ޚަބަރު

ކަރަންޓާއި، ފެނާއި، ޕެޓްރޯލާއި، ކާޑުން ދޭ ސަބްސިޑީ ކަނޑާލައި ވަކި ބަޔަކަށް ފައިސާ ދޭން މުއިއްޒު ނިންމި އިރު، އޭގެ ހައްގުވެރިން ދެނެގަތުމަށް އެއްވެސް ނިޒާމެއް ހަދާފައި ނެތްކަން ފަޅާއަރައިފި

ދިޔަވަރު
ކަރަންޓާއި، ފެނާއި، ޕެޓްރޯލާއި، ކާޑުން ދޭ ސަބްސިޑީ ކަނޑާލައި ވަކި ބަޔަކަށް ފައިސާ ދޭން މުއިއްޒު ނިންމި އިރު، އޭގެ ހައްގުވެރިން ދެނެގަތުމަށް އެއްވެސް ނިޒާމެއް ހަދާފައި ނެތްކަން ފަޅާއަރައިފި

އަންނަ އަހަރުގެ (2025) ގެ ބަޖެޓުން، ކަރަންޓާއި، ފެނާއި، ޕެޓްރޯލާއި، ކާޑުން ދޭ ސަބްސިޑީ ކަނޑާލައި ވަކި ބަޔަކަށް ފައިސާ ދޭން މުއިއްޒު ނިންމި އިރު، އޭގެ ހައްގުވެރިން ދެނެގަތުމަށް އެއްވެސް ނިޒާމެއް ހަދާފައި ނެތްކަން ފަޅާއަރައިފިއެވެ.

މިކަން ފަޅާ އަރާފައި ވަނީ، ސަބްސިޑީ ދިނުމުގެ އުސޫލަށް ގެންނަ ބަދަލުގައި އެހީ އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ހަރުދަނާ ނިޒާމެއް ގާއިމްކުރުން މުހިންމު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މަޖިލީހުގައި މިއަދު ވިދާޅުވުމުންނެވެ.

ބަޖެޓު ދިރާސާކުރާ ކޮމެޓީއަށް މާލީ ވަޒީރުގެ އިތުރުން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރާއި، އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވަނީ ހާޒިރުކޮށްފައެވެ.

މި ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ ސަބްސިޑީއަށް ގެންނަ ބަދަލުތަކަކީ ހެޔޮ ބަދަލެއް ކަމަށެވެ. އެހެންނަމަވެސް މިއީ ވަރަށް ރޭވުންތެރިކަމާއެކު ކުރަން ޖެހޭ ކަމެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން އެންމެ ނިކަމެތިވެފައިވާ ދަނޑިވަޅުގައި ޕީއެންސީގެ މީހުންނަށް ނޫނީ، މި ކޮރަޕްޓް ސަރުކާރުން ދެން ސަބްސީޑީ ގޮތުގައި ދޭ އެއްޗެއް ދޭނެ ކަމަކަށް ނުބެލެވެއެވެ. ނުވަތަ ބަޔަކަށް ދީފި ކަމަށް ބުނެ ދޮގު ހަދައި އެފައިސާއަށް ވީ ގޮތް ނޭނގުމަކީވެސް އެކަށީގެންވާ ކަމެކެވެ. 228 ވަޒީފާއިން މީހުން ވަކި ކުރީވެސް އެ ގޮތަށް ދޮގު ހަދައިގެންނެވެ. މިއީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިސްވެހުރެ ރައްޔިތުންނަށް އޮޅުވާލާ މިންވަރެވެ.

ގަވަރުނަރު ވިދާޅުވީ ހުރިހާ ގޭބީސީއެއްގެ ފުރިހަމަ ޑޭޓާ ބޭސްއެއް އަވަހަށް ހެދުން މުހިންމު ކަމަށެވެ. ސަބަބަކީ އެންމެ ހައްގުވެރި ފަރާތްތައް ހޯދުމަށް މި މައުލޫމާތު މުހިއްމުވާތީ ކަމަށެވެ.

ދައުލަތުގެ ޚަރަދުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ ދައުލަތުން ސްޓޫޑަންޓު ލޯނަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން މިކަމަށް ހައްލުތަކެއް ހޯދަން ޖެހޭ ކަމަށެވެ.

"މީގެ 5 ވަރަކަށް އަހަރު ކުރިން 16 މިލިޔަން ޑޮލަރު ޚަރަދުކުރަމުންދިޔަ ކަމެއް މިހާރު ޚަރަދު ކުރަމުންދޭ 52 މިލިޔަން ޑޮލަރު، މިއީ ރިޒާވަށް ސީދާ އަސަރުކުރަމުން ދާ ކަމެއް،" މުނައްވަރު ވިދާޅުވިއެވެ.

ގަވަރުނަރު މުނައްވަރު ވިދާޅުވީ އަންނަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ބޭނުންކުރަން ފަށާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ބަޖެޓުގައި އެކަމަށް ޖާގަ ދޭން ޖެހޭނެ ކަމަށް ގަވަރުނަރުވަނީ ވިދާޅުވެފައެވެ.