ޚަބަރު

އެންމެ 4 ލައްކަ ދިވެހިންނަށް އާސަންދަ ނުދެވޭ ވެރިއަކު ވެރިކަމުގެ ހުރުމުގެ އެއްވެސް ބޭނުމެއް ރައްޔިތުންނަކަށް ނެތް

ދިޔަވަރު
އެންމެ 4 ލައްކަ ދިވެހިންނަށް އާސަންދަ ނުދެވޭ ވެރިއަކު ވެރިކަމުގެ ހުރުމުގެ އެއްވެސް ބޭނުމެއް ރައްޔިތުންނަކަށް ނެތް

ރާއްޖޭގެ އާބާދީ 5 ލައްކައެވެ. އޭގެ ތެރޭގައި ތިބި ބޭރުގެ ފަރާތްތައް ކަނޑާލުމުން ދިވެހިންގެ 2024 ގައި ރާއްޖޭގައި ތިބި ދިވެހިންގެ އަދަދަކީ ގާތްގަނޑަކަށް 4 ލައްކަ 24 ހާސް ދިވެހިންނެވެ.

މިއީ ވަރަށް ކުޑަ އަދަދެކެވެ. 5500 ސިޔާސީ މަގާމުތައް އުފައްދައި، ރިޝްވަތާއި ވައްކަން ސަރުކާރު ތެރޭގައި އިންތިހާއަށް އިތުރުވެފައިވާއިރު، ފާއިތުވި އަހަރުގައި ދިން 55 ބިލިއަން ރުފިޔާގެ ބަޖެޓަށް ވީ ގޮތެއް އެއްވެސް ލިޔެކިޔުމަކުން ފެންނާކަށް ނެތެވެ. މިއީ ދުނިޔޭގެ ފަހުގެ ތާރީޚެއްގައިވެސް ޑިމޮކްރެޓިކް ޤައުމަކުން ކޮށްފައިވާ ފަދަ ކަމެއް ނޫނެވެ.

ކޮންމެ އަހަރެއްގެ ބަޖެޓް ފާސް ކުރަނީ ކުރީ އަހަރުތަކަށް ވުރެ ބޮޑު ކޮށްގެންނެވެ. ފާއިތުވި ހުރިހާ އަހަރަކު ރާއްޖޭގެ ފަހުގެ ހުރިހާ ވެރިން ދެމުންދިޔަ އާސަންދަ މުއިއްޒަށް ނުދެވިފައިވަނީ އޭނާގެ ނާގާބިލު ކަމުންނެވެ. އިސްރާފު ބޮޑުކަމުންނެވެ. ދައުލަތުގެ ފައިސާއިން ވައްކަން ކުރާލެއް ބޮޑު ކަމުންނެވެ. އަދި ބޭރު ދުނިޔެ އާއި އެކު އޮންނަވީ ގުޅުންތައް ޤާއިމު ނުކުރެވި ރާއްޖޭގެ މައްޗަށް އޮތް އިތުބާރު ގެއްލުވާލުމުންނެވެ.

ރައްޔިތުން މިވަރަށް ނިކަމެތި ކޮށްގެން ވެރިކަމުގެ އާރާއި ބާރުގައި ހުރެ، ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ބޭކާރު ދަތުރުތަކުން އެތައް މިލިއަނެއް އިސްރާފުކުރަމުން އެދަނީ ދިވެހިންނަށް ބޯނެ ފެންފޮދެއްވެސް މާދަމާ ލިބޭނެ ކަމުގެ ޔަގީންކަން ނެތް ހާލަތަކަށް ޤައުމު ވައްޓާލަމުންނެވެ.

މިފަދަ ނާގާބިލު، ދޮގުވެރި، ވެރިއެއް ރައްޔިތުންނަކަށް ބޭނުމެއް ނުވެއެވެ. ރައްޔިތުން މިއަދު އެދި އާދޭސް ކުރަނީ މުއިއްޒު އިސްތިއުފާ ދިނުމަށެވެ.