ސިޔާސީ

އާޖެންޓީނާގެ އާ ރައީސް 1 އަހަރު ތެރޭ އެ ޤައުމުގެ އިޤްތިޞާދަށް ގެނައި ބަދަލާއި، މުއިއްޒުގެ 1 އަހަރު ތެރޭގައި ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑު ކޮށްލި ގޮތް

ދިޔަވަރު
އާޖެންޓީނާގެ އާ ރައީސް 1 އަހަރު ތެރޭ އެ ޤައުމުގެ އިޤްތިޞާދަށް ގެނައި ބަދަލާއި، މުއިއްޒުގެ 1 އަހަރު ތެރޭގައި ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑު ކޮށްލި ގޮތް

ތަޢާރަފް

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާޖެންޓީނާގެ ރައީސްކަމާ ޙަވާލުވި ޖެވިއަރ މިލޭ ވަނީ ޤައުމުގެ އިޤްތިޞާދު އައު މަރުޙަލާއަކަށް ގެންގޮސްދީފައެވެ. އޭނާގެ "ޗެއިންސޯ" އިޤްތިޞާދީ އިޞްލާޙީ ސިޔާސަތުތަކަކީ އާޖެންޓީނާގެ ތާރީޚުގައި ގެނެވުނު އެންމެ ހަރުދަނާ އަދި އެންމެ ފުޅާ ދާއިރާއެއްގައި ގެނެވުނު އިޞްލާޙީ ބަދަލުތަކެވެ. އޭނާ ވެރިކަމާއި ހަވާލުވި އިރު ޤައުމު އޮތީ ބަނގުރޫޓު ވެފައެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވީ 2023 ވަނަ އަހަރު ނޮވެމްބަރު މަހުއެވެ. ޖެވިއަރ އަށް ވުރެ ކަންކަން ރަނގަޅަށް ކުރުމަށް އެއްމަސް އިތުރަށް މުއިއްޒަށް ލިބިފައިވާ އިރު، މުއިއްޒު ވެރިކަމަށް އައި އިރު ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތީ ރަނގަޅަށެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތު އޭރުވެސް ދިޔައީ މަޑު މަޑުން ހީނަރު ވަމުންނެވެ.

ވެރިކަމަށް އައުމުގެ ކުރިން އިޤްތިޞާދީ ޙާލަތު: އާޖެންޓީނާ - ރާއްޖެ

ވެރިކަމާއި ހަވާލުވި އިރު ދުވާލަކަށް %1 ގެ ރޭޓުން ތަކެތީގެ އަގުތައް ދިޔައީ މައްޗަށެވެ. މިއީ (އަހަރަކަށް %3,700) ރޭޓުން ތަކެތީގެ އަގަށް އައި ބަދަލެވެ. ހަމައެކަނި ޑިސެމްބަރުގެ 2023ގެ ފުރަތަމަ ދެ ހަފްތާގައި 7,500% އަށް އަރާފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ހޯލްސޭލް އިންފްލޭޝަން ރޭޓް %54 (އަހަރަކަށް %17,000). އޭރު އެ ޤައުމުގެ އާބާދީގެ %50 ދިރިއުޅެމުން ދިޔައީ ފަޤީރުކަމުގެ ރޮނގުން ދަށުގައި

2023 ވަނަ އަހަރުގެ ނޮވެމްބަރާއި ހަމައަށް ބައިނަލްއަޤްވާމީ އެޖެންސީތަކުން ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ވަމުން އައި މިންވަރު ވަނީ ފާހަގަ ކޮށްފައެވެ. އަދި އިޤްތިޞާދީ ކުރިއެރިން %7.2 ގައި ދިޔައީ ލިބޭނެ ކަމަށް ފިޗްއިން ބަލާފައިވެއެވެ. ރާއްޖޭގެ ކުރެޑިޓް ރޭޑިންގ ހުރިހާ އެޖެންސީތަކުން ރަނގަޅު ކަމަށް ދިޔައީ ފާހަގަ ކުރަމުންނެވެ. ގިނަ ޕްރޮޖެކްޓްތައް ހިންގައި ކޮވިޑުން ގައުމު އަރައިގަތުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ދިޔައީ ކުރަމުންނެވެ.

އާޖެންޓީނާއި އެޅި އިޞްލާޙީ ފިޔަވަޅުތައް

ސަރުކާރު ކުޑަކުރުން

  1. މިނިސްޓްރީތަކުގެ އަދަދު ދެބައިކުޅައެއްބަޔަށް ކުޑަކުރުން
  • 9 މިނިސްޓްރީއަށް ތިރިކުރުން
  • މިހާރު 8 މިނިސްޓްރީއަށް އިތުރަށް ކުޑަކުރެވިފައި
  1. މުވައްޒަފުންގެ އަދަދު މަދުކުރުން
  • 50,000 މުވައްޒަފުން ވަޒީފާއިން ވަކިކުރުން
  • އައު މުވައްޒަފުން ނުނެގުމުގެ ސިޔާސަތު ގެންގުޅުން

ރާއްޖޭގެ އިޤްތިޞާދު ގޯސްކުރުމަށް މުއިއްޒު އެޅި ފިޔަވަޅުތައް

ސަރުކާރު ބޮޑު ކުރުން

  1. މުއިއްޒު ވެރިކަމަށް އައީ، އިތުރު 3 މިނިސްޓަރީ އުފައްދައިގެންނެވެ. ރާއްޖޭގެ ތާރީކުގައި އަލަށް 22 މިނިސްޓްރީ އުފެއްދިއެވެ. މީގެ އިތުރުން ޤައުމިއްޔަތު މިނިސްޓްރީއަށް އިތުރު މެންޑޭޓްތައް ހަވާލުކޮށް، ކޮލެޖެއް ހަދައި، އެތައް ބޭކާރު ވަޒީފާތަކެއް އުފެއްދިއެވެ.
  2. ސިޔާސީ މުއައްޒަފުންގެ އަދަދު، ކުންފުނިތަކުގައި އާއި، ސަރުކާރު އޮފީސްތަކުގައި އިތުރުކޮށް 700 އިން 7500 އަށް ވުރެ ގިނަ ސިޔާސީ މާގާމުތައް ދިނެވެ. މީގެ އިތުރުން އެތައް ދާޢިމީ ވަޒީފާތަކެއް އުފެއްދިއެވެ.
  3. އެއްވެސް މުއައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވެއެވެ. ވަކި ކުރީ އެމްޑީޕީއަށް ނިސްބަތްވާ ބައެކެވެ. ސިޔާސީ އެތައް ހާސް މުއައްޒަފުންނެއް ނެގުމަށް ފަހު، 228 މީހުން ވަޒީފާއިން ވަކި ކުރީ ކަމަށް ބުނެ ދޮގު ހަދައި އޮޅުވާލިއެވެ.

އާޖެންޓީނާގެ ސަރުކާރުން ޚަރަދުތައް ކުޑަކުރުމަށް އެމަނިކުފާނު ކުރެއްވި އެންމެ ބޮޑު މަސައްކަތަކީ ސަރުކާރު ކުޑަ ކުރުމެވެ. ރާއްޖޭގެ މާލީ ހާލަތާއި، އިޤްތިޞާދީ ހާލަތު ގޯސްވެގެން އުޅެނީ މިކަން ކުރުމަށް މުއިއްޒު ބޭނުން ނުވުމުންނެވެ. މީގެ ބަދަލުގައި މުޅި އިޤްތިޞާދަށާއި ޤައުމަށް ގެއްލުން ލިބޭހެން އެއްވެސް ކަހަލަ ތައުލީމެއް ނެތް އެތައް ސަތޭކަ ބަޔަކަ ޑެޕިއުޓީ މިނިސްޓަރުކަން ބަހާލުން ހިމެނެއެވެ.

ޢުމްރާނީ އަދި ސަބްސިޑީ އިޞްލާޙުތައް

  1. އާޖެންޓީނާގެ ސަރުކާރުން ޢުމްރާނީ މަޝްރޫޢުތައް ހުއްޓާލައި އެކަން ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް ހާމަ ކުރިއެވެ. ރާއްޖޭގައި އުމްރާނީ މަޝްރޫޢުތައް ހިނގަމުން ދާކަމަށް ސަރުކާރުން ތަކުރާރުކޮށް ފާއިތުވި އަހަރު ދިޔައީ ބުނަމުންނެވެ. ނަމަވެސް އެ ޕްރޮޖެކްޓްތަކެއް ފެންނާކަށް ނެތެވެ. ހަމަ އެއާއި އެކު އެ ޕްރޮޖެކްޓްތަކަށް އެކުލަވާލި ބަޖެޓް އަހަރު ނުނިމެނީސް ހުސްވެ، އާ ސަބްލިމެންޓަރީ ބަޖެޓެއް ހޯދިއެވެ. އަދި އުމްރާނީ ޕްރޮޖެކްޓްތައް ނުހިނގާ އިރު، އެ ޕްރޮޖެކްޓްތަކަށް ކަނޑައެޅި ފައިސާއަށް ވީ ގޮތް ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ.
  2. ޕްރޮވިންސްތަކަށް ދެމުންދިޔަ ބަޖެޓް އެހީތައް އާޖެންޓީނާ ސަރުކާރުން ހުއްޓާލިއެވެ. އެއީ އެ ޕްރޮވިންސްތައް ހިންގޭ ވަރަށް އެތަންތަނަށް ފައިސާ ލިބެމުން ދާތީއެވެ. ނަމަވެސް، ރައީސް މުއިއްޒު ނިންމެވީ ސިޔާސީ މުއައްޒަފުން ވަކި ކުރުމެއް ނެތި، ކައުންސިލްތަކުގެ ބަޖެޓް ޤާނޫނާއި ޚިލާފަށް އުނިކުރުމަށެވެ. އަދި އެކަމުގެ ސިޔާސީ ފައިދާ ނަގައި، ކައުންސިލްތަކުގެ ބާރުތައް ކަނޑާލުމަށެވެ. މި ގޮތަށް އާ ބަޖެޓް އެކުލަވާލުމުގެ ކުރިން މުއިއްޒު ވަނީ ސިޔާސީ ބާރުވެރިކަން އިތުރުކޮށް ކައުންސިލްތައް އުވާލުމަށް މަސައްކަތް ފަށާފައެވެ.
  3. އާޖެންޓީނާއިން، ސަރުކާރު މުވައްޒަފުންގެ މުސާރަތައް ކުޑަކުރިއެވެ. މި މަސައްކަތް 2024 ވަނަ އަހަރު ޖެނުއަރީ މަހު ފެށިއެވެ. ސިޔާސީ މުއައްޒަފުންގެ މުސާރައިން ކުޑަ އިންސައްތައެއް ކުޑަ ކުރަން މުއިއްޒު ނިންމީ މި މަހުގައެވެ. އެއީ މުސާރަ ދޭވަރަށް ބަޖެޓުގައި ފައިސާ ނެތިގެންނެވެ. އަދި މިކަން ބޭއިންސާފަކަށް ވާ ގޮތަކީ، މުސާރަ ކުޑަ ކުރުމަށް ފަހު، އިތުރު 50 ސިޔާސީ ވަޒީފާ މި މަހު އެކަނި މުއިއްޒު އެތައް ބަޔަކަށް ދީފައިވާ ކަމެވެ. އަދި "ސިޔާސީ މީހުންގެ މުސާރަ ކުޑަ ކުރަނީ" ގެ ނިވަލުގައި ހުރެ، ހުރިހާ އެސްއޯއީތަކުގައި ތިބި ދާއިމީ މުއައްޒަފުންގެ މުސާރާގެ %10 އެއްވެސް ސަބަބެއް ނެތި ވަނީ އުނިކޮށްފައެވެ.
  4. ޔުޓިލިޓީ ޚިދުމަތްތަކުގެ ސަބްސިޑީ އާޖެންޓީނާއިން ނިމުމަކަށް ގެނައެވެ. ރާއްޖޭގެ ސަރުކާރުން ޔޫޓިލިޓީ ބިލްތަކުން ކުރަން ފެށީ ވަށްކަމެވެ. އެތައް ގުނައަކުން ބިލްތަކުން ފައިސާ ނަގައި، ރައްޔިތުންނަށް އިންތިހާއަށް ދަތިކަން ވަނީ ކުރިމަތިކޮށްފައެވެ. ފުރަތަމަ އަހަރު ނިމުނު އިރު ސަބްސިޑީ ކުޑަ ކުރުމަށް މަސައްކަތް ކޮށްފައި ނުވާއިރު، ކުރިއަށް އޮތްތާ ސަބްސިޑީ ކަރަންޓާއި ފެނުން ކަނޑާލުމުން ބިލްތައް އިންތިހާއަށް ބޮޑުވެގެންދެއެވެ. މިކަމުގައި ހިނގާ އެންމެ ބޮޑު ބޭއިންސާފަކީ އެއްވެސް ފަރާތަކަށް އަސްލު ކަރަންޓު ބޭނުންކުރި މިންވަރު ދެނެގަނެވޭނެ ގޮތެއް ނެތުމެވެ. އަދި މިކަމުގެ ނާޖާއިޒު ފައިދާ ނަގައި ސަރުކާރުން ބިލްތައް ބޮޑު ކުރާ ކަމެވެ. މި ގޮތުން ބޮޑު ކޮށްފައިވާ ބިލްތަކަކުން ސަބްސިޑީ ކެނޑުމަކީ އެއްވެސް ވަރަކަށް އިންސާފުވެރި ކަމެއް ނޫނެވެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ އިޞްލާޙުތައް

  1. އާޖެންޓީނާއިން އިޖްތިމާޢީ އެހީގެ ޕްރޮގްރާމްތަކުގައި ހުރި ކޮރަޕްޝަންތައް އާ ސަރުކާރުން ނައްތާލިއެވެ. އޭގެ ބަދަލުގައި ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިންނަށް ދެން ބޭސް ފަރުވާ ޚިދުމަތް ދޭނީ ދުނިޔެގެ އެންމެ އަގުބޮޑު ބެންކޮކް އަދި ތައިލެންޑުން ކަމަށެވެ. މިއީ އޭޝިއާއި އަދި މެދުއިރުމަތީގެ އެންމެ އަގުބޮޑު ދެ ޤައުމެވެ. މިހެން ވިދާޅުވުމަށް ފަހު، މުއިއްޒުގެ އަނބިކަބަލުންނާއި، މެޑިކަލް މާފިޔާ އާއި، ގުޅުން ހުރި ފަރާތްތަކަށް އެތައް މިލިއަން ޑޮލަރެއް ފައިދާވާނެހެން ކޮރަޕްޝަނުގެ ތެރެއިން ޑީލްތައް ވަނީ ދީފައެވެ.

    މިކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، އާންމުންނަށް ފޯރުކޮށްދޭ އާސަންދައަށް ބޭނުންވާ ފައިސާ އާންމުންނަށް ނުލިބި ރައީސް މުއިއްޒުގެ އަނބިކަބަލުންނާއި ގުޅުންހުރި ކުންފުނިތަކަށް މެޑިކަލް އެކި ސަޕްލައިސްތައް އަގު ބޮޑުކޮށް ފޯރުކޮށް ދިނުމަށް އެފައިސާތައް ބަޖެޓުން ނެގުމެވެ.

    ކުރިން އާސަންދަ ޚިދުމަތް ދެމުންދިޔަ އިންޑިޔާގެ ބޮޑެތި ހޮސްޕިޓަލްތަކުން އެ ޚިދުމަތް ދިނުން މުއިއްޒު ވަނީ ހުއްޓާލާފައެވެ. ޕްރައިވެޓް އިންޝުއަރެންސް ހުރި ފަރާތްތަކަށް އާސަންދަ ލިބޭ މިންވަރު ހުއްޓުވައިފިއެވެ. ގިނަ ބޭސްތަކާއި އިންޖެކްޝަންތައް ނުބި އާންމު ރައްޔިތުންގެ ތެރެއިން ޚިދުމަތް ބޭނުންވާ މީހުން ވަނީ ބޭސް ސިޓީއަށް ސަލާންޖަހަން ޖެހިފައެވެ. އަދި އެމީހުންގެ ފުރާނަ ނުރައްކަލަކަށް ވަނީ ވެއްޓިފައެވެ.
  2. "ސީދާ އެހީ" ލިބެންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ނިޒާމު އާޖެންޓީނާގައި ރަނގަޅަށް ހިނގަމުން ދާއިރު، ރާއްޖެއިންވެސް އެކަން އެގޮތަށް ކުރަން މަސައްކަތް ކުރަމުންދާކަމަށް ވަނީ ހާމަ ކޮށްފައެވެ. ނަމަވެސް، ރާއްޖޭގައި، "ސީދާ އެހީ" ލިބެން ޖެހޭ ފަރާތްތައް ދެނެގަތުމަށް ބޭނުންވާ ޑޭޓާބޭސްވެސް ނެތްކަމަށް މީގެ 5 ދުވަސް ކުރިން މަޖިލީހުގައި އެމްއެމްއޭ ގަވަރުނަރު ވަނީ ބުނެފައެވެ. އެހެންކަމުން މިކަން ސަރުކާރުން ނަމެއްގައި ފެށިނަމަވެސް، މިފައިސާ ރައްޔިތުންނާއި ހަމައަށް ފޯރު ކޮށް ދޭނެ ކަމަކަށް ނުބެލެވެއެވެ. އޭގެ ބަދަލުގައި އެފައިސާއިން ރައީސް މުއިއްޒުގެ އަރިސް ފަރާތްތައް ވަށްކަންކޮށް ރައީސް މުއިއްޒަށް ބައި އަޅައި، ނިކަމެތިން ނިކަމެތި ކޮށްލުމަށް ދޫކޮށްލުން ފިޔަވައި އިތުރު ކަމެއް ނުހިނގާނެއެވެ.

އިޞްލާޙުތަކުގެ ނަތީޖާ

އިންފްލޭޝަން ކޮންޓްރޯލްކުރުން

  • އާޖެންޓީނާގައި އިންފްލޭޝަން ރޭޓް 17,000% އިން 28% އަށް ތިރިކުރެވުނު. ހޯލްސޭލް އިންފްލޭޝަން 54% އިން 2% އަށް ތިރިކުރެވުނެވެ. އަދި ކޮންސިއުމަރ އިންފްލޭޝަން 2.7% އަށް ތިރިކުރެވުނެވެ. މިއީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.
  • ރާއްޖޭގައި އިންފްލޭޝަން ރޭޓް އެރީ މައްޗަށެވެ. ބައެއް ތަކެތީގެ އަގު ވަނީ ޑަބަލްވެފައިވެއެވެ. ކުރިން ތަކެތީގެ އަގު ބޮޑުވެގެން އެ ކުޑަ ކުރަން އައި ސަރުކާރަށް ކުޑަމިނުން އެންމެ "ޕްރޮޑެކްޓެއްގެ" އަގުވެސް ކުޑަ ކުރެވިފައެއް ނުވެއެވެ. ރާއްޖޭގެ އިންފްލޭޝަންވެސް އެމްއެމް އޭއިން ސައްޙަ ކޮށް ހާމަ ކުރާކަމަކަށް ނުބެލެވެއެވެ. މި އިދާރާތަކުން ދަނީ ޤައުމުގެ ޙަޤީގީ ހާލަތު ފޮރުވައި ދޮގު މައުލޫމާތު ތަކުރާރުކޮށް ހާމަ ކުރަމުންނެވެ. ވޯލްޑް ބޭންކުން އާންމުކޮށްފައިވާ ހިސާބުތަކުގައި ވަނީ ރާއްޖޭގެ އިންފްލޭޝަން %2.9 އިން %7.5 އަށް ބޮޑުވެފައިވާ ކަމަށެވެ.

ފަޤީރުކަން މަދުކުރުން

  • އާޖެންޓީނާގައި، ފަޤީރުކަމުގެ ރޭޓް 57% އިން 46% އަށް ތިރިކުރެވުނެވެ. ރާއްޖޭގައި ރިއަލް-އިންކަމް ދަށަށް ދިޔުމުން ފަގީރުން ވަނީ އިތުރުވެފައެވެ.

އިޤްތިޞާދީ މިނިވަންކަމުގެ ކުރިއެރުން

  • އިޤްތިޞާދީ މިނިވަންކަމުގެ ދަރަޖަ 90 ޕޮއިންޓް އިތުރުކޮށް އާޖެންޓީނާއިން ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި އިޓަލީވިލާތާ އެއްހަމައަކަށް ވަނީ އައިސްފައެވެ. އަދި މީގެ އިތުރުން 3,200 އިތުރު ސްޓްރަކްޗަރަލް ރިފޯމްސް ވަނީ ރާވާފައެވެ. މީގެ ބަދަލުގައި ރާއްޖޭގައި ވިޔަފާރި ކުރުމަށް އަދި ވިޔަފާރިތަކަށް ކުރިމަތި ކޮށްފައިވަނީ ދަތިތަކެވެ.
  • މިނިވަން އިޤްތިޞާދީ މާހައުލެއް ރާއްޖޭގައި ނެތްކަން ސާފު ކޮށްދެނީ ބޭރުން އިންވެސްޓަރުން ރާއްޖެ މިދިޔަ އަހަރު ނާންނާތީއެވެ. މީގެ އިތުރުން މުއިއްޒު ވެރިކަމަށް އައި އިރު އެއްލައްކަ ރުފިޔާގެ ވިޔަފާރި ދުވާލެއްގެ މައްޗަށް ހިނގި ރެސްޓޯރަންޓްތަކުގެ ވިޔަފާރި މިހާރު ވަނީ 30،000 އަށް ވެއްޓިފައެވެ. 3000 ރުފިޔާގެ ވިޔަފާރި ދުވާލަކަށް ހިނގާ މާރުކޭޓު ގޮޅިއަށް މިހާރު 200ރ ދުވާލަކަށް ނުލިބެއެވެ.

އިޤްތިޞާދީ ދުވެލި

  • 2024 ގައި 5-6 % ގެ އިޤްތިޞާދީ ކުރިއެރުމެއް އާޖެންޓީނާ ހޯދާފައިވާއިރު، ޖޭ.ޕީ މޯގަން އިން މި އަންދާޒާ އިތުރަށް މަތިކުރުމަށް ނިންމާފައިވާ ކަމަށް އެ ޤައުމުގެ ރައީސް ވަނީ ހާމަ ކޮށްފައެވެ. ރާއްޖޭގައި ރައީސް މުއިއްޒު ވެރިކަމަށް އައި އިރު، އިޤްތިޞާދު ކުރިއަށް ދީލާލާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ %6.6 ގައެވެ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދަށް މުއިއްޒުގެ ސަބަބުން ލިބެމުންދިޔަ ގެއްލުންތައް ވޯލްޑް ބޭންކަށް ފެނި، %4.5 އަށް ވަނީ ދަށް ކޮށްފައެވެ.

ދެމެހެއްޓެނިވި ކުރިއެރުމަށް ކުރެވޭ މަސައްކަތް

އާޖެންޓީނާގެ ޑީރެގިއުލޭޝަން މިނިސްޓްރީގެ މަސައްކަތް

  • ކޮންމެ ދުވަހަކު 1-5 ރެގިއުލޭޝަން އުވާލުން
  • އިޤްތިޞާދީ މިނިވަންކަން އިތުރުކުރުމަށް މަސައްކަތްކުރުން
  • ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލުން

މިއާއި ޚިލާފަށް ރައީސް މުއިއްޒު ވަނީ އެތައް ސަތޭކަ ބަދަލެއް ޤާނޫނަށް އޭނާ ގެންނާނެ ކަމަށް ބުނެފައެވެ. މިގޮތަށް ގެންނަމުންދާ ކޮންމެ ބަދަލަކީ ރާއްޖޭގެ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރުކޮށް އިޤްތިޞާދީ ދުވެލި ހީނަރުވެގެންދާ ކަމެކެވެ. މުއިއްޒުގެ ދަރިއަކު ވޭޕް ބޯން ފެށުމުން، އެޑިޔުކޭޝަން މިނިސްޓްރީ ލައްވައި ދޮގު ރިޕޯޓެއް ރައީސް މުއިއްޒު އުފައްދައި، އެެއަށް ރިއާޔަތްކޮށް ކަމަށް ބުނެ ވޭޕް މަނާ ކުރުމަކީ މިގޮތަށް އިޤްތިޞާދު ފަގީރު ކުރުމަށް މުއިއްޒު ދިން އިތުރު ހަމަލާއެކެވެ.

ސްޓްރަކްޗަރަލް ރިފޯމްސް

އާޖެންޓިނާއިން ދަނީ އިޤްތިޞާދީ މިނިވަންކަން ޤައުމަށް ގެނައުމަށްޓަކައި، ދައުލަތުގެ ބައިވެރިވުން ކުޑަކުރުންނެވެ. މިއަށް އިޤްތިޞާދީ މާހިރުން ކިޔަނީ، limited government ތިޔަރީއެވެ. މުއިއްޒުގެ ސަރުކާރުން ދަނީ އެއާއި ޚިލާފުން ހުރިހާ ކަމެއްގެ ތެރެއަށް ސަރުކާރުން ވަންނަމުންނެވެ. މިކަމުގެ ސަބަބުން މިނިވަން ވިޔަފާރިތަކަށް ހުރަސްއެޅި، ވައްކަމާއި ކޮރަޕްޝަނުން ފިޔަވައި އެއްވެސް ކަމެއް މިއަދު ރާއްޖޭގައި ނުހިގައެވެ.

ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން އަތުން ރިޝްވަތު ނަގައި ލާރި ދޫ ނުކުރުން

ރައީސް މުއިއްޒު ދަނީ، ސަރުކާރުގެ މަސައްކަތް ކޮށް ނިންމާފައިވާ ކޮންމެ ފަރާތެއްގެ އަތުން %20ގެ ރިޝްވަތުގެ އަދަދެއް ނަގަމުންނެވެ. އެމީހުންނަށް ފެނަކައިން ފައިސާ ދެނީ އެ އުސޫލުންނެވެ. މި ފައިސާ ދެނީ ރައީސް މުއިއްޒަށެވެ. މިހާރު ޔޫކޭއަށް އެ ކުރައްވާ ދަތުރަކީ ސީދާ ރައްޔިތުންގެ ފައިސާ މިފަދައިން ނަހަމަ ގޮތުގައި ހޯދައިގެން އެއިން ހިތްހަމަޖެހުން ހޯދުމަށް ކުރައްވަމުންދާ ޗުއްޓީ ދަތުރެކެވެ. ސަރުކާރުން ފައިސާ ދޭންޖެހޭ ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުންނާއި، މަސްވެރިންނަށް ފައިސާ ނުދީ، މި ސިނާއަތްތައް މުއިއްޒު ވަނީ އިނދަ ޖައްސާލާފައެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ ފަހުކޮޅުން ފެށިގެން ފައިސާ ދޫކުރުން ދަތިވާން ފެށި ފެށުން، ކޮރަޕްޝަނަށް ލިބޭ ފައިސާ ފޮއްޗަކަށް ނޫނީ ދޫނުކުރާނެ ކަމަށް ސަރުކާރުން ނިންމައި އެގޮތަށް އަމަލު ކުރަމުންދިޔުމަކީ ސީދާ ރާއްޖޭގެ އިޤްތިޞާދު ފުނޑާލުމަށް ރައީސް މުއިއްޒު ނިންމަވައިގެން ހުންނެވިކަން ސާފުވާ ކަމެކެވެ.

ނިންމުން

ޖެވިއަރ މިލޭގެ އިޤްތިޞާދީ އިޞްލާޙުތަކަކީ އާޖެންޓީނާގެ ތާރީޚުގައި ގެނެވުނު އެންމެ ބޮޑު އިޤްތިޞާދީ ބަދަލުތަކެވެ. އެންމެ އަހަރެއްގެ ތެރޭގައި ހައިޕަރ އިންފްލޭޝަންގެ ނުރައްކަލުން އަރައިގަނެ، ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދީ މިނިވަންކަން އިތުރުކުރެވިފައިވެއެވެ. މިއީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޙާޞިލްކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބީތަކެކެވެ. އަދި ކުރިއަށް އޮތް ތާނގައި އިތުރު އިޞްލާޙުތަކެއް ގެނައުމަށް ރޭވިފައިވާކަމީ، އާޖެންޓީނާގެ އިޤްތިޞާދީ ކުރިމަގު އުޖާލާވެގެންދާނެކަމުގެ ހެއްކެކެވެ. މިއީ ރާއްޖެއަށް ވެސް ލިބެން އޮތް ފުރުޞަތެކެވެ. ތަފާތަކީ ރައީސް މުއިއްޒަކީ މިއިން އެއްވެސް ކަމެއް ކުރުމުގެ ޤާބިލު ކަމެއްނެތް އަދި ވައްކަމާއި ދޮގު ހެދުން ފިޔަވައި އިތުރު އެއްވެސް ހުނަރެއް ލިބިވަޑައިގެން ހުންނެވި ފަރާތެއްކަމަށް ނުވާކަމެވެ.