ޚަބަރު

ނޫސްވެރިން ޖުރިމަނާ ކުރާ ބިލް މުއިއްޒު ކަނޑާލީ ޕީއެންސީގެ މެމްބަރުންގެ ބޮލަަށް, އެ ބިލާ ގުޅޭގޮތުން އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީވެސް މުއިއްޒުގެ އަމުރަށް

ދިޔަވަރު
ނޫސްވެރިން ޖުރިމަނާ ކުރާ ބިލް މުއިއްޒު ކަނޑާލީ ޕީއެންސީގެ މެމްބަރުންގެ ބޮލަަށް, އެ ބިލާ ގުޅޭގޮތުން އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީވެސް މުއިއްޒުގެ އަމުރަށް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްގައި ކަންބޮޑުވާ ކަންކަން ހުރުމުން އެ މައްސަލާގައި މަޖިލިހުގައި ބަހުސް ކުރަން އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ މުއިއްޒުގެ އަމުރަށް އެޖެންޑާ ނުކޮށް ބޭރު ކޮށްލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި, އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކުއްލި މައްސަލައިގެ ޝަރުތުތައް، މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ހަމަނުވާ ކަމަށެވެ. ނަމަވެސް ޝަރުތުހަމަނުވަނީ ކިހިނެތް ނުވަތަ ކޮން ގޮތަކަށް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ބިލް ފަރުމާ ކޮށްފައި ވަނީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބާރު ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ހިމެނޭ ގޮތަށް ކަމަށެވެ.

ބޮޑެތި އަދަދުތަކުން ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރުމާއި ނޫސްތަކާއި މީޑިއާތައް ބަންދު ކޮށްލުމުގެ ފުރިހަމަ މިނިވަންކަން ސަރުކާރަށް އެ ބިލުން ލިބޭ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

އެފަދަ ނާތަހުޒީބު ބިލްތައް ފާސްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް މީކާއިލް ގޮވާލެއްވި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާއަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު"ގެ ނަމުގައި މި ބިލު ހުށަހެޅުއްވީ، ސަރުކާރުގެ ކަންކަމަށް ތާއީދު ކުރައްވަމުން ގެންދަވާ, ނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާނެވެ.

އެ ބިލު ފަރުމާކޮށްފައި ވަނީ، އަލަށް އުފައްދާ މީޑިއާ ކޮމިޝަނުން ނޫސްވެރިންނާއި މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ގޮތަށެވެ.

މީޑިއާތައް މިހާރު ރެގިއުލޭޓް ކުރުމަށް އޮންނަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި އުފައްދާ އެ ކޮމިޝަންގެ މެޖޯރިޓީ ވެސް ލިބެނީ ސަރުކާރަށެވެ. އެގޮތުން، އެ ކޮމިޝަން އެކުލެވިގެންވަނީ، ބިލުގައިވާ ގޮތުން:

  • ހަތް މެންބަރުންގެ މައްޗަށް
  • އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަން ކުރައްވާ ހަތަރު މެންބަރުން
  • މީޑިއާތަކުން އިންތިހާބު ކުރާ ތިން މެންބަރުން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ބިލާ ގުޅޭ ގޮތުން ނޫސްވެރިންގެ ޖަމިއްޔާ އާއި މީޑިއާތަކުގެ އިސްވެރިންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.


މުއިއްޒު ގެންދަވަނީ އާންމު ރައްޔިތުންގެ ފާޑުކިއުން އަމާޒުވާ މިފަދަ ކޮންމެ މައްސަލައެއް ޕީއެންސީގެ މަޖިލިސް މެމްބަރުންގެ "ބޮލަށް ކަނޑާލުމަށް"ފަހު, އަނެއްކޮޅު ހައްގުތައް އާންމު ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް މަޖިލީހުގައި އޮތް ޕީއެންސީގެ ސުޕަރ މެޖޯރިޓީގެ ބޭނުން ކުރައްވަމުންނެވެ.