ޚަބަރު

ސިޓީކައުންސިލުން 3.4 މިލިއަން ދިނުމަށްފަހު، އާސަހަރާ މިސްކިތުގެ ޕްރޮޖެކްޓް ބާތިލުކޮށްފި! މުއިއްޒުގެ އިންތިހާބަށް އެއިން 1 މިލިއަން!

ދިޔަވަރު
ސިޓީކައުންސިލުން 3.4 މިލިއަން ދިނުމަށްފަހު، އާސަހަރާ މިސްކިތުގެ ޕްރޮޖެކްޓް ބާތިލުކޮށްފި! މުއިއްޒުގެ އިންތިހާބަށް އެއިން 1 މިލިއަން!

އާސަރަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ހަވާލު ކުރީ މިއަހަރު މޭއި މަހުގައެވެ. އެ މަސައްކަތް ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 4.9 މިލިއަން ރުފިޔާ އެވެ. އޭގެތެރެއިން 3.4 މިލިއަން މަސައްކަތް ނުނިމެނީސް ކުންފުންޏަށް ވަނީ ދީފައެވެ.

އެއް މަސް ދުވަހަށް ހަވާލުކުރި އެ ޕްރޮޖެކްޓްގެ މަސައްކަތް ވަނީ ދިގުލައިގެން ގޮސް ހަމަސް ދުވަސް ނަގާފައެވެ. މަސައްކަތް ނުނިމި ދިގުލައިގެން ދާތީ އެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާ އަށް ބައެއް މެންބަރުން ހުށަހެޅުއްވުމުން، މަޝްރޫއުގެ އިސްކޮށް އުޅުއްވި އެ ކައުންސިލްގެ އިދާރީ މުވައްޒަފު ހާޒިރުކޮށް ސުވާލުކުރި އެވެ.

"ޕްރޮޖެކްޓް ޓާމިނޭޓު ކުރެވުނީ އެކި މުއްދަތުތަކެއް ވާހަކަ ދައްކައިގެން ދީފައި ކުރިއަށް ނުދާތީ، މަސައްކަތް ކުރިއަށް ނުދަނީ ކޮން ސަބަބަކާ މެދު ކަމެއް އެ މީހުންނަށް ނުދެއްކުނު" އެ މުވައްޒަފު ބުންޏެވެ.

ނަމަވެސް މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ މުއިއްޒުގެ އިންތިހާބަށް 1 މިލިއަން ރުފިޔާ ދޭ ގޮތަށެވެ. މަސައްކަތް ނުނިމެނީސް އެހާ ބޮޑު އަދަދެއް ކުންފުންޏަށް ދީފައިވަނީވެސް އިންތިހާބަށް ފައިސާ ހޯދުމަށް ސިޓީ ކައުންސިލުން ހިންގި މަސައްކަތްތަކުގެ ތެރެއިންނެވެ.

އެކުންފުނިން ނަން ނުޖެހުމަށް އެދި މައުލޫމާތު ދިން ފަރާތަކުން ހާމަ ކުރި ގޮތުގައި، މަސައްކަތަށް ފަހުން ގެނައި ބަދަލުތަކާއި އެކު، މުއިއްޒުގެ ކެމްޕެއިނަށް ނެގި ފައިސާގެ ސަބަބުން އިތުރަށް ޕްރޮޖެކްޓް ކުރިއަށް ގެންދެވޭ ވަރުގެ މާލީ ތަނަވަސްކަމެއް މިހާރަކު ކުންފުނީގައި ނެތެވެ.

އިތުރަށް މައުލޫމާތު ދެމުން ކުންފުނީގެ ފަރާތުން ވާހަކަ ދެއްކި ފަރާތުން ވިދާޅުވީ، ސަހަރާގެ ކަންމަތީގައި ޕާކްކޮށްފައިވާ ވެހިކަލްތައް ނެގުމަށާއި، އެމްޑަބްލިއުއެސްސީގެ ޕަމްޕެއްގެ މަސައްކަތާއި ގުޅިގެންނާއި، ސްޓެލްކޯއިން ކަރަންޓް ފޮށްޓެއް ނުނަގައިގެން އެތައް މަހެއް ހޭދަވި ކަމަށެވެ. އަދި ޑިޒައިނަށް ގެނައި ބަދަލާއި އެކު، އިތުރު މުއްދަތާއި، ފައިސާ ސިޓީ ކައުންސިލުން ދީގެން ނޫނީ އެކަންކަން ނުނިންމޭނެ ކަމަށެވެ. ނަމަވެސް މުއިއްޒުގެ ކައުންސިލުން ބޭނުންވަނީ މިހާރު އެހެން ބަޔަކަށް އެ ޕްރޮޖެކްޓް ހަވާލު ކުރަން ކަމަށް އެކުންފުންނިން ހާމަކުރި އެވެ.

އަޅުގަނޑުމެން އަތުން ވަގުތު ގެއްލުނު ވަރަށް، ފައިސާވެސް ދިޔައީ ގެއްލިގެން! އެއިން އެއްވެސް ކަމެއް ބަލާކަށް މުއިއްޒެއް ބޭނުމެއް ނުވި! މިހާރު މަސައްކަތް އެހެން ބަޔަކަށް ދިނުމަށް ޕްރޮޖެކްޓް އެ ބާތިލު ކޮށްލީ! އޭރުން ނުންތޯ އެމީހުން އަތުން ވެސް ފައިސާކޮޅެއް ނެނގޭނީ!

ކުންފުނީގެ ފަރާތުން ވާހަކަ ދެއްކި މީހާ ކިޔާދިނެވެ.

މުއިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލް ވަނީ ކޮރަޕްޝަނުގެ ހާއްޔަކަށް ބަދަލުވެފައެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއް އޭސީސީއިން ބެލުމުގެ ބަދަލުގައި ދަނީ ފޮރުވަމުންނެވެ. އޭސީސީގެ އިސް ފަރާތްތަކާއި މުއިއްޒާއި ދެމެދު ގާތް ގުޅުންތަކެއް ވަނީ އުފެދިފައެވެެ.