ޚަބަރު

ބުރަ މަސައްކަތުން އާމްދަނީ އިތުރުކުރާ ރައްޔިތުން އަތުން ނަގާ އިންކަމް ޓެކްސްގެ އިތުރުން، އާސަންދައަށް ވެސް ބޮޑު އަދަދެއް ނަގައި، އެންސްޕާ އިން ދެމުންދިޔަ އެހީ ކަނޑާލައިފި!

ދިޔަވަރު
ބުރަ މަސައްކަތުން އާމްދަނީ އިތުރުކުރާ ރައްޔިތުން އަތުން ނަގާ އިންކަމް ޓެކްސްގެ އިތުރުން، އާސަންދައަށް ވެސް ބޮޑު އަދަދެއް ނަގައި، އެންސްޕާ އިން ދެމުންދިޔަ އެހީ ކަނޑާލައިފި!

މުއްސަނދިންގެ އަތުން އާސަންދަ ހިދުމަތަށް ކޮންޓްރިބިއުޝަނެއްގެ ގޮތުގައި ފީއެއް ނެގުމުގެ ބަދަލުގައި މިހާރުވެސް އިންކަމް ޓެކުހުގެ ގޮތުގައި މުއްސަނދިން އަތުން ފައިސާ ނެގެމުން ދާއިރު، އިތުރަށް ސަރުކާރުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ދޭންޖެހޭ އިންޝުއަރެންސް އަށް ސަރުކާރުގެ ނާގާބިލުކަމުން ވަކި ބަޔަކު ލައްވައި ފައިސާ އަތުލުމަކީ ގޯސް ކަމެކެވެ. ނަމަވެސް އެކަން އެގޮތަށް ކުރުމަށް މުއިއްޒު ނިންމައިފިއެވެ.

އާމްދަނީގެ ގޮތުގައި ކޮންމެ މަހަކު 60،000ރ. އަށްވުރެ މަތިން ލިބޭ މީހުންނަށް އާސަންދަ އަދި މެޑިކަލް ވެލްފެއާ ދިނުމުގެ އުސޫލަށް އަންނަ އޭޕްރިލް މަހުން ފެށިގެން ގެންނަން ނިންމާފައި ވަނީ މައިގަނޑު ތިން ބަދަލެކެވެ.

ފުރަތަމަ ބަދަލެއްގެ ގޮތުގައި ބަޖެޓުގައި ހިމަނާފައި ވަނީ މުއްސަނދިންގެ އަތުން ފީއެއް ނެގުމެވެ. އެ ބަދަލާއެކު ނިކަމެތިންނަށް މާލީ ބުރައަކާ ނުލައި ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރު ކުރަން ލިބޭ ޖާގަ އިތުރުވާނެ ކަމަށް ބަޖެޓު ފޮތުގައި ޖަހާފައިވެ އެވެ.

މުއްސަނދިންގެ އަތުން ކޮންޓްރިބިއުޝަންގެ ގޮތުގައި އާސަންދަ ހިދުމަތަށް ނަގާނެ ވަކި މިންވަރެއް އެ ފޮތުގައި ބަޔާން ކޮށްފައި ނެތެވެ. ބަޖެޓު ފޮތުގައި ލިޔެފައި ވަނީ މި ކަމަކީ ކޮރެއާފަދަ ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ކާމިޔާބުކަމާއެކު ތަންފީޒު ކުރަމުންދާ މޮޑެލްއެއް ކަމަށެވެ. އެ ގައުމުތަކުގައި އެ ފައިސާ ނަގަމުން ދަނީ އިންކަން ޓެކްސް ނަގާއިރު ކަމަށް ބަޖެޓުގައި ލިޔެފައިވެ އެވެ.

ނަމަވެސް ކޮރަޔާއަކީ 52 މިލިއަން މީހުންގެ އާބާދީއެއް އޮތް ޤައުމެެކެވެ. ރާއްޖޭގައި ތިބި 4 ލައްކަ ދިވެހިންނަށް އިންޝްއަރެންސް ނުދެވޭ ވަރުގެ ބަޔަކު ސަރުކާރުގައި ތިބޭނެ ކަމެއް ނެތެވެ.

މެޑިކަލް ވެލްފެއާގެ ނިޒާމު ހަރުދަނާ ކުރުމަށް އަޅަން ރާވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދެން ހިމެނެނީ މެޑިކަލް ވެލްފެއާގެ ގޮތުގައި އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް މުއްސަނދިންނަށް ދޭ އެހީ އިންޓްރެސްޓު ފްރީ ލޯނަކަށް ބަދަލު ކުރުމެވެ. އެ ބަދަލާ ގުޅިގެން އިންކަމް ޓެކްސް ދައްކަން ނުޖެހޭ އެއްވެސް މީހަކަށް ލިބޭ އެހީއަށް ބަދަލެއް ނާންނާނެ ކަމަށް ބަޖެޓުގައި ލިޔެފައިވެ އެވެ.

ފާމަސީތަކާއި ސަރުކާރު ހޮސްޕިޓަލްތަކުން މުއްސަނދިން ހޯދާ ބައެއް ހިދުމަތަކަށް ކޮންޓްރިބިއުޝަނެއް ދައްކަންޖެހޭ ގޮތް ހެދުމަށް ވެސް އާސަންދަ ނިޒާމަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ. މުއްސަނދިންގެ ކެޓެގަރީގައި ހިމެނުނު ނަމަވެސް، 18 އަހަރު ނުފުރޭ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ފަރާތްތަކާއި ކްރޮނިކް އަދި ޓާމިނަލް ބަލިތަކަށް ފަރުވާ ކުރާ ފަރާތްތައް އިސްތިސްނާވާނެ ކަމަށް ބަޖެޓު ފޮތުގައި ބަޔާން ކޮށްފައިވެ އެވެ.

އޭގެ އިތުރުން ޕްރައިވެޓު ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމުގެ މަސައްކަތާއި ސިފައިންނާއި ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖެއްސުމަށް ވެސް އާސަންދަ އާއި މެޑިކަލް ވެލްފެއާގެ ނިޒާމު ހަރުދަނާ ކުރުމަށް އަޅަން ރާވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެ އެވެ.