މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފާސްކުރި އައު ބޭރުފައިސާ މާރުކުރުމުގެ ގަވާއިދަށް 50 އަށްވުރެ ގިނަ ރިސޯޓުން އިންކާރުކޮށް، އެކަން އެމްއެމްއޭއަށް ލިޔުމުން އަންގައިފިއެވެ.
އޮކްޓޯބަރު 1 ގައި ގެޒެޓުކުރި މި ގަވާއިދުގެ ދަށުން، ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި ގަވާއިދުގެ ދަށުން ޓޫރިސްޓު ފެސިލިޓީތައް އެމްއެމްއޭގައި ރަޖިސްޓްރީވާން ދީފައިވާ މުއްދަތު އޮކްޓޯބަރު 30 ގައި ހަމަވާނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވަނީ މި ގަވާއިދަށް އިންކާރުކޮށް އެމްއެމްއޭއަށް ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީ ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ޓޫރިޒަމް މިނިސްޓަރަށާއި އަދި މަޓީއަށްވެސް ވަނީ ފޮނުއްވާފައެވެ.
މުއިއްޒުގެ ސަރުކާރުން ރިސޯޓުތަކުން ޑޮލަރު މާރު ކުރަން ކުރި މަޖުބޫރަކީ އިޤްތިޞާދީ ގޮތުން އޭގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިބޭނެ ކަމެއް ނޫނެވެ. އެ ފައިސާގެ ބޭނުން މުއިއްޒު ބޭނުން ކުރާނީ ފުށި ދިއްގަރު ފަދަ ބޭކާރު ޕްރޮޖެކްޓްތަކަށެވެ. ބަޖެޓުގައި އަންނަ އަހަރު ކުރާނެ މަސައްކަތުގެ ތަފްސީލު ނުޖަހައި، ރައްޔިތުން އަތުން ފައިސާ ނަގަން މަސައްކަތް ކުރުމަކީވެސް ސަރުކާރުން ނިންމި ވަރަށް ނުބައި ނިންމުމެކެވެ.
ރިސޯޓުތަކުން ޑޮލަރު ނެގުމުން އިޤްތިޞާދު އިތުރަށް ފުނޑި، ރިސޯޓުތަކުން ދައްކާ ޓެކްސް ޑޮލަރުން ނުދެއްކި، ޤައުމުގައި ތިބި ސިވިލްސާރވެންޓުންނަށް ވަޒީފާ ދެވޭނެ ގޮތެއް ނޯންނާނެ ފަދަ ހާލަތަކަށް ދިޔުމަކީ ވަރަށް ބޮޑަށް އެކަށީގެންވާކަމެކެވެ.
"މި ގަވާއިދަކީ އިންޑަސްޓްރީގެ ހަގީގަތާއި ރާއްޖޭގެ އިގުތިސާދީ ހާލަތާ ނުގުޅޭ ގަވާއިދެއް،" ރިސޯޓު އޮޕަރޭޓަރުން ފޮނުވި ސިޓީތަކުގައި ބުނެފައިވެއެވެ. އަދި މި ގަވާއިދުގެ ސަބަބުން ވިޔަފާރިތަކުގެ މާލީ ހާލަތަށް ކުރާނެ ނޭދެވޭ އަސަރުތައް ތަފްސީލީ ހިސާބުތަކާއެކު ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގައި ބާކީ ހުރި 110 ރިސޯޓުންވެސް ޑޮލަރު މާރު ކުރަން ބޭނުން ނުވާ ކަމުގެ މައުލޫމާތު ދިޔަވަރު ނޫހަށް ލިބެއެވެ.
ގެސްޓް ހައުސް ތަކުން ޑޮލަރު މާރުކުރާނަމަ، މިހާރު ހުރި ހާލަތުން އެ ފަރާތްތަކުން ޑޮލަރު ސަރުކާރަށް ދޭން ޖެހޭނީ ކަޅު ބާޒާރުން ގަނެފައެވެ.