ޚަބަރު

މެމްބަރުންގެ ހަތަރެސްފައި ބަނދެ ކަސްތޮޅު އެޅުވުމަށްފަހު, މަޖާކޮށް ޗުއްޓީ ހޭދަކޮށްލުމަށް މުއިއްޒުގެ ދެމަފިރި ކަނބަލުން އިނގިރޭސިވިލާތައް!

ދިޔަވަރު
މެމްބަރުންގެ ހަތަރެސްފައި ބަނދެ ކަސްތޮޅު އެޅުވުމަށްފަހު, މަޖާކޮށް ޗުއްޓީ ހޭދަކޮށްލުމަށް މުއިއްޒުގެ ދެމަފިރި ކަނބަލުން  އިނގިރޭސިވިލާތައް!

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

މުއިއްޒުގެ ދެމަފިރިކަނބަލުން މިރޭ އިނގިރޭސިވިލާތައް ފުރާވަޑައިގެންފައިވަނީ ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށްފަހުއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، މިއަދު މަޖިލީހުން ފާސްކުރުމާއެކު މުޢިއްޒުވަނީ މިރެއިން މިރެއަށް އެބިލް ތަޞްދީޤުވެސް ކުރައްވާފައެވެ. މި ބިލަކީ، 20 ނޮވެމްބަރ 2024 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 52 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ވަނީ މައިގަނޑު ފަސް އިޞްލާޙެއް ގެނަސްފައެވެ. މި ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް އިޞްލާޙަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އަށް އިތުރުކުރެވޭ ބަދަލުތަކެވެ. މި ބަދަލުތަކާއެކު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް އިތުރުކުރެވިފައިވެއެވެ.

މިގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

ދެވަނައަށް އެންމެ މުހިންމު އިޞްލާޙެއްގެ ގޮތުގައި، ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ގެނެވުނު ބަދަލު ފާހަގަކުރެވެއެވެ. މި ބަދަލާއެކު، ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. މި އިޞްލާޙުގައި ރާއްޖޭގެ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ.

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ބ) އަށް ގެނެވުނު އިޞްލާޙާއެކު، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައްވެސް ވަނީ ފުޅާކުރެވިފައެވެ. މިގޮތުން، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި، ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި ތަޞައްވުރުތައް އެކަށައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް މި އިޞްލާޙުގެ ދަށުން ލިބިދެއެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު އިޞްލާޙުގެ ދަށުން، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ. ނަމަވެސް، އެއްބަސްވުމެއްގެ ދަށުން ހިންގޭ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން މީގެން އިސްތިސްނާވެއެވެ.

މީގެއިތުރުން މި ބިލުގައި ޤާނުނުއަސާސީގެ 262 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ފަހަތަށް ވަނީ 2 ނަންބަރު އިތުރުކުރެވިފައެވެ. މިގޮތުން، ރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނައުމާ ގުޅޭ ބިލެއް ނުވަތަ ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާހަކާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްތޯ ބެލުމަށް އާންމު ވޯޓެއް ނަގަން ވާނެ ކަމަށްވަނީ ބަޔާންކޮށްފައެވެ.

މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން، މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ހިތާމައަކީ, ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ހަތަރެސްފައިގައި ކަސްތޮޅު އެޅުވުމަށް މުއިއްޒު ގާނޫނު އަސާސީއަށް އިސްލާހު ގެނައިއިރުވެސް, ޕީއެންސީގެ ގިނަ މެމްބަރުން މުއިއްޒުގެ މި ހީލަތްތެރި ރޭވުމަށް އަތްޖައްސަވަން ތިއްބެވުމެވެ. ތިމާމެން އަރާ އިށީނދެ ތިބި ގޮފިގަޑު އެކީ އަމިއްލައަތު ކަނޑާލެވޭއިރުވެސް ޕީއެންސީގެ މަޖިލިސް މެމްބަރުން ވާނުވާގެ ތިއްބެވުމެވެ.

މުއިއްޒުގެ މި ހީލަތްތެރި ރޭވުން ހަގީގަތަކަށްވުމުން މެމްބަރުންގެ ”ޑިމާންޑް“ވެސް ދިޔައީއެވެ. މުއިއްޒު ޖައްސަވާހާ ބެރަކަށް ނެށުން ނޫން އެހެންގޮތެއް މެމްބަރުންނަށް ނެތުނީއެވެ. މަޖިލިހުގައި މިއަދު އޮތް ޕީއެންސީގެ ސުޕަރ މެޖޯރިޓީ މުއިއްޒުގެ ގޮނޑި ކޮއްކޮ މެޖޯރިޓީއަކަށް ވެގެން ދިޔައީއެވެ.