ސައުދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ގިނަ ލީޑަރުންތަކަކާއި ބައްދަލު ކުރެއްވި އިރު މުއިއްޒު އާއި ބައްދަލެއް ނުކުރިއެވެ. ރައީސް މުއިއްޒު ސައުދީ ޕްރިންސް އަކީ މުސްލިމް ދުނިޔޭގެ ލީޑަރު ކަމަށް ވާހަކަ ބަދަލުކޮށް ދެއްކެވުމަށްފަހު، ފުރާވަޑައިގެން ސައުދީއަށް ވަޑައިގަތުމުންވެސް އެޤައުމުގެ އިސްވެރިންނެއް އެމަނިކުފާނާއި ބައްދަލެއް ނުކުރިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ އަމީރު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން، ހޯމަ ދުވަހު ރިޔާދުގައި ބޭއްވުނު ޢަރަބި-އިސްލާމީ ފޮލޯއަޕް ސަމިޓްގެ ހަވާސާގައި ގިނަ އަދަދެއްގެ ޢަރަބި އަދި މުސްލިމް ލީޑަރުންނާ ބައްދަލުކުރެއްވިއެވެ. އަމީރު ބައިލެޓްރަލް ބައްދަލުވުންތަކެއް ބޭއްވި ލީޑަރުން ތެރޭގައި ސީރިއާގެ ރައީސް ބަޝާރް އަލް-އަސަދް، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އަރްދޯއާން، ޖޯޑަންގެ ބާދުޝާހު ޢަބްދުﷲ ދެވަނަ، އުޒްބެކިސްތާނުގެ ރައީސް ޝަވްކަތް މިރްޒިޔޯއެވް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް ހިމެނެއެވެ.
އަދި ސޫދާނުގެ ސޮވެރިންޓީ ކައުންސިލްގެ ޗެއަރމަން ޢަބްދުލްފައްތާޙް އަލް-ބުރްހާނާއާއި އެކުވެސް ބައްދަލުވުން ބާއްވައި މަޝްވަރާތައް ކުރެއްވި އިރުވެސް ރައީސް މުއިއްޒު އަކާއި ބައްދަލު ކުރައްވާފައެއް ނުވެއެވެ.
ރައީސް މުއިއްޒު މިއީ އެއް އަހަރު ތެރޭ ސައުދިއަރަބިއްޔާއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. ކުރީ ފަހަރުވެސް، ސަރުކާރުގެ އިސް އެއްވެސް ފަރާތެއް މުއިއްޒުއަށް މަރުހަބާ ދަންނަވާފައެއް ނުވެއެވެ.
ޢަރަބި އަދި މުސްލިމް ޤައުމުތަކުގެ ލީޑަރުންނާއި މަންދޫބުން ބައިވެރިވި މި ފޮލޯއަޕް ސަމިޓަކީ، އެއް އަހަރު ކުރިން ރިޔާދުގައި ބޭއްވުނު ޚާއްޞަ ޢަރަބި-އިސްލާމީ ސަމިޓާއި ގުޅިގެން ބޭއްވުނު ދެވަނަ ބައްދަލުވުމެކެވެ. މި ސަމިޓް ބޭއްވުނީ ޣައްޒާ އަށާއި ލުބުނާނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރިކަން ހުއްޓުވުމާއި، ސަރަޙައްދުގައި ސުލްޙަ ޤާއިމުކުރުމަށް މަގުތަކެއް ހޯދުމަށްޓަކައެވެ.