ދިވެހިރާއްޖެއަކީ ވަރަށްވެސް ނާޒުކު އިގްތިސާދެއް އޮތް ގައުމެކެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މައިގަޑު އެންމެ ސިނާއަތެއްގެ މައްޗަށް މިރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮތް އޮތުމެވެ. އެއީ ފަތުރުވެރިކަމުގެ ސިނާއަތެވެ. އެ ސިނާއަތު ފުނޑިއްޖެނަމަ, ނުވަތަ އެ ސިނާއަތު އިނދަ ޖެހިއްޖެނަމަ ދެން ގައުމަށް ވެގެންދާނެ ގޮތުގެ އެންމެ ފުރިހަމަ މިސާލެއް ފެނިގެން ދިޔައީ ފާއިތުވި ކޯވިޑްގެ އާލަމީ ވަބާގެ ތެރޭގައެވެ.
އެހެންކަމުން ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އަދާކުރާ ދައުރު ވަރަށްވެސް ފުރިހަމައަށް އޮތީ ސާފުކޮށް ފެންނާށެވެ. އެއީ ރިސޯޓުތަކުން ދައްކަމުންދާ ޓީޖީއެސްޓީންނާއި އަދި އެނޫން ފީތަކުން ދައުލަތަށް ލިބޭ އާމްދަނީއެވެ. ހަމަ އެބީދައިން އެތައް ހާސް ދިވެހިންނަކަށް އެސިނާއަތުން ވަޒީފާގެ ފުރުސަތާއި ވިޔަފާރީގެ ފުރުސަތު ފަހިކޮށްދީ, ޖުމްލަކޮށް މުޅި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ އާއިލާތަކަށް އެ ސިނާއަތުން ލިބިދީފައިވާ އަމްދަނީގެ ފުރުސަތުތަކަށް އެކަނި ބަލާލުމުންވެސް ރާއްޖޭގެ އިގްތިސާދުގައި މިހާރުވެސް މި ސިނާއަތުން އަދާކުރަމުންދާ ދައުރު އޮތީ ސާފުކޮށް ފެންނާށެވެ.
ހަގީގަތުގައިވެސް ރާއްޖޭގެ އިގްތިސާދުގައި މިއަދުވެސް އޮތީ %90 ރިސޯޓު އޯނަރުންގެ ހިއްސާއެވެ. އެމީހުން ދައުލަތުގެ މާލިއްޔަތަށް ދޭ ފައިސާއެވެ. އެމީހުން ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް ވެދެމުންދާ އެހީތެރިން މިއަދު އެއޮތީ މާސާފުކޮށް ފެންނާށެވެ.
އެހެންނަމަވެސް, ރިސޯޓު އޯނަރުން ދައުލަތަށް ދައްކަމުންދާ ޓެކުހުގެ އިތުރުން, އެމީހުންގެ އަމިއްލަ އާމްދަނީއާއި ލިބޭ މާލީ ނަފާއިން ބައެއް އެމްއެމްއޭއަށް މާރުކުރަން މަޖުބޫރުވާގޮތަށް, މުއިއްޒުގެ ޑިމާންޑްތަކަށް ދީލާލާ އެމްއެމްއޭއިން މިވަނީ ގަވާއިދެއް އެކުލަވާލާފައެވެ.
މި ގަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ވަނީ ދެ ގިންތިއަކަށް ބަހާލެވިފައެވެ. އޭގެ ތެރެއިން އޭ ކެޓަގަރީގައި ހިމެނެނީ ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓުއަރިސްޓް އުޅަނދުތަކެވެ. މި ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރުން ލާޒިމްކުރެއެވެ.
އެހެންނަމަވެސް ބޭއިންސާފުން, ރިސޯޓު އޯނަރުންގެ އަމިއްލަ އާމްދަނީ, އަދި އެފަރާތްތަކުގެ އަމިއްލަ މާލީ ނަފާއިން ބައެއް އެމްއެމްއޭއަށް ދިނުމަށް މަޖުބޫރުވާގޮތަށް މުއިއްޒު އެކުލަވާލި މި ގަވާއިދު ބަދަލު ކުރުމަށް ރިސޯޓު އޯނަރުން ދަނީ ސަރުކާރުގައި އެދެމުންނެވެ. އޭގެ ތެރޭގައި މަހުޖަނު އުއްޗުއާއި އަދި އެނޫންވެސް އެތައް ވިޔަފާރިވެރިންނެއް ހިމެނެއެވެ.
ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑެތި ހިއްސާދާރުންގެ މި އެދުންތަކަށް މުއިއްޒު ރޭވަނީ ވަރަށް ހަށުކަށިކޮށް, ރުންކުރުކޮށް ޖަވާބު ދެއްވާފައެވެ. އެމްއެމްއޭއިން އެކުލަވާލި ޑޮލަރު މާރުކުރުމުގެ ގަވާއިދު ބަދަލު ކޮށްދޭން, މަހުޖަނު އުއްޗު އެދިވަޑައިގަތްގަތުން ގަބޫލު ނުކުރައްވާނެކަމަށް ވިދާޅުވެ, ޖެހޭނީ ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ތަބާވާންކަމުގައި ވިދާޅުވެ މުއިއްޒު އުއްޗުއަށް އިންޒާރު ދެއްވާ, އެމްއެމްއޭއިން އެކުލަވާލި ގަވާއިދަށް ބަދަލު ނުގެންނާނެ ކަމުގައި މުއިއްޒު ރޭވަނީ ވިދާޅުވެފައެވެ.
މުއިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ, ވަރަށް ސާފުކޮށް ދަންނަވަން ބޭނުންވަނީ, “ޖެހިވަޑައިގަންނަވާނީ ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ތަބާވެވަޑައިގަންނަވަން” ކަމުގައެވެ.
ބޭރުފައިސާގެ ޤަވާއިދަށް ގެނައި އިސްލާހު ބަދަލު ނުކުރާނެ ކަމަށާއި 500 ޑޮލަރު މާރުކުރަންޖެހޭނެކަމަށް ވިދާޅުވުމަށްފަހު, މުޢިއްޒު ވިދާޅުވީ ބޭރުފައިސާގެ ޤަވާއިދަށް ބަދަލު ގެންނަން ޖެހުނީ, ތެލަށް ކުރާ ޚަރަދާއި ކާބޯތަކެތީ ގަތުމަށް ކުރާ ޚަރަދުތައް އިންތިހާއަށް ބޮޑުވުމުން ކަމަށް ވިދާޅުވެއެވެ. އަދި މުއިއްޒު ވިދާޅުވީ, ދައުލަށް ލިބޭ އާމްދަނީއަކުން މިކަންކަން ކުރުމަށް ދެކޮޅު ނުޖެއްސޭ ކަމަށްވެސް ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ, ބޭރުފައިސާގެ ޤަވާއިދަށް ގެނައި ބަދަލާޢެކު، މާރުކުރަން ސަރުކާރުން އެދެނީ ދިވެހި ރާއްޖެއަށް ވަންނަ ބޭރުފައި ފައިސާގެ ނިސްބަތުން އެންމެ 20 އިންސައްތަ ކަމަށެވެ. އެހެން ކަމުން ބޭރުފައިސާގެ ޤަވާއިދަށް ގެނައި އިސްލާހު ބަދަލު ނުކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބޭރުފައިސާގެ ޤަވާއިދަށް ގެނައި އިސްލާހު ބަދަލު ނުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް, ވިޔަފާރިވެރިން ވިދާޅުވަމުން ގެންދަވަނީ ޑޮލަރު މާރުކުރަން އެ ފަރާތްތަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަދި އެ ގަވާއިދަށް ބޯ ނުލަނބާނެކަމަށް މަހުޖަނު އުއްޗު ވަނީ ވިދާޅުވެފައެވެ.
އޭގެ ހަގީގީ ސަބަބަކީ ރިސޯޓު އޯނަރުންނަކީ މިހާރުވެސް ދައުލަތަށް އެތައް މިލިއަން ޑޮލަރެއް ޓީޖީއެސްޓީއާއި, ފަތުރުވެރިކަމުގެ ސިނާއަތުން ދައްކާ އެހެނިހެން އެތައް ފީއެއްގެ ގޮތުގައި ދައްކަމުން, ރާއްޖޭގެ އިގްތިސާދުގެ %90 ހިއްސާކުރާ ފަރާތްތައް ކަމަށް ވާތީއެވެ.
އެހާލަތު އެގޮތުގައި އޮވެމެ, ހަމަ އެ ރިސޯޓު އޯނަރުންގެ "ކަރުބުޑަށް" އަތްބާނާއިގެން ގައުމުގެ އިގްތިސާދު ދެކޮޅު ޖެއްސުމަށް މުއިއްޒު މަސައްކަތް ފެއްޓެވީ, މިސަރުކާރުގައި އިގްތިސާދީ ވިސްނުމެއް ނެތިގެންނެވެ. ރިސޯޓު އޯނަރުން ފެލާލައިގެން ގައުމު ހިންގަން މުއިއްޒުއަށް ޖެހުނީ އިގްތިސާދީ އެއްވެސް ތަސައްވުރެއް ނެތުމުންނެވެ. ގައުމެއްގެ މަހުޖަނުން މި ބީދައިން ގުރުބާންކުރަން ދިމާކުރި ސަރުކާރެއް އޮތް ގައުމެއް ދުނިޔޭގައި އަދި ފެންނާކަށް ނެތެވެ.
ގައުމެއް ހިންގޭނެ ގާބިލްކަން ނެތްނަމަ, މުއިއްޒުއަށް ޖެހިވަޑައިގަންނަވާނީ އިސްތިއުފާ ދެއްވާށެވެ. އޭގެ ބަދަލުގައި ރިސޯޓު އޯނަރުން އިނދަޖައްސާލުމުން އެ އިނދަޖެހިގެން ދަނީ ގައުމެވެ.
ތިމާގެ އަމިއްލަ ޖާހަތަށްޓަކާ ގައުމު އިނދަޖައްސާލުމުގެ ފުރުސަތު މުއިއްޒުއަށް ދީގެން, "އައްޔަކަސް އަނދިރިއަކަސް" ވާނީ އެއްވަރޭ ބުނެ މިއަދު މިއަދު ތިބެވޭކަށް ނެތެވެ. ހަގީގަތުގައިވެސް މިވެރިކަން ބަދަލު ކުރުމުން ރިސޯޓު އޯނަރުންނަށް މިއަދު މިވަނީ ވާޖިބު ވެފައެވެ. އެއީ ގައުމާ ރައްޔިތުންގެ ހައްގުގައެވެ.