ކޮޕް-29 ގެ ހަވާސާގެ ތެރޭގައި ބާކޫގައި ޗައިނާއިން ބޭއްވި "އިންޓަނޭޝަނަލް ޒީރޯ-ކާބަން އައިލެންޑް" އިވެންޓުގައި ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް، ވޭތުވެދިޔަ މުއިއްޒުގެ ވެރިކަމުގެ ދުވަސްތަކުގައި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ޗައިނާއިން އެހީއެއް ވެފައެއް ނުވެއެވެ. އަދި ދެމެހެއްޓެނެވި ތަރައްޤީގެ ޕްރޮޖެކްޓެއްވެސް ކުރިއަށް ގެންގޮސްފައި ނުވެއެވެ.
އިވެންޓުގައި ދެއްކެވި ވާހަކަފުޅުގައި މުއިއްޒު:
- ޗައިނާއަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބައިނަލްއަގުވާމީ ލީޑަރެއްކަމަށް
- 2026 ގެ ކުރިން ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ޗައިނާއިން ކުރާ މަސައްކަތަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށް
- ގްރީން ޓެކްނޮލޮޖީއަށް ޗައިނާއިން ކުރާ އިންވެސްޓްމަންޓްތަކަށް ތައުރީފުކުރައްވާފައިވެއެވެ.
މިއީ ޤައުމުތަކުގެ ވެރިން ބައިވެރިވާ ލެވެލްގެ ރަސްމިއްޔާތެއް ނޫނެވެ. ނަމަވެސް މުއިއްޒު ދަނީ ރާއްޖޭގެ ޝަހުސިއްޔަތު ބޭރު ދުނިޔޭގައި މިފަދަ ކަންކަން ކޮށް، ޤައުމީ ޝަހުސިއްޔަތު ކަތިލަމުންނެވެ.
ރާއްޖޭގެ ކަންތައްތަކުގެ ތެރެއިން މުއިއްޒު ހަމައެކަނި ފާހަގަކުރެއްވީ 2028 ގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ލަނޑުދަނޑިއެވެ.
މި ސްޕީޗްގައި ޗައިނާއިން ރާއްޖެއަށް ވެފައިވާ އެއްވެސް ވަކި އެހީއެއް ފާހަގަކުރައްވާފައި ނުވުމާއި، ނުވާ އެހީއަކަށް ޝުކުރު އަދާކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ މުއިއްޒުގެ ލީޑަރޝިޕް ސިފަތަކާމެދު ސުވާލު އުފައްދަމުންނެވެ.