ޚަބަރު

ޗައިނާއާ ދެކޮޅަށް ހަނގުރާމައަކަށް ތައްޔާރުވާން އެމެރިކާއިން ބޭއްވި ތަމްރީނެއްގައި ދިވެހިރާއްޖެ ބައިވެރި ކުރުމަކީ ރާއްޖޭގެ ސަލާމަތަށް މުއިއްޒުގެ ފަރާތުން ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް

ދިޔަވަރު
ޗައިނާއާ ދެކޮޅަށް ހަނގުރާމައަކަށް ތައްޔާރުވާން އެމެރިކާއިން ބޭއްވި ތަމްރީނެއްގައި ދިވެހިރާއްޖެ ބައިވެރި ކުރުމަކީ ރާއްޖޭގެ ސަލާމަތަށް މުއިއްޒުގެ ފަރާތުން ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް

އެމެރިކާ އާއި ޗައިނާއާ ދެމެދު ހަނގުރާމައެއް ހިނގައިފިނަމަ އެފަދަ ހާލަތަކަށް ތައްޔާރުވުމަށް އެމެރިކާއިން ބޭއްވި ބޮޑު އަސްކަރީ ތަމްރީނެއްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ޗައިނާއާ ދެކޮޅަށް ހަނގުރާމައަކަށް ތައްޔާރުވާން އެމެރިކާއިން ބޭއްވި ތަމްރީނެއްގައި ދިވެހިރާއްޖެ ބައިވެރި ވުމަކީ ރާއްޖޭގެ ސަލާމަތަށް މުއިއްޒުގެ ފަރާތުން ކުރިމަތިވި ނުރައްކަލެކެވެ. އެއްވެސް ޤައުމަކާއި ހަނގުރާމަ ކުރަން ބާއްވާ ތަމްރީނެއްގައި ރާއްޖެފަދަ ކުޑަ ޤައުމަކުން ބައިވެރިވެގެން ނުވާނެއެވެ. ރާއްޖެ ފިޔަވާ އެހެން އެއްވެސް ކުޑަ ޤައުމަކުން މިތަމްރީން ތަކުގައި ބައިވެރި ވެފައި ނުވެއެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އީއީޒެޑް މެޕް ކުރަން ޗައިނާއަށް ދީފައެވެ. ޗައިނާއިން މިފަދަ ކަމެއްގައި ރާއްޖެއާއި މެދު ހިތްހަމަ ނުޖެހި، ވަކި ބަޔަކު ނޭނގޭހެން ހަމަލާއެއް ދީފި ނަމަ ދެން ވާނީ ކިހިނެއްތޯއެވެ؟

މި ތަމްރީނު ކުރިއަށް ގެންދިޔައީ އޮކްޓޯބަރު 7 އިން ފެށިގެން ހަވާއީ، އެލަސްކާ އަދި ޕަލާއޫގައެވެ. ދިވެހިރާއްޖެއާއެކު މި ތަމްރީނުގައި ޖުމުލަ 10 ގައުމެއް ބައިވެރިވިއެވެ. އެއީ އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާން، މެލޭޝިއާ، ތައިލެންޑް، އިންޑޮނީޝިއާ، ނިއު ޒީލެންޑް، އޮސްޓްރޭލިއާ އަދި ކެނެޑާއެވެ.

ނިއު ޔޯކް ޓައިމްސްއިން ރިޕޯޓުކުރި ގޮތުގައި މިއީ ޗައިނާއާއެކު ހަނގުރާމައެއް ހިނގައިފިނަމަ އެފަދަ ހާލަތަކަށް ތައްޔާރުވުމަށް ބޭއްވުނު ތަމްރީނެކެވެ. އެމެރިކާގެ އޮފިޝަލުން މި މައުލޫމާތު އެ ނޫހަށް ދީފައިވާއިރު، އެމެރިކާއިން އަދި މިކަން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ 2027 ގެ ކުރިން ޓައިވާން ހިފުމަށް ތައްޔާރުވުމަށް އަންގަވާފައެވެ. އެމެރިކާއިން ދެކޭގޮތުގައި ޓައިވާން ޗައިނާގެ ބާރުގެ ދަށަށް ދިއުމަކީ އެމެރިކާއަށް އޮތް ނުރައްކަލެކެވެ. އެމެރިކާ އާއި ޗައިނާއަކީ ނިއުކްލިއާ ހަތިޔާރު އޮތް ދެ ބާރެވެ. އަދި އެ ދެ ގައުމުގެ އެލައިޒްގެ ގޮތުގައި ބައިވެރިވާނެކަމަށް ބެލެވޭ ގައުމުތަކުގައިވެސް ނިއުކްލިއާ ހަތިޔާރު އެބަހުއްޓެވެ.

ތަމްރީނުގައި ބިމާއި، ވައިގައި އަދި ކަނޑުގައި ހަނގުރާމަކުރުމުގެ ތަމްރީނުތައް ހިމެނުނެވެ. އަދި ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ހަތިޔާރާއި އަސްކަރީ އުޅަނދުތައް ބޭނުންކުރިއެވެ. ރާއްޖެއިން މި ތަމްރީނުގައި ބައިވެރިވީ އެންމެ މަދު ސިފައިންނާ އެކުގައެވެ.

އެމްއެންޑީއެފްގެ މެރިން ކޯޕްސްގެ ކެޕްޓަން އަލީ ޝަރީފް "ވެސްޓް ހަވާއި ޓުޑޭ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި މި ތަމްރީނުގެ ސަބަބުން ސިފައިންގެ ގާބިލުކަން އިތުރުވެ، ޕާޓްނަރު ގައުމުތަކާއެކު ގުޅުން ބަދަހިވެގެންދާނެއެވެ.

މިއީ އާ ސަރުކާރު އައި ފަހުން އެމެރިކާއާއެކު ގުޅުން ބަދަހިކުރުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ. މިހާތަނަށް އެމެރިކާގެ އިސް އޮފިޝަލުންނާއި ރާއްޖޭގެ އިސް އޮފިޝަލުން 30 ފަހަރަށްވުރެ ގިނައިން ބައްދަލުކޮށްފައިވެއެވެ. އަދި އެމެރިކާއިން ވަނީ ރާއްޖެއަށް ތިން އަސްކަރީ ޕެޓްރޯލް އުޅަނދަކާއި އަސްކަރީ މަތިންދާބޯޓެއް ހަދިޔާކުރުމަށް ނިންމައި، 12 މިލިއަން ޑޮލަރުގެ އެހީ ދިނުމަށްވެސް ނިންމާފައެވެ.