މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް އެއް ގްރިޑަކުން ގުޅާލަން ސްޓެލްކޯއިން ހިންގާ ބިޔަ ހަކަތައިގެ މަޝްރޫއު ހިންގަން ޗައިނާގެ ޓީބީއީއޭ ގްރޫޕު ކޯ ލިމިޓެޑާ އެކީ އެމްއޯޔޫއެއްގައި މިދިޔަ މަހު ސޮއިކޮށްފި އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު މަޝްރޫއު އެވެ. މި އެމްއޯޔޫގެ ދަށުން އެ ކުންފުނިން ކަރަންޓް އުފައްދާ މިންވަރު އިތުރު ކުރުމަށް 150 މެގަވޮޓްގެ، ތެލާއި ނެޗުރަލް ގޭހުން ކަރަންޓު އުފައްދާ، ޑުއަލް-ފިއުލް ޕަވާ ޕްލާންޓެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިދިޔަ ހަފްތާގައި، ފުށި ދިއްގަރުފަޅުވެސް ހިއްކަން ޗައިނާ ކުންފުންޏަކަށް ދިނުމަށް މުއިއްޒު އަންގައިގެން ނިންމާފައިވާއިރު، ރާއްޖޭގެ ބަޖެޓުގެ ބޮޑު ބައެއް ޗައިނާގެ ރައްޔިތުންނަށް ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ.
މި ހަކަތަ އުފައްދާ ޕްލާންޓު ގާއިމުކުރެވުމުން ސްޓެލްކޯގެ ގާބިލުކަން އިތުރުވެ، ގްރޭޓާ މާލޭ ސަރަހައްދުގައި ކަރަންޓު ފޯރުކޮށްދިނުމަށް ފަސޭހަތައް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި އެމްއޯޔޫގެ ދަށުން މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް އަޅައި، ހަރުދަނާ ނެޓްވޯކެއް ގާއިމު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.