ޚަބަރު

ދެން އަންނަ ސަރުކާރެއް ޗައިނާގެ ދަރަނީގެ ދަންތުރާގައި ޖެއްސުމަށް ރާވައިގެން، ރިފައިނޭންސިން އެގްރިމެންޓެއްގެ ދަށުން 74 މިލިއަން ޑޮލަރުގެ ލޯނެއް ބޭކާރު ގޮތުގައި ނަގައިފި

ދިޔަވަރު
ދެން އަންނަ ސަރުކާރެއް ޗައިނާގެ ދަރަނީގެ ދަންތުރާގައި ޖެއްސުމަށް ރާވައިގެން، ރިފައިނޭންސިން އެގްރިމެންޓެއްގެ ދަށުން 74 މިލިއަން ޑޮލަރުގެ ލޯނެއް ބޭކާރު ގޮތުގައި ނަގައިފި

ދެން އަންނަ ސަރުކާރެއް ޗައިނާގެ ދަރަނީގެ ދަންތުރާގައި ޖެއްސުމަށް ރާވައިގެން، ރިފައިނޭންސިން އެގްރިމެންޓެއްގެ ދަށުން 74 މިލިއަން ޑޮލަރުގެ ލޯނެއް ބޭކާރު ގޮތުގައި ނަގައިފިއެވެ.

ދިވެހި ރާއްޖެއަށް ރަނގަޅު ގޮތަކީ ޗައިނާއިން ނަގާފައިވާ މި 74.7 މިލިއަން ޑޮލަރުގެ ލޯނު މި އަހަރު ދައްކާލުމެވެ. ޗައިނާއިން ނަގާފައިވާ ލޯނެއް ދެއްކުމަށް، އެއަށްވުރެ ބޮޑު އިންޓްރެސްޓް ރޭޓެއްގައި އިތުރު ލޯނެއް ނަގުމަކީ، ރާއްޖެއަށް އެއިން ނުހަނު ބޮޑަށް ގެއްލުން ކުރާނެކަމެކެވެ.

މި ލޯނު ނެގުމުގެ ސަބަބުން މި ލޯނުގެ އިންޓްރެސްޓް ރޭޓާއި އެކު ދެން، ދެން އަންނަ ސަރުކާރަކުން ޗައިނާ އަށް ދައްކަން ޖެހޭ އަދަދު ބޮޑުވެގެން ދާނެއެވެ. މިއަހަރު މުއްދަތު ހަމަވާ މި ލޯނަކީ ރައީސް ޔާމީން ނެންގެވި ލޯނެކެވެ. އަދި ރާއްޖޭގެ މާލީ ނިޒާމަށް އެންމެ ރަނގަޅު ގޮތަކީ މި ލޯނު ދައްކައި ހަލާސް ކޮށްލުމެވެ.

މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު މިދިޔަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ 74 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ (1.1 ބިލިއަން ރުފިޔާ) ލޯނެއް ސެޕްޓެމްބަރު 23، 2024 ގައި ނަގާފައިވާ ކަމަށެވެ. މި ލޯނަކީ ސަރުކާރުން ކުރިން ނަގާފައިވާ ލޯނެއް އަނބުރާ ދެއްކުމަށް ނަގާފައިވާ އައު ލޯނެކެވެ.

މި ލޯނުގެ މުއްދަތަކީ 6 އަހަރު ދުވަސް ކަމަށާއި، އޭގެ ތެރެއިން 3 އަހަރު ދުވަހަކީ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ދީފައިވާ މުއްދަތެއް ކަމަށް ސަރުކާރުން މަޢުލޫމާތު ދީފައިވެ އެވެ. މި ލޯނަކީ 2015 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް ނަގާފައިވާ 373.8 މިލިއަން ޑޮލަރުގެ ލޯނު ރިފައިނޭންސް ކުރުމަށް ނަގާފައިވާ ލޯނެކެވެ.

ޗައިނާގެ ސަފީރު ވާންގް ލީޖިންގް މި އަހަރުގެ މެއި މަހު ވިދާޅުވެފައިވަނީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ލޯނު ރިފައިނޭންސް ނުކޮށް ބަރާބަރަށް ދެއްކުން ކަމަށެވެ. އަދި ލޯނު ރިފައިނޭންސް ކުރުމަކީ އިތުރު ލޯނު ނެގުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމެއްކަމަށް ވެސް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

ރާއްޖޭގެ މާލީ ހާލަތު މިހާ ބޮޑަށް ދަށްވެފައިވަނިކޮށް، ފޮރިން ކަރަންސީ ރިޒާވް ވެސް ދަށްވަމުންދާ ދަނޑިވަޅެއްގައި އިތުރު ލޯނެއް ނެގުމަކީ ދައުލަތަށް އިތުރު ބުރައެއް އެޅުވުން ކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ. އަދި މިއީ 2028 ގައި އަންނަ ސަރުކާރަކަށް ވެސް ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމެކެވެ.

މި ލޯނު ނެގުމުގެ ބޭނުމަކީ ދައުލަތުގެ ކޭޝްފްލޯ އަދި ރިޒާވަށް ކުރަންޖެހޭ ޚަރަދު މެދު ރާސްތާގައި ކުޑަކުރުން ކަމަށް ސަރުކާރުން ބުނި ނަމަވެސް، މިއީ ދިގު މުއްދަތުގައި ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެގެންދާނެ ކަމެއް ކަމަށް ފާހަގަކުރެވެ އެވެ.

ރާއްޖޭގެ ޕަބްލިކް އަދި ޕަބްލިކްލީ ގެރެންޓީޑް ދަރަނި މިހާރު ވަނީ ޖީޑީޕީގެ 118 ޕަސެންޓަށް އަރާފައެވެ. އެއީ 8.2 ބިލިއަން ޑޮލަރެވެ. މީގެ ބޮޑު ބައެއް ހިއްސާ ކުރަނީ އިންޑިއާ އަދި ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކެވެ. މި ހާލަތުގައި އިތުރު ލޯނެއް ނެގުމަކީ ދިވެހިރާއްޖެ އިތުރަށް ދަރަނީގެ ދަންތުރައިގައި ޖައްސާލުން ކަމަށް އިގްތިޞާދީ މާހިރުން ފާހަގަކުރައްވައެވެ.