ޚަބަރު

މުއިއްޒުގެ ހީލަތްތެރި ރޭވުން: ޕާޓީ ބަދަލުކުރުން ގާނޫނު އަސާސީން މަނާކޮށް, ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ހަތަރެސްފައި ބަނދެލުން! މެމްބަރުންގެ ބާރު އެކީ ކަނޑުވާލުން!

ދިޔަވަރު
މުއިއްޒުގެ ހީލަތްތެރި ރޭވުން: ޕާޓީ ބަދަލުކުރުން ގާނޫނު އަސާސީން މަނާކޮށް, ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ހަތަރެސްފައި ބަނދެލުން! މެމްބަރުންގެ ބާރު އެކީ ކަނޑުވާލުން!

ރައީސް މުއިއްޒުއަކީ ވެރިކަމަށް ވަޑައިގެންނެވުމަށް ވީ ވައުދުތަކަށް ޚިޔާނާތްތެރިވެ, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި ޚުދު ޕީޕީއެމްގެ ގިނަ މެމްބަރުންވެސް މިއަދު ސިފަ ކުރަމުންދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

މުއިއްޒު ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރެއްވިތާ މިމަހުގެ 17 އަށް ފުރިގެންދިޔައިރު, ގިނަ ބަޔަކު މިއަދު ހަދާން އާ ކުރަމުންދަނީ, މީގެ އެއް އަހަރު ކުރިން, ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށްޓަކާ ކުރެއްވި ރިޔާސީ ކެމްޕޭންގެ މަތިންނެވެ. ވީ ވައުދުތަކާއި އަހުދުތަކުގެ މަތިންނެވެ.

ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވީ އެންމެ ބޮޑު ވައުދަކީ, އަދި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން މުއިއްޒުއަށް ވޯޓު ދިނީ, އޭރވެސް މިހާރުވެސް ކޯޓު މަރުހަލާގައި ޚިޔާނާތުގެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިޔަށްދާ, ކުރީގެ ރައީސް ޔާމިން މިނިވަންކުރާނޭކަމަށް ވިދާޅުވެ, އޭރު ލޮލުން ކަރު އޮހޮރަމުން މުއިއްޒު ވީ ވައުދުތަކަށް އިތުބާރު ކޮށްފައެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވާނޭކަމެއްގެ ގޮތުގައި ރައީސް ޔާމިން މިނިވަންކުރާނޭކަމަށް ވިދާޅުވެ މުއިއްޒު ވައުދުވީ އެންމެ ފަހަރަކު ދެފަހަރަކުއެއް ނޫނެވެ. ރައީސްކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ކުރެއްވި މުޅި ކެމްޕޭންވެސް ބިނާކުރެއްވީ ހުސް ގޮނޑި ދައްކަވައިގެން, ރާއްޖޭގެ އެތައް ސަތޭކަ އާންމު ރައްޔިތުންނެއް އެ ޖަޒުބާތުގަ ޖައްސަވައިގެންނެވެ.

މުއިއްޒު ވަނީ ފާއިތުވި ރިޔާސީ ކެމްޕޭންގެ ހުރިހާ ޖަލްސާއެއްގަވެސް, ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑިއެއް, ޝަރަފްވެރި މެހެމާންގެ ގޮތުގައި ބައްޓާފައެވެ. ރައްޔިތުންގެ އަރިހުން ވޯޓު ދިނުމަށް އެދި މުއިއްޒު އާދޭސް ކުރަމުން ދިޔައީ އެ ހުސް ގޮނޑި ދައްކަވައިގެންނެވެ.

ވައުދާއި އަހުދުތައް ވަމުން ގޮސްފައިވަނީ ރައީސް ޔާމިން މިނިވަން ކުރާނޭކަމަށް ވިދާޅުވެ ހުވާ ކުރައްވަމުންނެވެ.

އެހެންނަމަވެސް މުއިއްޒުގެ ވެރިކަމަށް އަހަރެއް ފުރިގެން ދިޔައީއެވެ. ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވީ ވައުދުގެ މަތިން މުއިއްޒު ހަދާން ނައްތަވާލެއްވީއެވެ. އަދި އެވައުދުގެ މަތިން ހަނދާން ނައްތަވާލެއްވީކީ އެކަންޏެއް ނޫނެވެ.

ރައްޔިތުންގެ ހައްގުތައް ނިގުޅައި ނުގަންނާނޭކަމަށާއި, ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިއްތަވާނެކަމަށް އެތަކެއް ވައުދަކާއި އަހުދެއް ވެވަޑައިގެންނެވި މުއިއްޒު އެންމެ ފަހުން މިފެއްޓެވީ, ވެރިކަމުގެ ދަހިވެތިކަމުގައި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށެވެ. އެއީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައެވެ.

މި ނުބައި ރޭވުމުގެ ދަށުން އެންމެ ފުރަތަމަ ކުރައްވަން މުއިއްޒުއަށް ފެނިވަޑައިގެންނެވި ކަމަކީ ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ހަތަރެސްފައިގައި ކަސްތޮޅު އެޅުވުމުވެ. އެއީ މިހާރު އޮތް އެންޓި ޑިފެންޝަން ގާނޫނުންވެސް މެމްބަރުންގެ ފައިގައި ރަގަޅަށް ކަސްތޮޅު ނޭޅުވިދާނެކަމަށް ބަލާ, އެގާނޫނުގައި ލިޔެ ބަޔާންކޮށްފައިވާ ހަމަތައް ގާނޫނު އަސާސީއަށް ފެއްތުމެވެ.

ތިމާ ބޭނުންވާ ސިޔާސީ ޕާޓީއެއްގައި ދެމިހުރުމުގެ ހައްގު ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންގެ ކިބައިން ނިގުޅައިގަތުމަށެވެ.

އެހެންނަމަވެސް, ހިތާމައަކީ, ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ހަތަރެސްފައިގައި ކަސްތޮޅު އެޅުވުމަށް މުއިއްޒު މަރުފަލި ޖައްސަވަމުން ގެންދަވާއިރުވެސް, ޕީއެންސީގެ ބައެއް މެމްބަރުން މުއިއްޒުގެ މި ހީލަތްތެރި ރޭވުމަށް އަތްޖައްސަވަން ތިއްވެވުމެވެ. ތިމާމެން އަރާ އިށީނދެ ތިބި ގޮފިގަޑު އެކީ އަމިއްލައަތު ކަނޑާލެވޭއިރުވެސް ޕީއެންސީގެ މަޖިލިސް މެމްބަރުން ވާނުވާގެ ތިއްބެވުމެވެ.

މުއިއްޒުގެ މި ހީލަތްތެރި ރޭވުން ހަގީގަތަކަށްވުމުން މެމްބަރުންގެ "ޑިމާންޑް"ވެސް ދިޔައީއެވެ. މުއިއްޒު ޖައްސަވާހާ ބެރަކަށް ނެށުން ނޫން އެހެންގޮތެއް މެމްބަރުންނަށް ނެތުނީއެވެ. މަޖިލިހުގައި މިއަދު އޮތް ޕީއެންސީގެ ސުޕަރ މެޖޯރިޓީ މުއިއްޒުގެ ގޮނޑި ކޮއްކޮ މެޖޯރިޓީއަކަށް ވެގެން ދިޔައީއެވެ.

މިހާރު މަޖިލީހުގައި އޮތް ޕީއެންސީގެ ސުޕަރ މެޖޯރިޓީއިން ދަންނަންވީ ހަގީގަތަކީ މިއީ ޚުދު އެމެމްބަރުންގެ ކަރުގައިވެސް ވަޅި އެޅުންކަމެވެ. ވެރިކަމުގައި ހުންނެވި ބޭފުޅެއްގެ ސިޔާސީ އެދުންވެރިކަން ފުއްދާދޭ ވަސީތަކަށް ތިމާމެން ވެދިއުމަކީ ތިމާމެންގެ އަމިއްލަ ޒާތަށްވެސް އަދި ގައުމަށްވެސް އެހާމެ ބޮޑު ނުރައްކަލަކަށް ވެގެންދާނެކަމެއްކަން ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މިއަދު ފަހުން ނުވެއްޖެނަމަ މާދަމާ ކަރުނައަޅާ ރޯންޖެހޭނެކަމީ މާސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.