ޚަބަރު

މީޑިޔާ ކޮމިޝަންގެ ބިލް މަޖިލީހަށް ހުށައަޅާފައިވަނީ ގަވާއިދާއި ޚިލާފަށް: ޤާނޫނީ ވަކީލް އަހްމަދު މައުރޫފް

ދިޔަވަރު
މީޑިޔާ ކޮމިޝަންގެ ބިލް މަޖިލީހަށް ހުށައަޅާފައިވަނީ ގަވާއިދާއި ޚިލާފަށް: ޤާނޫނީ ވަކީލް އަހްމަދު މައުރޫފް

މީޑިޔާ ކޮމިޝަންގެ ބިލް މަޖިލީހަށް ހުށައަޅާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ޤާނޫނީ ވަކީލް އަހްމަދު މައުރޫފް ހާމަ ކުރައްވައިފިއެވެ. މި ގޮތަށް އޭނާ ހާމަ ކޮށްފައިވަނީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައެވެ.

ސަރުކާރުން ވަނީ މީޑިޔާތައް ކޮންޓްރޯލް ކުރުމަށް، އަނިޔާވެރި ވުމަށް، މީޑިޔާތައް ފައިން ކޮށް، ވަކި ވަކި ނޫސްވެރިން ޖޫރީމަނާ ކޮށް، ނޫސްތައް ބަންދުކޮށް، ނޫސްތައް ބްލޮކް ކުރެވޭ ގޮތަށް ބިލެއް ހުށައަޅާފައެވެ. ނަމަވެސް މިކަން މިއީ ސަރުކާރުން ކުރިކަމެއް ނޫން ކަމަށް ދެއްކުމަށް ބިލް ހުށައަޅާފައިވަނީ، ރައީސް މުއިއްޒުގެ މަޖިލީސް މެމްބަރެއް ލައްވައެވެ.

މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރާ ބިލެއް ހުށަހަޅައިފައި ވަނީ ސަރުކާރުން ބޭނުންވެގެން، ސަރުކާރު އެ ކަމުގެ އަޑީގައި އޮވެގެން!

މި ބިލު ޑްރާފްޓްކޮށްދީފައި ވަނީ ބަންޑާރަނައިބުގެ އޮފީހުން. އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން ލައްވަ ބިލު ހުށަހެޅުމުގެ ބޭނުމަކީ، މިއީ ސަރުކާރުން ކުރާ ކަމެއްނޫންކަމަށް ރައްޔިތުންނަށާއި ބޭރުގެ ފަރާތްތަކަށް ދެއްކުން.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 90 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ، ޓެކުހެއް ނުވަތަ ފައިސާއެއް ނަގަންޖެހޭނެ ބިލެއް ނުވަތަ ދައުލަތުގެ މާލިއްޔަތުން ސީދާގޮތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭންޖެހިދާނެ އެއްވެސް ކަމެއް ހިމެނޭ އެއްވެސް ބިލެއް (މަނީ ބިލު) ހުށަހެޅޭނީ ސަރުކާރުން ކަމަށް.

އައު ކޮމިޝަނެއް އުފައްދަން ހުށަހަޅައިފައި ވާއިރު، އެކަމަކީ ސީދާ ދައުލަތުގެ ބަޖެޓުން ހަރަދު ހިނގާނެ ކަމެއް. އެހެންކަމުން، ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރަކު ނޫނީ މި ފަދަ ބިލެއް ހުށަނޭޅޭނެ. އެ ނޫން މެންބަރަކު ހުށަހެޅުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފުވާނެ ކަމެއް.

އެމް.ޑީޕީން ހުށަހަޅާ ކުއްލި މައްސަލަތަކާއި ޤަރާރުތައް ރިޔާސަތުން އެޖެންޑާވެސް ނުކޮށް ބޭރުކޮށްލަނީ، މަޖިލީހުގެ ގަވާއިދާ ހިލާފުކަމަށް ހުއްޖަތް ދައްކައިގެން.

މިހައި ސާފުކޮށް ގަވާއިދާ ހިލާފު ބިލެއް އެޖެންޑާކޮށްފިނަމަ، މިއީ ސީދާ ސަރުކާރު ބިލެއްކަން ޔަގީންވާނެ. މިއީ ރައީސް މުއިއްޒު ނުވަތަ ސަރުކާރުން ބޭނުންނުވާ ބިލެއް ކަމަށް ވަންޏާ، ސަރުކާރު ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން މި ބިލު ބަލައިނުގަނެ ބޭރުކޮށްލާނެ. ބަލައިގަތުމަށް ނިންމައިފިނަމަ، މިއީ ސީދާ ސަރުކާރު ބިލެއްކަން އިތުރަށް ޔަގީންވީ.

ޤާނޫނީ ވަކީލް އަހްމަދު މައުރޫފް ޓްވީޓް ކުރައްވާފައިވެއެވެ. މިނިވަން މުއައްސަސާތަކުގެ ބާރު ނަގައި ރައްޔިތުންގެ ހައްޤުތަކަށް މުއިއްޒު އަރައިގަންނަމުން ދާތީ މިހާރު މުއިއްޒަށް "މިނިވަން މުއައްސަސާތަކުގެ ޖައްލާދު"ގެ ނަމުން މީހުން ދަނީ މުހާތަބު ކުރަމުންނެވެ.