2024 ނޮވެމްބަރުގައި އެކަނި 28 ސިޔާސީ ވަޒީފާ އުފައްދައިފިކަމަށް ރައީސް އޮފީހުން މި މައުލޫމާތު އެނގޭ ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ސާފުކޮށްދީފިއެވެ. ނަމަވެސް އާސަންދަ ޚިދުމަތް ގިނަ ޕާޓީނޫން ފަރާޓްތަކަށް ލިބުން ދަތިކޮށް، އަދި ބައެއް ޚިދުމަތްތައް ކަނޑާލައި، ޕްރައިވެޓް އިންޝުއަރަންސް ހުރި ފަރާތްތަކުގެ އާސަންދަ ކަނޑާލައި، މަސްވެރިންނާއި، ސަޕްލަޔަރުންނާއި، ވިޔަފާރިވެރިން ނަށް ސަރުކާރުން ދޭން ހުރި ފައިސާ ނުދީ ދަނީ ބަނޑަށް ޖައްސަމުންނެވެ. އެތައް ކުންފުންޏެއް ބަނގުރޫޓު ވެއްޖެވެ. އެތައް އާއިލާއެއް މުއިއްޒު މަގުމަތި ކޮށްފިއެވެ.
1. މިގޮތުން ރައީސް ޑރ. މުހައްމަދު ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެގޮތުން ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަލްސަން އަހްމަދުގެ ބޮޑުބޭބެގެ ދަރިފުޅު އައްޔަޝް އަބްދުއްސަމަދަށް ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންދީފިއެވެ.
2. އައްޔަޝްއަށް މުސާރައިގެ ގޮތުގައި މަހަކު 35،000 ރުފިޔާ ލިބޭނެއެވެ. އަހަރަކަށް ބަލާނަމަ އެއީ 420،000 ރުފިޔާއެވެ. އެ މިނިސްޓްރީގައި މިހާރުވެސް އިތުރު ހަތް ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވެ.
3. މީގެ އިތުރުން، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯއަކަށް ވަނީ ހަސަން ރީހާން ކިޔާ މީހެއް ސިޔާސީ މަގާމެއްގައި ހަމަ ޖައްސާފައެވެ.
4. މީގެ އިތުރުން ގދ. ތިނަދޫއިން ރަސާން ރަޝީދުއަށް ވެސް ވަނީ މިމަހު ސިޔާސީ މަގާމެއް ހަމަޖައްސަދެއްވާފައެވެ.
5. މީގެ އިތުރުން ހއ. ހޯރަފުށިން މުހައްމަދު ރިފްއަތުއަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ވަނީ ސިޔާސީ މަގާމެއް އުފައްދާފައެވެ.
6. އަދި ލ. އިސްދޫ ހެލްތް ސެންޓަރުން އަހްމަދު ޒައީމް އަށް ޕޮލިޓިކަލް ޑިރެކްޓަރގެ މަގާމު މުއިއްޒު ދެއްވާފައިވެއެވެ.
7. ގައްދޫ ހެލްތް ސެންޓަރުން އާގިސާ މަންސޫރަށް ޕޮލިޓިކަލް ޑިރެކްޓަރ ކަން މުއިއްޒު އަރުވާފައިވަނީވެސް ހަމަ މި މަސްތެރޭގައެވެ.
މިއީ ދިޔަވަރު ނޫހަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ސިޔާސީ މަގާމު ލިބިފައިވާ ފަރާތްތަކެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރަންވެގެން މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ތެރެއިން 248 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ތަރުޖަމާނު ހީނާ ވަލީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އެކަމަކު ވަޒީފާއިން ވަކިކުރި މީހަކު ފެންނާކަށް ނެތެވެ. އެކަން އެނގޭނެ އިންސާނެއް ވެސް މި ދުނިޔޭގައި ނެތެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ކޮންމެ ކަމަކުން މުއިއްޒު ގެންދަނީ ރައްޔިތުންނަށް މަކަރު ހަދައި އޮޅުވާލަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސިޔާސީ މަގާމްތަކަށް ގިނަ ބަޔަކު އައްޔަން ކުރާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.