ވަޒީފާގެ އަޚްލާޤީ މިންގަނޑުން ބޭރުން އިއްޔެ ސަރުކާރު ފަޅިން މުޒާހަރާއަށް ނުކުތް އެއްވެސް މީހަކަށް މި ސަރުކާރު ބަދަލުވުމުން، ވަޒީފާ ނުދޭން ގިނަ ވިޔަފާރި ކުންފުނިތަކުން ނިންމައިފި ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
މިކަން މިގޮތަށް ނިންމީ، މި މީހުންނަކީ ވަޒީފާގެ އަޚްލާގީ މިންގަނޑުން ބޭރުން، ޤައުމުގެ ހަމަޖެހުން ނަގާލައި، ރައްޔިތުންގެ ހައްޤުތައް އުނިކަން އަންނަހެން ހިންގާ އަނިޔާވެރި ޚަރަކާތްތަކުގެ ބައިވެރިވާ ބައެއް ކަމަށް ބަލައިގެންނެވެ. މީގެ އިތުރުން ކޮންމެ ވަޒީފާއެއްގައިވެސް، އޮންނަ އަޚްލާގީ ހަމަތަކާއި، ދައުލަތުގެ އަބުރުވެރި ކަމާއި، ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރުގެ ވަޒީފާގެ މިންގަނޑުތަކާއި މި ފަރާތްތައް ޚިލާފުވެފައިވާތީ، މިފަދަ ބަޔަކީ ވަޒީފާ ދިނުމަށް އެކަށީގެންވާ މޯރަލް އަދި އިތިކަލް ސްޓޭންޑަރޑް ނެތް ބައެއް ކަމަށް މިކަމާއި މަޝްވަރާ ކުރި ފަރާތްތަކުން ވަނީ ނިންމާފައެވެ.
އަދި މިކަމަށް ރިޢާއަތްކޮށް، ވަޒީފާއާއި ބެހޭ ޓްރިބިއުނަލްއަށް މި މީހުންގެ މައްސަލަ އާންމުންގެ ފަރާތުން ލުމަށް ތައްޔާރު ކުރަމުންދާކަންވެސް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެހެންކަމުން، މި މީހުން ވެގެން ދާނީ، މުއިއްޒުގެ ސަރުކާރު ނިމުމުން، ވަޒީފާ ލިބުމުގެ ފުރުޞަތު ގެއްލިގެން ދާނެ ބަޔަކަށެވެ. އަދި ފަހުން އަންނަ ސަރުކާރަކުންވެސް ބްލެކް ލިސްޓް ކުރާނެ ބަޔަކަށެވެ.