ބޭރުފައިސާއާ ބެހޭ އައު ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން ޖެހުމުގެ ސަބަބުން، ކުރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މާލޭ ސިޓީގައި ހުންނަ ޗަމްޕާ ސެންޓްރަލް ހޮޓެލް މިއަދު ބަންދުކޮށްފިއެވެ.
ރާއްޖޭގެ ޓުއަރިޒަމް ފުނޑާލުމަށް މުއިއްޒު ޑޮލަރު މާރުކުރަން ޖެއްސުމުން، ގެސްޓްހައުސްތަކަށް ނުލިބޭ ޑޮލަރު ކަޅު ބާޒާރުން ގަނެގެން، ރައީސް މުއިއްޒުގެ ސަރުކާރަށް މާރުކުރަން އާންމު ވިޔަފާރިތަކަށް ވަނީ މަޖުބޫރުވެފައެވެ.
މިގޮތުން ވިޔަފާރިތައް ހުއްޓާލުމުން، ރާއްޖެއަށް ޑޮލަރުގެ ގޮތުގައި ޓެކްސް އިން ސަރުކާރަށް ލިބޭ ފައިސާ މަދުވެގެން ދާނެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަހުން ނެރުނު ގަވާއިދުގެ ދަށުން، އެ ހޮޓަލަށް ނުލިބޭ އާމްދަނީ ޑޮލަރުގެ ގޮތުގައި މާރުކުރަން ޖެހުމާ ގުޅިގެން މި ނިންމުން ނިންމާފައިވާކަމަށް މި ނޫހަށް އެނގިފައިވެއެވެ.
އައު ގަވާއިދުގެ ދަށުން، ކެޓަގަރީ "އޭ" ގައި ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށްފަހު އަންނަ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހެއެވެ. ކެޓަގަރީ "އޭ" ގައި ހިމެނެނީ ގްރީން ޓެކްސް ދައްކަންޖެހޭ ޓޫރިސްޓް ރިސޯޓުތަކާއި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ރިސޯޓް ހޮޓާތަކެވެ. އެހެންކަމުން، ޗަމްޕާ ސެންޓްރަލް ހޮޓާވެސް ފެތެނީ 500 ޑޮލަރު މާރުކުރަން ޖެހޭ ކެޓަގަރީއަށެވެ.
ޗަމްޕާ ސެންޓްރަލް ހޮޓަލަކީ އާންމުކޮށް އެއް ރެއަށް މަޑުކުރާ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ހިންގާ ޓްރާންސިޓް ހޮޓަލެކެވެ. މި ހޮޓަލުގެ ކޮޓަރިއެއް ރެއަކަށް ވިއްކަނީ 50 އާއި 60 އެމެރިކާ ޑޮލަރާ ދެމެދުގެ އަގެއްގައެވެ.
މިހާރު އެ ހޮޓަލުން ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދޭ މިންވަރަށް ބަލާއިރު، އައު ގަވާއިދުގެ ދަށުން މަހެއްގެ މައްޗަށް 200,000 އެމެރިކާ ޑޮލަރު މާރުކުރަން ޖެހޭކަމަށް "މި ނޫހަށް" އެނގިފައިވެއެވެ. އެއީ ހޮޓަލަށް ނުލިބޭ އާމްދަނީއިން މާރުކުރަން ޖެހޭ އަދަދެކެވެ.
މެދުނުކެނޑި 10 އަހަރު ވަންދެން ހިންގަމުން އައި ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ޖުމުލަ 80 މުވައްޒަފުން މަސައްކަތްކުރެއެވެ. އޭގެ ތެރެއިން 50 މުވައްޒަފުންނަކީ ދިވެހިންނެވެ.
ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް ހުޅުވާލުމުން، ރާއްޖޭގައި ހިންގާ 174 ރިސޯޓުގެ ތެރެއިން 173 ރިސޯޓް ވަނީ ރަޖިސްޓަރީވެފައެވެ. ނަމަވެސް، ބޮޑެތި ބްރޭންޑްތައް ހިމެނޭގޮތަށް ގިނަ ރިސޯޓުތަކުން އެ ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަން އެމްއެމްއޭއަށް އަންގަމުންދެއެވެ.