ޚަބަރު

ފުލުހުން އެމްއެމްއޭއަށް ވަނުމުން ރައްޔިތުންނަށް އެ ސާފުވީ ކުރުސީ އާއި ދިޔަވަރުން ގެނެސް ދެނީ ތެދު، އިތުބާރު ހިފޭ މައުލޫމާތުކަން: ސަރުކާރު އޮފިޝަލެއް

ދިޔަވަރު
ފުލުހުން އެމްއެމްއޭއަށް ވަނުމުން ރައްޔިތުންނަށް އެ ސާފުވީ ކުރުސީ އާއި ދިޔަވަރުން ގެނެސް ދެނީ ތެދު، އިތުބާރު ހިފޭ މައުލޫމާތުކަން: ސަރުކާރު އޮފިޝަލެއް

ފުލުހުން އެމްއެމްއޭއަށް ވަނުމުން ރައްޔިތުންނަށް އެ ސާފުވީ ކުރުސީ އާއި ދިޔަވަރުން ގެނެސް ދެނީ ތެދު، އިތުބާރު ހިފޭ މައުލޫމާތުކަމެވެ.

ކުރުސީ އެކައުންޓުން އިއްޔެ ހާމަކުރި މައުލޫމާތުތަކުގެ ތެދުކަން އިތުރަށް ހާމަވެގެން ދިޔައީ މިއަދު ފުލުހުން އެމްއެމްއޭއަށް ވަދެ، އެ މައުލޫމާތު ލީކްކުރި ފަރާތެއް ހޯދުމަށް ތަހުގީގު ފެށުމުންނެވެ.

މި މައްސަލާގައި އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވެފައިވަނީ ފުލުހުން އެމްއެމްއޭއަށް ވަދެފައިވަނީ އެ އޮތޯރިޓީން އެދިގެން ކަމަށެވެ. އަދި އެއީ މުވައްޒަފެއްގެ ޒާތީ މައުލޫމާތުތަކެއް ލީކްވި މައްސަލައެއް ކަމަށް އޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މައްސަލައިގެ ތަހުގީގަށް ފުލުހުން ގެންދިޔައީ އެމްއެމްއޭގެ މުވައްޒަފެއްގެ ލެޕްޓޮޕަކާއި ބައެއް ޑޮކިއުމެންޓެވެ. މިއީ ކުރުސީން ހާމަކުރި މައުލޫމާތުތަކުގެ ތެދުކަން ދައްކުވައިދޭ ހެއްކެކެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ފުލުހުން ބަލަމުންދަނީ ކުރުސީ އެކައުންޓުން އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މި ފަހުން އައްޔަން ކުރި މަރިޔަމް ރަޝްފާ އާ ގުޅޭގޮތުން ކުރި ޕޯސްޓާ ގުޅޭ މައްސަލައެވެ. ކުރުސީން ހާމަކޮށްފައިވާ ގޮތުގައި ރަޝްފާއަށް އެ މަގާމު ލިބިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާ އޮތް ގުޅުމެއްގެ ސަބަބުންނެވެ.

އެމްއެމްއޭއަށް މިގޮތަށް އެތައް ބަޔަކު ވައްދައި އެތަނަކޭ، ފަނަކަ އެކޭ އެއްފަދަ ކޮށްފިއެވެ. އެމްއެމްއޭ އަކީ މިނިވަން މުއައްސަސާއެކެވެ. މިތަނަށް ސިޔާސީ މުއައްޒަފުން ވެއްދުމާއި، އޭސީސީއަށް ޕާޓީގެ ސިޔާސީ މުއައްޒަފުން ވެއްދުމާއި އެއްވެސް ތަފާތެއްނެވެ.

އަދި ރަޝްފާ މީގެ ކުރިން އެމްއެމްއޭގައި ވަޒީފާ އަދާކުރިއިރު، އެ ތަނުގެ އެޗްއާރުން ފޮނުވި އިންޒާރުގެ ސިޓީއެއްގެ ކޮޕީ ވެސް ކުރުސީ އެކައުންޓުން ވަނީ ހާމަކޮށްފައެވެ. މިހާރު އެ ސިޓީގެ މައްސަލަ ބެލުމަށް އެމްއެމްއޭގެ އިންޓާނަލް އޮޑިޓުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާކަން ވެސް ވަނީ ކަށަވަރުވެފައެވެ.

މި ހުރިހާ ކަމަކުން ސާފުކޮށް އެނގިގެންދަނީ ކުރުސީ އެކައުންޓުން އާންމުކުރި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްކަމެވެ. މުއިއްޒު ދަނީ ކުރުސީ އާއި ދިޔަވަރަށް އިތުބާރު ކުރަން ނުވާނެ ކަމަށް ދެއްކުމަށް، ތެދު މައުލޫމާތު ހާމަ ކުރާ މަދު ނޫސްވެރިކަމުގެ ތެރޭގައި ހިމެނޭ ކުރުސީއާއި، ދިޔަވަރަށް ފާޑު ވިދާޅުވަމުންނެވެ. މި ގޮތުން ރައީސް މުއިއްޒު އެދިވަޑައިގެން ދިޔަވަރާއި ދެކޮޅަށް 70 އަށް ވުރެ ގިނަ މައްސަލަ މޯލްޑިވްސް މީޑިޔާ ކައުންސިލަށް މުއިއްޒު ފޮނުވާފައިވެއެވެ.