ސިޔާސީ

ދުނިޔޭގެ ޤާބިލު ކެރޭ ލީޑަރުން އިޒްރޭލާއި ދެކޮޅަށް އެޅި ފިޔަވަޅުތަކާއި، އިޒްރޭލަށްޓަކައި މުއިއްޒު ވަމުންދާ ބޮޑެތި ގުރުބާނީތައް

ދިޔަވަރު
ދުނިޔޭގެ ޤާބިލު ކެރޭ ލީޑަރުން އިޒްރޭލާއި ދެކޮޅަށް އެޅި ފިޔަވަޅުތަކާއި، އިޒްރޭލަށްޓަކައި މުއިއްޒު ވަމުންދާ ބޮޑެތި ގުރުބާނީތައް

ޔޫރަޕް ހިމެނޭހެން ދުނިޔޭގެ ލީޑަރުން ގާޒާގެ ހާލަތާއި މެދު އަޅަމުންދާ ފިޔަވަޅުތަކާއި، ރާއްޖޭގެ ރައީސް މުއިއްޒު އިސްރާއީލް ޕާސްޕޯޓް ހޯލްޑަރުންނަށް ރާއްޖެއަށް އެތެރެވުން މަނާކުރާނެ ކަމަށް ވިދާޅުވެ، އަދި އިޒްރޭލާއި ދެކޮޅަށް ސަރުކާރުން އިސްވެ ހިނގާލުންތައް ބާއްވާނެ ކަމަށް ވައުދުވުމަށްފަހު އިޒްރޭލުގައި ދައުލަތެއް ޤާއިމު ކުރުމަށްޓަކައި މުއިއްޒު ވަމުންދާ ޤުރުބާނީތަކަކީ ފާހަގަ ކޮށްލެވޭ ކަންކަމެވެ.

ޕާސްޕ މަނާކުރުމާއި، އިޒްރޭލާއި ދެކޮޅަށް މުޒާހަރާ ކުރުމަށް ރާއްޖޭގެ ކެބިނެޓުގެ ފުރިހަމަ ތާޢީދު ލިބުމަށްފަހު، މިކަން ނުކުރުމަށް މަޖިލީހަށް އިޒްރޭލުގެ މައްސަލަ ފޮނުވައި، ފިނޑިކަމާއި، ބަހާއި އަމަލާއި ދިމާނުވުމުގެ ލާމަސީލު މިސާލު އެމަނިކުފާނު ދައްކަވަމުން ގެންދާއިރު، ދުނިޔޭގެ ލީޑަރުން، ދަނީ އިޒްރޭލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ދުނިޔޭގެ ތާރީޚުގައި ނުކުރާހާ ބޮޑެތި މަސައްކަތްތައް މިއަދު ކުރަމުންނެވެ.

މުއިއްޒު އާއި ދުނިޔޭގެ އެންމެ ދަށް ޤައުމެއްގެ ވެރިއަކާއި އަޅާ ކިޔާލިއަސް ފެންނަނީ ދިވެހިން ލަދުން އިސްޖަހާލަންޖެހޭ މިންވަރުގެ ނާގާބިލު ކަމެވެ.

ޔޫރަޕްގެ ލީޑަރުންގެ ހަރުދަނާ ފިޔަވަޅުތައް

ޔޫރަޕްގެ އެކި ގައުމުތަކުން ވަނީ އެކި ގޮތްގޮތުން ގާޒާގެ ހާލަތާއި މެދު ފިޔަވަޅު އަޅާފައެވެ. އަޔަރލެންޑުން ވަނީ އިސްރާއީލުން ގާޒާގައި ހިންގަމުންދާ ޢަމަލުތަކަކީ ޖެނޮސައިޑެއްކަމަށް ރަސްމީކޮށް ޤަރާރެއް ފާސްކޮށްފައެވެ. މީގެ އިތުރުން، ސްޕެއިންގެ ފޮރިން މިނިސްޓަރ ޖޮސޭ މެނުއެލް އަލްބަރެސް ވަނީ އަނިޔާވެރި ޢަމަލުތައް ހުއްޓާލުމަށާއި ފަލަސްތީނުގެ ދައުލަތެއް ޤާއިމްކުރުމުގެ ޙައްޤަށް ތާއީދުކޮށް އެކި އެކި ރަސްމިއްޔާތުތަކުގައި ޖޯޝާއި އަސަރާއި އެކު ވާހަކަ ދައްކާފައި ވާއިރު، މުއިއްޒުގެ ސަރުކާރާއި ކުޑަކޮށްވެސް އަޅާ ކިޔާލެވެން ނެތެވެ.

ޤާނޫނީ ފިޔަވަޅުތައް

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެތަންޔާހޫ އަދި ޔޯވް ގެލަންޓްގެ މައްޗަށް އެރެސްޓް ވޮރަންޓް ނެރުމާއި ގުޅިގެން، ސްޕެއިން، ބެލްޖިއަމް އަދި އަޔަރލެންޑު ފަދަ ޔޫރަޕްގެ ގައުމުތަކުން ވަނީ މި ވޮރަންޓްތައް ތަންފީޒުކުރުމަށް ތައްޔާރަށް ތިބިކަން އަންގާފައެވެ. އަދި ބެލްޖިއަމްގެ ވައިސް ޕްރެޒިޑެންޓް ޕެޓްރާ ޑި ސަޓަރ ވަނީ ޔޫރަޕްގެ ސަރުކާރުތަކުން އިސްރާއީލާއި އެކު އޮތް ގުޅުން ކަނޑާލުމަށް ގޮވާލާފައިވެއެވެ. ބައެއް ޤައުމުތަކުން، ނަތަންޔާހޫ އެމީހުންގެ ފަސްގަނޑަށް އަރާފިނަމަ، ހައްޔަރު ކުރާނެ ކަމުގެ ޔަގީން ކަންވެސް ވަނީ ދީފައެވެ. ނަމަވެސް ދިވެހި ސަރުކާރުން ނަތަންޔާހޫއަށް 5 ތަރީގެ މެހުމާންދާރީ ފިޔަވައި އިތުރު އެއްޗެއް ނުދޭނެ ކަމާއި މެދު މިއަދު ޝައްކު ކުރާނެ އެއްވެސް މީހަކު ނެތެވެ.

މުއިއްޒުގެ ނާކާމިޔާބު މަސައްކަތް

ރައީސް މުއިއްޒަށް ވަނީ އިސްރާއީލް ޕާސްޕޯޓް ހޯލްޑަރުންނަށް ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ނުކުޅެދިފައެވެ. މިއީ ޔޫރަޕްގެ ލީޑަރުންނާއި އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ. ވަރަށް ބޮޑު ނާކާމިޔާބެކެވެ. ހާއްސަކޮށް ސައްތައިން ސައްތަ މުސްލިމް ޤައުމެއް ގޮތުގައި އޮވެމެ، "އެއްކަލަ ލާދީނީ ހުޅަނގުގެ" މީހުން މުސްލިމުންނަށްޓަކައި ތެދުވި ވަރަށްވެސް ރައީސް މުއިއްޒަށް ތެދު ނުވެވުނެވެ.

އިންސާނީ އެހީތެރިކަން

ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ ގާޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު ފައިސާ ހަމަޖައްސާފައެވެ. މީގެ ތެރޭގައި ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗާއި، ކާބޯތަކެއްޗާއި، ހިޔާވަހިކަމަށް ބޭނުންވާ ތަކެތި ހިމެނެއެވެ. ރާއްޖޭގެ ކުރީގެ ސަރުކާރުން ފަލަސްތީނަށް ފޮނުވަން ނިންމި މަސްދަޅު ތައްވެސް ރައީސް މުއިއްޒު ނުފޮނުއްވަވާ ހިފެހެއްޓިއެވެ. އަދި ޣާޒާ ޓެލެތޮން އަށް ފައިސާ ފޮނުވި ކަމުގެ ޓީޓީ ދެއްކީ އެ ހޯދުމަށް މަސައްކަތް ކުރިތާ 2 މަސް ފަހުންނެވެ. އެހެންކަމުން ރައްޔިތުންނެއް މި ސަރުކާރުން އެފައިސާ ފޮނުވި ކަމަކަށް ޤަބޫލެއް ނުކުރެއެވެ.

ޑިޕްލޮމެޓިކް މަސައްކަތްތައް

ޔޫރަޕްގެ ލީޑަރުން ވަނީ ހަނގުރާމަ ހުއްޓުވުމަށާއި، ސުލްހައަށް ގޮވާލައި، އދ ފަދަ ބައިނަލްއަޤްވާމީ ޖަމާއަތްތައް މެދުވެރިކޮށް ހައްލެއް ހޯދުމަށް މަސައްކަތްކޮށްފައެވެ. އަދި ދެ ދައުލަތުގެ ހައްލަކަށް ތާއީދުކުރަމުން ދިއުމަކީވެސް އިސްރާއީލަށް ސުލްހައިގެ މަޝްވަރާތަކަށް އައުމަށް އޮތް ނުސީދާ ބާރެކެވެ.

މި ހުރިހާ ކަމަކުން ދައްކުވައިދެނީ ޔޫރަޕްގެ ލީޑަރުން ގާޒާގެ ހާލަތާއި މެދު އަޅަމުންދާ ފިޔަވަޅުތަކުގެ ފުރިހަމަކަމާއި، އަދި އެއާއި އަޅާބަލާއިރު ރައީސް މުއިއްޒުގެ މަސައްކަތް "ނާކާމިޔާބު" މިންވަރެވެ.

ޤަތަރު ފަދަ އަރަބި އިސްލާމީ ޤައުމުތަކުން ކޮށްފައިވާ މަސައްކަތުގެ ވާހަކަ ގެނެސް ނުދީ، ހުޅަނގުގެ ޤައުމުތަކުގެ ވާހަކަތަކުން މިސާލު މި ނެގީ، މުއިއްޒު ފަލަސްތީނުގެ މުސްލިމުންނާއި މެދު ކާފަރުންގެ ހިތުގައިވާ ވަރަށްވެސް ރަހުމު ނެތްކަން ހާމަ ކޮށް ދިނުމަށެވެ.

ފަލަސްތީނުގެ ހައްޤުގައި އެމްބަސީއެއް ކުރިމަތީ މުޒާހަރާ ކޮށްލި ކަމަށްޓަކައި އަދިވެސް ދަނީ މުއިއްޒު އެދެމީހުން ޖަލަށް ލައި އަނިޔާ ކުރުމަށް ކޯޓަށް ދަމަމުންނެވެ. އެއްފަހަރު ޖަލަށް ލައިފިއެވެ. އެއްފަހަރު ކޯޓަށް ގެންގޮސްފިއެވެ. ކޯޓުތަކުން މައްސަލައެއް ނެތްކަމަށްވެސް ނިންމައިފިއެވެ. ނަމަވެސް މުއިއްޒުގެ ހިތަށް ކެތެއް ނުކުރެވުނެވެ. އިޒްރޭލުގެ ހަޔޫދީންގެ ހިތަށް ކެތް ނުކުރެވޭހެންނެވެ. އަނެއްކާއި އެކަމާއި ގުޅުވައި އިތުރު ދެ މައްސަލައެއް މިހާރު ވަނީ މުއިއްޒު އަންގައިގެން ޕީޖީއިން ކޯޓަށް ފޮނުވާފައެވެ. މިހިސާބުން ނިމުނީކީ ނޫނެވެ. އިޒްރޭލް ޕާސްޕޯޓް މައްސަލަ އަވަސްކުރަން މަޖިލީހަށް ލާ ހުރިހާ ކުއްލި މައްސަލައެއް ބޭރުކޮށްފައިވަނީ ސީދާ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުންނެވެ.

އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ކެބިނެޓުން ނިންމުމުން، މި ސަރުކާރުގެ ފޮރިންގ މިނިސްޓަރ އެމެރިކާއަށް ކުއްލިއަކަށް ގެންދިޔައެވެ. ގިނަބަޔަކު ތުހުމަތު ކުރާ ގޮތުގައި މި ދަތުރުގައި އިޒްރޭލް ލޮބީސްޓުން ވަނީ މުއިއްޒަށް އެތައް މިލިއަން ރުފިޔާއެއް ދީ އިޒްރޭލުގެ އެޖެންޓަކަށް އޭނާ ބަދަލުކޮށްފައެވެ. މިއަދު ދުނިޔޭގައި، މުސްލިމުންނަށް ތަފާތު މޫނެއް ދައްކަމުން، އިޒްރޭލާއި އެންމެ ގާތް ގުޅުމެއް ބާއްވަމުންދާ މުސްލިމް ދެ ޤައުމަކީ ސައުދީއާއި ދިވެހިރާއްޖެއެވެ. ޔޫއެސްއަށް ފަހު، ދުނިޔޭގައިވެސް އެންމެ ކުރީގައި އުޅެނީ ރާއްޖެއާއި ސައުދީއެވެ.