ލޮލުގެ ނާޒުކު ފަރުވާއަކަށް ބޭނުންވި އިންޖެކްޝަން އަގުހެޔޮކޮށް ސަރުކާރަށް ހޯދައި ނުދެވުނެވެ. އާއިލާއެއް ދަތި ހާލުގައި ޖައްސައި، ހީނާ މިކަމުގައި ހަދަމުންދަނީ ކަނޑައެޅިގެން ބޮޑެތި ދޮގެވެ.
2011 އިން ފެށިގެން ކޮންމެ މަހަކު ޖަހަމުންދިޔަ 23,400 ރުފިޔާގެ އަގުހުރި އިންޖެކްޝަން، އާސަންދައިން ކަވަރުކުރުން ހުއްޓާލައިފިއެވެ. މި ސަބަބުން އެ އާއިލާ މިހާރުވަނީ ބޭސްފަރުވާއަށް ސަލާންޖަހަން މަޖުބޫރުވެފައެވެ.
މިކަން އާންމުވުމާ ގުޅިގެން ސަރުކާރުގެ ސްޕޯކްސްޕާސަން ވިދާޅުވެފައިވަނީ "ލުސެންޓިސް އިންޖެކްޝަން" ގެ އަގު މާ ބޮޑުކޮށް އާސަންދައަށް ބިލްކުރަމުން ދިޔަ ކަމަށެވެ. އެގޮތުން 500 ޑޮލަރަށް ގަނެވޭ އިންޖެކްޝަނެއް 23,000 ރުފިޔާއަށް ބިލްކުރާ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް މި އާއިލާއިން ސަރުކާރުން ބުނާ ހެޔޮ އަގުގައި މި އިންޖެކްޝަން ފޯރުކޮށްދިނުމަށް އެދުމުންވެސް، ސަރުކާރަށް މިކަން ކޮށްދެވިފައެއް ނުވެއެވެ. މީގެ ސަބަބުން ސަރުކާރުން ދައްކަމުންދާ ވާހަކައަކީ ދޮގު ވާހަކަތަކެއްކަން ސާފުވެގެން ގޮސްފައިވެއެވެ.
މިހާރު ވެފައިވާގޮތުން، މި ފަރުވާ ނުލިބި ދެމަސް ވެފައިވާއިރު، ބަލިމީހާގެ ފެނުމުގެ ބާރަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި މި ފަރުވާ ރާއްޖެއިން ލިބެން ނެތްނަމަވެސް، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްވެސް އާސަންދައިން ހުއްދަ ނުދެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި އިންޖެކްޝަން އެމް.އެން.ޑީ.އެފް، ފުލުހުން، ވަޒީރުން އަދި މެމްބަރުންނަށް އާސަންދައިން އަދިވެސް ކަވަރުކޮށްދެމުން ގެންދާކަމެވެ. އަދި މިކަމާ ގުޅިގެން އެޗް.އާރް.ސީ.އެމް އަދި ޖެންޑަރ މިނިސްޓްރީއަށް މައްސަލަ ހުށަހެޅި ނަމަވެސް، އެއްވެސް ފަރާތަކުން އަދި މިކަމާ މެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އާސަންދައިގެ އިސް ފަރާތްތަކާ ގުޅުމަށް މި އާއިލާއިން ކުރި މަސައްކަތްތައްވެސް ވަނީ ސަރުކާރުން ހުރަސްއަޅާފައެވެ. މި ހުރިހާ ނިންމުމެއް ނިންމަމުން ދަނީ އާސަންދައިގެ ސީ.އީ.އޯ ޒީނިޔާ އަދި އެން.އެސް.ޕީ.އޭގެ ސީ.އީ.އޯ ހީނާ، ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުންނެވެ.