

އަޖުމަލް މިވާހަކާގައި ހުއްޓާ ފުލުހުން އައިސް ބަޑިތައް އާފިޔާއާއި ދިމާލަށް ދިގުކޮށް، އޭނާ މަރާލާނެ ކަމަށް ބުނެ ހަޅޭއްލަވަން ފެށިއެވެ. އެހިނދު އަޖްމަލް އޭނާއާއި ބަޑިތަކާ ދެމެދަށް ވަދެ، އޭނާއަކީ ސުއިސައިޑް ބޯމަރެއް ނޫން ކަމަށް ބުނެ ހަޅޭއްލެވިއެވެ. ފުލުހުން ވަރަށް ރުޅިއައެވެ. ނަމަވެސް ފުލުހުންގެ ތެރެއިން އެކަކު ކުރިއަށް ޖެހި، އާފިޔާގެ ބުރުގާ ނަގައި އެކަން ޔަގީން ކުރިއެވެ. އެހިސާބުން އާފިޔާ ސުއިސައިޑް ވެސްޓެއް ނާޅާ ހުރި ކަން ޔަގީންވިއެވެ.

އަޖްމަލް ވަރަށް ރުޅިއައިސް، އަލުން އޭނާގެ ބުރުގާ އަޅުވައިދިނެވެ. ފުލުހުން އަނެއްކާވެސް ބުރުގާ ބޭލުވައި، އަޖުމަލް އެތަނުން ދަމާ ދުރަށް ގެންދިޔައެވެ. ނަމަވެސް މިހިސާބަށް ކަންކަން ގޮސް، ބޮމެއް ނެތްކަން އެނގުމުން ދެން އާފިޔާ މަރާލަން އުނދަގޫވިއެވެ. ހާއްސަކޮށް އޭރު އެތައް މީހުންނެއް މި މަންޒަރު ބަލަން ތިބުމާއި، އަދި އެމީހުންނަށް އޭނާއަކީ ސުއިސައިޑް ބޯމަރެއް ނޫންކަން އެނގިފައި ވުމުން ބަނޑިޖަހައި އެތަނަށް އާފިޔާ މަރާ ނުލެވުނެވެ.

ފުލުސް މަރުކަޒުގައި ހިނގި ހާދިސާ:
އޭގެފަހުން އާފިޔާ ގެންދެވުނީ އަފްޣާން ނެޝަނަލް ޕޮލިސް މައި މަރުކަޒަށެވެ. އެތަނުގައި އޭނާ ބެހެއްޓިފައި ހުރީ ފަރުދާއަކުން ވަކިކޮށްފައިވާ ތަންކޮޅެއްގައި ހުރި ވަކި އެނދެއްގައެވެ. އެފް.ބީ.އައި އާއި އާފިޔާ ހަވާލު ކުރީ އެތަނުންނެވެ.

ބަޑި ޖެހުމުގެ ހާދިސާ:
އެމެރިކާގެ އޮފިސަރުން އަފްޣާން ނެޝަނަލް ޕޮލިސް ސްޓޭޝަނަށް އައިސް އޭނާ ސުވާލުކުރަން ބޭނުންވިއެވެ. އެކަމަކު އާފިޔާއަކަށް އެކަމެއް ނޭނގެއެވެ. ނަމަވެސް އޭނާއަށް އެމެރިކާގެ އަޑުތައް އެތަނުން އިވުނެވެ. އާފިޔާގެ ބަހުން، "އަހަރެންނަށް އެމެރިކާ ބަޔަކު ވާހަކަދައްކާ އަޑުއެހީމެވެ. އަހަރެން ވަރަށް ބިރުގަތެވެ. އަހަރެން އަނެއްކާވެސް ހައްޔަރުކޮށް އަނިޔާ ލިބޭތަނަށް ގެންގޮސްފާނެތީއެވެ. އެހެންވެ އަހަރެން ފަރުދާ ފަހަތުގައި ހިނގާ ކަންކަން ބަލާލީމެވެ. އެވަގުތު އެތާ ތިބި އެމެރިކާގެ ސިފައިން އޭނާ ފިލަން ދުވަނީ ކަމަށް ބުނެ، އަހަރެންގެ ބަނޑަށް ދެފަހަރު މަތިން ބަޑި ޖެހިއެވެ."

މިއީ އާފިޔާ 86 އަހަރަށް ޖަލަށްލެވުނު މައްސަލައިގެ މައިގަނޑު ހާދިސާއެވެ. އެމެރިކާގެ ވާހަކައަކީ މުޅިން ތަފާތު ވާހަކައެކެވެ. އެމީހުން ބުނާގޮތުގައި އެމީހުން އެ ކޮޓަރިއަށް ވަދެ، އަފްޣާނުންނާއެކު އަމާންކޮށް ވާހަކައެއް ދައްކަމުން ދިޔައިރު، އެމެރިކާގެ ސިފައިންގެ މީހަކު އޭނާގެ އެމް4 ސަބްމެޝިން ބަޑި ތަޅުންގަނޑުގައި ބޭއްވިއެވެ. ނަމަވެސް އެފަދަ ކަމެއް އެއްގޮތަކަށް ނުހިނގާނެއެވެ. އެމެރިކާ ސިފައިން ބުނާގޮތުން އާފިޔާ ބަޑި ނަގައި، ސޭފްޓީ ކެޗް ނައްޓައި، އެމެރިކާގެ މީހުންނާ ދިމާއަށް ބަޑިޖެހިއެވެ. ދެން އެމެރިކާ ސިފައިން އާފިޔާ އަތުން އެ ބަޑި ނަގައި އާފިޔާއަށް ޖެހިއެވެ.

ދޮގު ހެކި:
ޝަރީޢަތުގައި އެމީހުން ފާރުގެ މަތީ ބައިގައި ހުރި ދެ ލޯވަޅު ދެއްކިއެވެ. އެއީ އާފިޔާ ޖެހި ބަޑީގެ ވަޒަން ވަދެފައި ހުރި ތަންތަން ކަމަށް ބުނެއެވެ. އެކަމަކު މީގައި ކުޑަ މައްސަލައެއް އެބައޮތެވެ. އެއީ އެދުވަހު ހެނދުނު އެ ކޮޓަރީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުނުކަމުގެ ވީޑިއޯ ހެކި ހުރުމެވެ. އަދި މި ދެ ލޯވަޅު އޭރުވެސް އެތާ ހުރި ކަން ފެންނަން ހުރުމެވެ. އެހެންވީމާ އެއީ ހަމަ ކަނޑައެޅިގެން ދޮގެކެވެ. އަދި އޭނާގެ ގައިން ބަޑީގެ ކުނޑި ބޭނުންކުރިކަމުގެ އެއްވެސް ހެއްކެއް ނުފެނުނެވެ. އެމް4 އިން ޖެހި ވަޒަނެއްވެސް ނުފެނުނެވެ.

ޝަރީޢަތާއި ޙުކުމް:
އާފިޔާ އަށް ބަޑިޖެހުމަށްފަހު، ފުރަތަމަ އޭނާ އަނބުރާ ބަގްރާމްއަށް ގެންދެވުނެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެވުނެވެ. އެތަނުގައި އޭނާ ގެ ފުރާނަ ސަލާމަތް ކުރެވުނީ ކިރިޔާއެވެ. އޭގެ ދެ ހަފްތާއަށްފަހު، އޭނާ ނިއުޔޯކަށް ގެންދެވުނީ ޝަރީޢަތް ކުރުމަށެވެ.

އެންމެ ބޮޑު މައްސަލައަކަށްވީ އަފްޣާނިސްތާނުގައި ހަނގުރާމަ ހިނގަމުންދާތީ، އެއްވެސް ހެއްކެއް ޝަރީޢަތަށް ނުގެނެވުނެވެ. ހަމައެކަނި އެމެރިކާ ސަރުކާރުން ގެނައި ހެކިންނެވެ. އެހެންކަމުން އާފިޔާއަށް ދިފާޢުވުމުގެ އެއްވެސް ފުރުޞަތެއް ނުލިބުނެވެ.

ކްލައިވް ސްޓެފޯޑް ސްމިތަކީ މައްސަލަ ތަޙުޤީޤުކުރުމަށް އަފްޣާނިސްތާނަށް ދިޔަ ފުރަތަމަ އެމެރިކާ މީހާއެވެ. ދިފާޢީ ވަކީލުން ސީ.އައި.އޭ ގެ ރެކޯޑުތައް ހޯދަން މަސައްކަތްކުރުމުން، ސީ.އައި.އޭ އިން ސީދާ ދޮގުހަދައި އެފަދަ އެއްވެސް ރެކޯޑެއް ނެތް ކަމަށް ބުންޏެވެ.

ޤާޟީ ބަރމަން ޙުކުމްކުރިއިރު، އޭނާއަށް އާފިޔާއަކީ ޓެރަރިސްޓެއްކަމަށް ބުނެވިފައި ހުރި ހުރިހާ ވާހަކައެއް ގަބޫލުކުރެވިފައި ހުއްޓެވެ. އެހެންކަމުން ޙުކުމް ވަރަށް ބޮޑަށް އިތުރުކުރެވުނެވެ. ގާނޫނީ ނިޒާމުގެ ދަށުން، މީހަކާ ދެކޮޅަށް ދަޢުވާ ނުކުރެވޭ ކަންތައްތައްވެސް ޙުކުމްކުރުމުގައި ބޭނުން ކޮށްފައިވެއެވެ. އެހެންކަމުން ޤާޟީ އާފިޔާއާ ދެކޮޅަށް ބުނެވިފައި ހުރި ހުރިހާ ވާހަކައެއް ބަލައި، އޭގެ މައްޗަށް ޙުކުމް އިތުރުކުރިއެވެ.

ލޯޔަރު ކްލައިވް މި އިންޓަވިއުގައި ހާމަކުރި ގޮތުގައި، އޭނާ އެކަމުގައި ހުކުން ކުރި ޤާޟީގެ ކުށެއް އޮތް ކަމަށް ނުބަލައެވެ.. އެއީ އޭރު ޤާޟީ އަށް ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އޭނާ ނިންމި ނިންމުމެކެވެ. އެކަމަކު އެ މަޢުލޫމާތުތަކަކީ މުޅިން ދޮގު މަޢުލޫމާތެވެ. ލޯޔަރު ކްލައިވް މިހާރު ވަނީ ޤާޟީއަށް އޮޅިފައި ހުރި ހުރިހާ ކަމެއް ތަފްސީލުކޮށް 26,000 ލަފުޒުގެ ލިޔުމެއް ލިޔެފައިވެއެވެ،

އެމެރިކާ ޖަލުގައި އަނިޔާގައި:
10-15 އަހަރުގެ ޙުކުމެއް 86 އަހަރަށް އިތުރުކުރެވުނެވެ. މިއީ އޭނާ ޖަލުގައި މަރުވަންދެން ހުންނަންޖެހޭ ވަރުގެ ޙުކުމެކެވެ. އާފިޔާ މިހާރު ބަންދުކުރެވިފައި ހުރީ އެފް.އެމް.ސީ ކާސްވެލްގައެވެ. މިއީ ފެޑެރަލް މެޑިކަލް ސެންޓަރެއް ކަމަށް ކިޔާފައި އޮންނަ ޖަލެކެވެ.

ކްލައިވް އެތަނަށް ޒިޔާރަތްކުރުމަށްފަހު ވަރަށް ބޮޑަށް ސިހުނެވެ. އޭނާ އެމެރިކާގެ ގިނަ މެކްސިމަމް ސެކިއުރިޓީ ޖަލުތަކަށް ގޮސްފައިވެއެވެ. ގުއަންޓަނާމޯއަށް 42 ފަހަރު ގޮސްފައިވެއެވެ. އޭނާ ހިތަށްއެރީ މިހާ ހިސާބުން އެންމެ ނުބައި ތަންތަން ފެނިއްޖެ ކަމަށެވެ. އެކަމަކު އެފް.އެމް.ސީ ކާސްވެލްއަކީ ގުއަންޓަނާމޯއަށްވުރެވެސް ނުބައި ޖަލެކެވެ.

ޖަލުގެ އަނިޔާތައް:
ގުއަންޓަނާމޯގައި ލޯޔަރު ކްލައިވްއަށް އޭނާގެ ކްލައިންޓުންނާ ގައިގޯޅިވެ ބައްދަލުކުރެވެއެވެ. އެމީހުންނާއެކު ކައިބޮއި ހެދެއެވެ. އެމީހުން އޭނާއަށް އިތުބާރުކުރެއެވެ.

ކާސްވެލްގެ ނުރައްކާތެރި ޙާލަތު:
ކާސްވެލްއަށް ވަނުމަކީވެސް ވަރަށް އުނދަގޫ ކަމެކެވެ. އަންހެން ގައިދީން ލައްވާފައި ހުންނަނީ ކަކީ ކުލައިގެ ޔުނިފޯމެވެ. އެހެންކަމުން ކްލައިވް ކަކީ ކުލައިގެ ޕެންޓެއް ލައިގެން ދިޔައިރު، އެތަނަށް ވަދެވޭގޮތް ނުވިއެވެ. އޭނާ ޖީންސް ގަނެގެން އައުމަށް މަޖުބޫރުވިއެވެ.

ފާއިތުވި އަހަރުތަކުގައި މި ޖަލުގައި އަންހެން ގައިދީން ރޭޕްކުރުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އޭގެ ތެރޭގައި ކްރިސްޓިއަން މިނިސްޓަރެއްވެސް ހިމެނެއެވެ. އާފިޔާ ކްލައިވްއަށް ފުރަތަމަ ބައްދަލުކުރި ދުވަހު، އެތާ ހިނގަމުންދާ އަނިޔާތަކުގެ ވާހަކަ ކިޔައިދިނެވެ. އޭނާ ބުނާ ގޮތުގައި އޭނާއަށް ދެފަހަރު ރޭޕްކުރެވި، އެތައް ފަހަރަކު ޖިންސީ ފުރައްސާރަ ކުރެވިފައިވެއެވެ.

ސްޓްރިޕް ސަރޗްކުރުންވެސް ވަރަށް ނުބައި ގޮތަކަށް ކުރިއަށް ގެންދެއެވެ. އަދި މިއަށްވުރެ މާ ނުބައި ކަންތައްތައް ހިނގައެވެ. މިއީ ހަމައެކަނި އާފިޔާއަށް ކުރާ ކަންތައްތަކެއް ނޫނެވެ. އެތާ ތިބި ހުރިހާ އަންހެނުންނަށްވެސް މިފަދަ އަނިޔާތައް ކުރެވެއެވެ.

ބަންދުގެ ޙާލަތު:
އޭނާ ހުރީ އެކަހެރި ބަންދުގައި، އެޑްމިނިސްޓްރޭޓިވް ސެގްރިގޭޝަންގައެވެ. އޭނާ މިހެން ހުންނަތާ 14 އަހަރު ވެއްޖެއެވެ. މިއީ ފެޑެރަލް ޖަލުތަކުގައި ތިބި އެހެން އަންހެނުންނަށްވުރެ ގިނަ ދުވަހެވެ. 10,250 ދުވަސް އޭނާ ވަނީ މިގޮތަށް ހޭދަކޮށްފައެވެ. އެހެން އެއްވެސް އަންހެނަކަށް މިވަރުގެ އަނިޔާވެރި އަދަބެއް ދީފައެއް އެމެރިކާގައި ނުވެއެވެ.

ލޯޔަރު ބުނާގޮތުން، އޭނާ އެތަން ފެނުމުން ވަރަށް ބޮޑަށް ހައިރާންވެ ސިހުނެވެ. މިހާރު އޭނާގެ އަމާޒަކީ އެ ޖަލު ބަންދުކުރުމެވެ. އެއީ އެންމެ ފަހު ކަމަކަށް ވިޔަސް މެއެވެ. އާފިޔާއަކީ އެންމެ ބޮޑު އަނިޔާ ލިބުނު މީހާއެވެ. އެކަމަކު އެތާ އެތައް ބަޔަކު ވަނީ ނުބައި އަނިޔާތަކުގެ ޝިކާރައަކަށްވެފައެވެ.

މިނިވަންކުރުމުގެ މަސައްކަތް:
އާފިޔާއަކީ ޕާކިސްތާނު ރައްޔިތެކެވެ. އޭނާއަށް މިއަނިޔާތައް ހައްޤަކާއި ނުލާ ދީފައިވަނީ ޕާކިސްތާނާއި އެމެރިކާއާއި ވެގެންނެވެ. މިހާރު ޑރ. ޝަޒްރާ އާއި ޝާދިޔާ އަށް އަނިޔާ ދިނުމަށް ރާވަމުން ދަނީވެސް، ބޭރު ޤައުމެއްގެ ނުފޫޒު އޭގައި އޮވެގެން ކަމަށް ބެލެވެއެވެ.

މިކަމުގައި އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ، ޕާކިސްތާނާއި އެމެރިކާގެ ސަރުކާރުތަކުން ކުރާ ޑިޕްލޮމެޓިކް މަސައްކަތްތަކުގައި، އާފިޔާގެ މައްސަލަ ނުހިމަނާކަމެވެ. އެއީ ޕާކިސްތާނުގެ ބައެއް ފަރާތްތަކުން އޭނާ މިނިވަންވުމަށް ބޭނުން ނުވާތީއެވެ. އެއީ އޭނާ މިނިވަންވެ، ޕާކިސްތާނުގެ ބައެއް ވެރިންގެ އަނިޔާވެރިކަން ހާމަވެދާނެ ކަމަށެވެ.

2008 ގައި ހިނގި ކަންތައްތަކަށް ބަލާއިރު، މުޝައްރަފް އާއި އޭނާގެ ސިފައިން މިކަމުގައި ބައިވެރިވެފައި ވާކަން ސާފެވެ. އަދި އާފިޔާ މަރާލުމަށް ރޭވި ރޭވުމަކީވެސް ޕާކިސްތާނުގެ މިލިޓަރީއާއި ސަރުކާރުގެ އަތް އެކަމުގައި އޮތް އަނިޔާވެރި ހާދިސާއެކެވެ. މިކަންކަން ފާޅުވެ، އިންސާފު އެމީހުންނާއި އަރާ ހަމަކޮށްފާނެ ކަމަށް އެފަދަ މީހުން ބިރުގަނެއެވެ.

ލޯޔަރު ކްލައިވް އެމީހުންނަށް ސާފުކޮށް ދެގޮތެއް ހުށަހަޅައެވެ:

އެމީހުންނަށް ދެމަގެއް އެބައޮތް. އެއްގޮތަކީ މިކަމުގައި ރަނގަޅަށް އަދި ހެޔޮކޮށް ކަންތައް ކުރުން. އަހަރެމެން މި މައްސަލައިގެ ވާހަކަ ފިލްމަކަށް ހަދާކަށް ނޫޅެން. އަހަރެމެން ބޭނުންވަނީ އާފިޔާގެ މިނިވަން. އަދި އޭނާ މިނިވަންވުމުން، އޭނާއަށް ބޭނުންވަނީ ރަނގަޅު ފަރުވާއާއި އާއިލާގެ ލޯބި.

އެކަމަކު މިކަމުގެ ފަހަތުގައި ތިބި މީހުން ރަނގަޅު މަގަށް ނާންނަނަމަ، އަހަރެމެން އެމީހުންގެ ނަންތައް ހާމަކުރާނަން. އެމީހުންނަކީ ކޮބައިކަން އަހަރެންނަށް އެނގޭ. މިހާތަނަށް އަހަރެން އެމީހުންގެ ނަންތައް އާންމުކޮށްފައެއް ނުވާނެ. އަދި އެމީހުން ރަނގަަޅަށް މިކަމުގައި އަމަލުކޮށްފިނަމަ، ނަންތައް ހާމައެއްވެސް ނުކުރާނަން. އެކަމަކު އެމީހުން އިންކާރުކޮށް، ގޯސްކޮށް ކަންކަން ކުރުމުގައި ތިބެއްޖެނަމަ، އެމީހުންގެ ނަންތައް ހާމަކުރުން ނޫން އެހެން ގޮތެއް ނޯންނާނެ.

އުންމީދު:
އާފިޔާއަކީ ވަރަށް ވަރުގަދަ ހިތްވަރުގަދަ މީހެކެވެ. އޭނާއަށް ލިބޭނެ އެންމެ ބޮޑު ނަފްސާނީ ދެރައަކީ އޭނާއަކީ ދުނިޔެއިން ހަނދާންނައްތާލެވިފައިވާ މީހެއްކަމަށް، ހީވުމެވެ. އެހެންކަމުން ލޯޔަރުގެ އެއް މަޝްރޫޢަކީ މީހުން ލައްވައި އޭނާއަށް ސިޓީ ފޮނުވުމަށް ހިތްވަރު ދިނުމެވެ.. ސިޓީތައް ލޯޔަރު މެދުވެރިކޮށް ލީގަލް މެއިލްގެ ގޮތުގައި ފޮނުވުމުން، އާފިޔާއަށް އެ ކިޔޭނެއެވެ. އޭގެ ސަބަބުން އާފިޔާއަށް، އޭނާއަށް އަޅާލާ މީހުން ތިބިކަން އެނގޭނެއެވެ.

ރައީސް މުއިއްޒު އާއި އޭނާގެ އިސްލާމިކް މިނިސްޓަރ މި އުޅެނީ ކުށެއް ނެތް ދެ އަންހެނަކު ޖަލަށްލައި އަނިޔާ ނުދެވިގެންނެވެ. ޑރ. ޝަޒްރާ އާއި ޝާދިޔާ އަކީ މުސްލިމުންނެވެ. ދިވެހިންނެވެ. އިންސާނުންނެވެ. މިކަން މުއިއްޒަށާއި، ޝަހީމަށް ނޭނގެނީތޯއެވެ؟ ކުށެއްނެތި، އިންސާނުންނަށް އަނިޔާވެރިވާއިރު، މާތްﷲގެ ހަޞްރަތުގައި މިކަމުގެ މައްޗަށް ވަލީއަލްއަމްރާއި، އިސްލާމިކް މިނިސްޓަރާއި ސުވާލު ކުރެވޭނެ ކަން ނުދަންނަނީތޯއެވެ؟ ނުވަތަ ﷲގެ ކޯފާއަކަށް ހަމަ ބިރުވެތިކަމެއް މި މީހުންގެ ހިތުގައި ހަމަ އެއްވެސް ވަރަކަށް ނެތީތޯއެވެ؟