ޚަބަރު

ރާއްޖޭގެ ކަނޑާއި ބެހޭ ގޮތުން ޤާނޫނުއަސާސީ އަށް މުއިއްޒު ގެނައި ބަދަލާއި އެކު، ރާއްޖޭގެ ކަނޑުގެ ބޮޑު ބައެއް ރާއްޖެއަށް ގެއްލިއްޖެ: ޤާނޫނީ ތަޖުރިބާ ކާރުން

ދިޔަވަރު
ރާއްޖޭގެ ކަނޑާއި ބެހޭ ގޮތުން ޤާނޫނުއަސާސީ އަށް މުއިއްޒު ގެނައި ބަދަލާއި އެކު، ރާއްޖޭގެ ކަނޑުގެ ބޮޑު ބައެއް ރާއްޖެއަށް ގެއްލިއްޖެ: ޤާނޫނީ ތަޖުރިބާ ކާރުން

ރާއްޖޭގެ ކަނޑާއި ބެހޭ ގޮތުން ޤާނޫނު އަސާސީ އަށް މުއިއްޒު ގެނައި ބަދަލާއި އެކު، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލި ދިޔުމުގެ ފުރުޞަތު ބޮޑުވެއްޖެއެވެ.

އަލަށް ހެދި ޤާނޫނުއަސާސީގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ފަސޭހައިން ގެއްލޭ ގޮތަށް މުއިއްޒު ގެނައި ބަދަލުގައި ވަނީ ތިރީގައި މިވާ ގޮތަށެވެ.

ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑާ ގުޅިފައިވާ ކަނޑާއި، ދިވެހިރާއްޖޭގެ ޚާއްޟަ އިޤްތިޞާދީ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަޙައްދަކަށް އުނިކަމެއް އަންނަފަދަ އެއްވެސް ކަމެއް ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ.

"އުނިކަމެއް އަންނަފަދަ" މި ޢިބާރާތަކީ ވަރަށް ފުޅާ މާނައެއްގައި މާނަކުރެވިދާނެ ޢިބާރާތަކަށްވާތީ، މި ބަދަލާއި އެކު ރާއްޖޭގެ ސިޔާދަތަށް ނުރައްކާތަކެއް ވަނީ މިހާރު ކުރިމަތިވެފައެވެ. މިގޮތުން، އދ. އާއި ބޭރުގެ އެހެނިހެން ޖަމާއަތްތަކާއި މެދު ވެފައިވާ އަންމު އެއްބަސްވުންތަކުގެ ދަށުން ވަކި ސަރަޙައްދުތަކެއްގައި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ވަކި ޚާއްޞަ ޙައްޤުތަކެއް ހުރި ހުރުމަކީ، އެއީ "އުނިކަމެއް" ގެ ގޮތުގައި ނުބެލެވޭނެކަމުގެ ޔަޤީންކަން ނެތުމުގެ ސަބަބުން، ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދެއް "އުނިކަމެއް" މި ލަފްޒުގެ މާނައާއި އެކު މިވަނީ ގެއްލިފައެވެ. މިގޮތަށް ޤާނޫނު އަސާސީ ބަދަލު ކުރުމުން މިފަދަ ބައިނަލްއަޤްވާމީ އެއްބަސްވުމެއްގެ ސަބަބުން، ދިގު މުއްދަތުގައި އެ ސަރަޙައްދުގެ މައްޗަށް ރާއްޖެއަށް އޮންނަ ފުރިހަމަ ބާރު ގެއްލި، ނުސީދާކޮށް އެ ސަރަޙައްދު ގެއްލިގެން ގޮސްފިއެވެ. ހަމައެހެންމެ، ސަރުކާރުން ހުއްދަ ދީގެން އެހެން ޤައުމުތަކަށް ކަނޑުގެ ވަކި ސަރަޙައްދުތަކުގައި މަސްވެރިކަން ކުރުމުގެ ޙައްޤު ދިނުން ފަދަ ކަންކަމަކީވެސް "އުނިކަމެއް" ގެ ގޮތުގައި މާނަކުރެވި، އޭގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ މައްޗަށް އޮންނަ ސިޔާދަތު ގެއްލި، އެ ސަރަޙައްދުތައް އެހެން ޤައުމުތަކުގެ ނުފޫޒުގެ ދަށަށް ދާން މަގުފަހިވެދާނެއެވެ. މި ޢިބާރާތް މިހާ ފުޅާކޮށް އޮތުމުގެ ސަބަބުން، ބޭރުގެ ވަކި ޤައުމަކުން ބޭނުންވެއްޖެ ހިނދެއްގައި، "އުނިކަމެއް" ގެ މާނައިގެ ތެރެއަށް ވައްދައިގެން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ މައްޗަށް ހިންގާ އެކިއެކި ހަރަކާތްތައް ހުއްޓުވައި، ނުވަތަ އެފަދަ ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށް، ރާއްޖޭގެ ސިޔާދަތަށް އަރައިގަތުމުގެ ފުރުސަތު އެބައޮތެވެ.

ޤާނޫނީ ނައްޞުގެ ސާފުނުވުން އިތުރު މައްސަލަތައް

ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާހުގައި "އުނިކަމެއް އަންނަފަދަ" މި ޢިބާރާތް ބޭނުންކޮށްފައިވާ ގޮތުން، އޭގެ މާނަ ވަރަށް ފުޅާކޮށް މާނަކުރެވެއެވެ. މި ސާފުނުވުމުގެ ސަބަބުން، ޤުދުރަތީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭރުގެ ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާއި، ބައިނަލްއަޤްވާމީ ކަނޑުގެ އެއްބާރުލުމުގެ ދަށުން ކުރެވޭ މަސައްކަތްތަކާއި، ޢިލްމީ ދިރާސާތަކުގެ ހުއްދަ ދިނުމާއި، ކަނޑުގެ ސަލާމަތީ އިންތިޒާމުތައް ހަމަޖެއްސުމަށް ހުރަސްތައް ކުރިމަތިވެދާނެއެވެ. އެއީ އެއިން ކޮންމެ ކަމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ގެއްލުމަށް މެދުވެރިވާ "އުނިކަމެއް އަންނަފަދަ" ކަމެއް ގޮތުގައި ބެލެވޭނެތީއެވެ. އަދި މިފަދަ މުހިންމު މަޝްރޫޢުތަކަށް ބުރޫއަރާފަދަ ގޮތަކަށް މި މާއްދާ މާނަކުރެވި، ޤައުމުގެ ތަރައްޤީއަށް ހުރަސްތަކެއް ކުރިމަތިވެދާނެއެވެ.

މިސާލަކަށް މި ޤާނޫނުއަސާސީ އާއި ޚިލާފަށް ޗައިނާގެ އަސްކަރީ މަނަވަރުތައް މުއިއްޒު ވަނީ ރާއްޖޭގެ އޭއީޒެޑް ތެރެ ސްކޭން ކުރުމަށް ފުރުޞަތު ދީފައެވެ.

ބައިނަލްއަޤްވާމީ ޤާނޫނާ ގުޅޭ މައްސަލަތައް:

ޤާނޫނުއަސާސީގެ މި މާއްދާގައިވާ ހަރުކަށި ޝަރުޠުތަކުގެ ސަބަބުން، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކަނޑުގެ ޤާނޫނާބެހޭ އދ.ގެ މުޢާހަދާ (UNCLOS) އާ ފުށުއެރުންތަކެއް އުފެދިދާނެއެވެ. މި މުޢާހަދާގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާތަކާއި، ބައިނަލްއަޤްވާމީ ކަނޑުގެ އެކިއެކި އެއްބަސްވުންތަކުގައި ބައިވެރިވުމާއި، ސަރަޙައްދީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ. އަދި ކުއްލި ޙާލަތްތަކުގައި އެހެން ޤައުމުތަކުން ފޯރުކޮށްދޭ އެހީތެރިކަން ހޯދުމަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވެގެން ދާނެއެވެ.

އިޤްތިޞާދީ އަސަރުތައް:

ޤާނޫނުއަސާސީގެ މި މާއްދާގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ދާއިރާއަކީ އިޤްތިޞާދީ ދާއިރާއެވެ. ކަނޑުގެ ދާއިރާތަކަށް ބޭރުގެ އިންވެސްޓްމަންޓް ގެނައުމަށާއި، ބައިނަލްއަޤްވާމީ ނެވި ދަތުރުފަތުރުގެ އެއްބަސްވުންތައް ހެދުމަށާއި، ކަނޑުގެ ދިރާސާތަކުގެ އެއްބާރުލުން ހޯދުމަށް ދަތިތަކެއް ކުރިމަތިވެދާނެއެވެ. ޚާއްޞަކޮށް، ސަރަޙައްދީ ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުށަހެޅޭ މަޝްރޫޢުތަކަށް މި މާއްދާގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. މީގެ ސަބަބުން ޤައުމަށް ލިބެންހުރި އިޤްތިޞާދީ ފައިދާތަކަށް އުނިކަން އައުމަކީ އެކަށީގެންވާ ކަމެކެވެ.

މި ގޮތުން "ސަރަހައްދަށް އުނިކަން" އަންނަ ކަމެއް ގޮތުގައި ބޭރުގެ އަކުއަކަލްޗަރ ފާމްތައް ރާއްޖޭގައި ޤާއިމު ކުރުން ހިމެނޭއިރު، އެފަދަ ކަންކަމަށް ބޭރުގެ ޤައުމުތަކުން އިންވެސްޓް ކުރުމަށް މިހާރު ބޭނުމެއް ނުވާނެއެވެ.

ޤާނޫނުއަސާސީ އަކީ ކުޅޭ ކުޅޭ އެއްޗެއް ނޫނެވެ. އެފަދަ އެއްޗެއްސަށް 3 ގަޑި އިރު ތެރޭ ބަދަލު ގެނައުމަކީ އިންސާނަކު ކުރަން ހެޔޮވާވަރުގެ އަނިޔާވެރި ކަމެއް ނޫނެވެ. މުއިއްޒު ޤާނޫނުއަސާސީއަށް އަވަސްއަރުވާލައިގެން ގެނައި ބަދަލުގައި ކަނޑުގެ ވާހަކަ ހިމެނުމަކީ، އޭގެ އަސްލު ބޭނުމެއް ނޫނެވެ. މީގެ ފަހަތުގައި އޮތް މަޤްޞަދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިރުދައްކައި، ޤާނޫނުއަސާސީން ރައްޔިތުންގެ ބާރު ކަނޑުވާލައި، މަޖިލިސް މެންބަރުން ސީދާ މުއިއްޒަށް ވަކިކުރެވޭނެ ގޮތް ހެދުމެވެ. މި ބަދަލުތަކަށް މަޖިލީހުން ތާއީދު ނުލިބިއްޖެނަމަ، އެއީ ދިވެހިރާއްޖޭގެ ޚާއިނުންނޭ ބުނެ، ދިވެހި ކަނޑުގެ ސަރަހައްދު "ހިމާޔަތް" ކުރުމަށް އެކުލަވާލި ޤާނޫނުއަސާސީއަށް ވޯޓު ނުދިން ކަމުގައި ބުނުމަށް ރޭވި ރޭވުމެކެވެ. މުއިއްޒުގެ މި ޢަމަލަކީ މަކަރާއި ހީލަތް ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރުމުގެ ސާފު މިސާލެކެވެ. މި ކަމުގައި ރާއްޖޭގެ ކަނޑު ހިމާޔަތް ކުރުމުގެ އެއްވެސް މަޞްލަޙަތެއް ހިމެނިފައެއް ނުވެއެވެ.