ޚަބަރު

މީޑިޔާ ކައުންސިލް ހާޒިރު ކޮށް މަޖިލީސް ކޮމިޓީ ސިއްރު ކުރީ މުއިއްޒު އަންގައިގެން، އޭނާގެ ދޮންމަންމަގެ ޑޮކިޔުމެންޓްރީގެ މައްސަލާގައި ކައުންސިލަށް ބިރުދައްކަން!

ދިޔަވަރު
މީޑިޔާ ކައުންސިލް ހާޒިރު ކޮށް މަޖިލީސް ކޮމިޓީ ސިއްރު ކުރީ މުއިއްޒު އަންގައިގެން، އޭނާގެ ދޮންމަންމަގެ ޑޮކިޔުމެންޓްރީގެ މައްސަލާގައި ކައުންސިލަށް ބިރުދައްކަން!

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މިއަދު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހާޒިރުކޮށް ބޭއްވި ބައްދަލުވުން ސިއްރުކޮށްފައިވަނީ ރައީސް މުޙައްމަދު މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ކަމަށް މިނިއުސްއަށް މައުލޫމާތު ލިބިއްޖެއެވެ.

މަޖިލީހުގެ ބާރުތަކަށް ނުފޫޒު ފޯރުވައި މުއިއްޒު ދޮންދަރިއެއްގެ ހައިސިއްޔަތުން އޭނާގެ ދޮންމަންމަ އަށް ވެފައިވާ އަނިޔާވެރިކަން ފޮރުވުމަށް މަޖިލީސް ބޭނުން ކުރިއަސް އެ އަނިޔާ ކުރިކަމަށް އޭނާގެ ދޮންމަންމަ އަސަރާއި އެކު ކިޔާދިން ވާހަކަތައް ރައްޔިތުން ހިތުން ފިލައިގެން ނުދާނެއެވެ.

މި ބައްދަލުވުން ސިއްރުކުރި ކުރުމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ކޮމިޓީގައި އިންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވީ، "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުނު އެވޯޑާ ގުޅިގެން މީޑިއާ ކައުންސިލް ހާޒިރުކޮށް ބައްދަލުވުން ސިއްރުކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ނުރައްކާތެރި ހުރަހެއް ކަމަށެވެ.

"ސްކީލާން" އަކީ ރައީސް މުއިއްޒުގެ ދޮންމަންމަފުޅާއި މެދު އަދަދު ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓަރީއެކެވެ. މި ޑޮކިއުމެންޓަރީއަށް 11 ވަނަ ނޫސްވެރިކަމުގެ އިނާމު ދިނުމާ ގުޅިގެން ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

މިދިޔަ ހަފްތާގައި މީޑިއާ ކައުންސިލުން ވަނީ "ސްކީލާން" އަށް ލިބުނު އެވޯޑު އަތުލުމާމެދު ގޮތެއް ނިންމުމަށް މަޝްވަރާކުރަމުންދާ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މިއީ "ބާރުވެރި ފަރާތްތަކެއްގެ ނުފޫޒުން ހިނގާ ކަމެއް" ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ނިއުސް އޮޕަރޭޝަން މެނޭޖަރުގެ މަގާމުގައި ހުންނެވި، މީޑިއާ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާ ވަނީ "ސްކީލާން" ޑޮކިއުމެންޓަރީގެ ކްލިޕެއް ދެއްކި ކަމަށް ބުނެ ވަޒީފާއިން ވަކިކުރުމަށްފަހު، އަނެއްކާވެސް ވަޒީފާ އިޔާދަކޮށްދީފައެވެ. އޭގެ ފަހުން އޭނާ ވަނީ ސްކީލާން ޑޮކިއުމެންޓަރީއާ ދެކޮޅަށް ބަޔާނެއް ނެރެފައެވެ.

މި މައްސަލައިގެ ސީރިއަސްކަން ބޮޑުކަން ފާހަގަކުރެވެނީ ރައީސް މުއިއްޒު އަންގަވައިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީޑިއާ ކައުންސިލަށް ވަދެ، ޑޮކިއުމެންޓަރީއަށް މާކްސް ދިން ޝީޓުތައް ގެންގޮސްފައިވާތީއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދުގެ ބައްދަލުވުން ސިއްރުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ބަސް ހޯދުމަށް މިނިއުސްއިން މަސައްކަތްކުރި ނަމަވެސް، މި ވަގުތާ ހަމައަށްވެސް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.