ހައުސިން މިނިސްޓްރީން އިއްޔެ އާންމުކުރި މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ގިނަވުމުން އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ ޕޮއިންޓް ދީފައިވާ ގޮތުގެ ތަފުސީލު ނުދީގެން އާންމުންގެ ބަޔަކު ހައުސިން މިނިސްޓްރީ އަށް އެއްވެ މުޒާހަރާކުރަން ވެސް ފެށިތަނާ ހަމަ ދެންމެ އެވެ. ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރީ ލިބުނު ޕޮއިންޓުގެ އަދަދު ނުހިމަނަ އެވެ. އާންމުންގެ އެންމެ ބޮޑު ޝަކުވާ އަކީ ވެސް އެއީ އެވެ.
ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ ދާއިމީ ލިސްޓާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް މިނިސްޓްރީ އަށް ލިބެމުން ދާ ކަމަށެވެ.
ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑުވުމުން ސަރުކާރުން މިިއަދު ނިންމީ ޝަކުވާ ހުށަހަޅަން ފުރުސަތު ދޭން
އަކްރަމް ވިދާޅުވިއެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ޝަކުވާ ހުށަހަޅަން ޖެހޭނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.
ސަރުކާރުން އިއްޔެ އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، މި ސަރުކާރުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބަޭނެ މީހުން ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އެ 4،000 ފްލެޓް ދެނީ ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި، 4،000 ފްލެޓަށް ޝަރުތު ހަމަވި މީހުންނަށް ލިބޭ ފްލެޓުތައް ކަނޑައަޅާނީ ގުރުއަތު ނަގައިގެންނެވެ.