24 އަހަރުގެ މަން ޕަރިކް، ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ރަހާ ރިސޯޓްގައި ގާތްގަނޑަކަށް އަހަރެއްގެ މުއްދަތަށް ޝެފެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔައިރު، އޭނާއާމެދު އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހިންގަމުންދާތީ އިންޑިޔާގެފުލުހުންގެ އެހީތެރިކަމާއެކު އޭނާ މުންބާއީއަށް އެނބުރި ގޮސްފިއެވެ.
މަން ޕަރިކްގެ އެނބުރި އައުމަކީ އޭނާގެ 55 އަހަރުގެ މަންމަ، ގަޔަތްރީ ޕަރިކްގެ 6 މަސްދުވަހުގެ މަސައްކަތުގެ ނަތީޖާއެކެވެ. އޭނާގެ ހަމައެކަނި ދަރިފުޅު ރާއްޖެއިން އަނބުރާ ގެނައުމަށްޓަކައި އެތައް މަސައްކަތެއް ވަނީ ކޮށްފައެވެ.
މަން އަކީ ހޮޓެލް މެނޭޖްމަންޓް ކިޔަވައިގެން ހުރި ޒުވާނެކެވެ. ބޭރު ޤައުމުތަކުގައި މުސާރަ ރަނގަޅު ވަޒީފާތައް ހުރުމާއެކު، 2023 ވަނަ އަހަރުގެ ޑިސެމްބަރުގައި ރާއްޖޭގެ ރިސޯޓެއްގައި ޝެފެއްގެ ވަޒީފާ ލިބުމާ ގުޅިގެން އޭނާ ރާއްޖެ އައެވެ. ނަމަވެސް، ހަފްތާތަކެއްގެ ތެރޭގައި، އިންޑަސްޓްރީއިން ހިފަހައްޓާ ހަމަތަކާއި ޚިލާފުވެ އޭނާގެ މަސައްކަތް "އެކްސްޕްލޮއިޓް" ކުރާ ކަމަށް އޭނާގެ އާއިލާއަށް ކިޔާދީފައެވެ.
މަންގެ މައިންބަފައިން ވަނީ އޭނާގެ ކޮންޓްރެކްޓް ކެންސަލްކޮށް މުންބާއީއަށް އެނބުރި ދިއުމަށް ވަޒީފާދިން ރީކޯ މޫސާމަނިކުގެ ފަރާތުން އާދޭސްކޮށްފައެވެ. އެމީހުން ކޮންޓްރެކްޓް މުއްދަތު ހަމަނުވަނީސް ދާނަމަ، ދޭން ޖެހޭ ފައިސާ އެ އާއިލާއިން ދޭން ތައްޔާރަށް ތިބި ނަމަވެސް، ރިސޯޓުގެ ވެރިފަރާތުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައި، އެކަމަށް އިންކާރުކުރިއެވެ.
ގަޔަތްރީ ޕަރިކް ވަނީ އޭނާގެ ދަރިފުޅު އިންޑިއާއަށް އެނބުރި ގެނައުމަށް އެކި ފަރާތްތަކުގެ އެހީއަށް އެދިފައެވެ. "އަހަރެން ފުލުހުންނަށާއި، މަންތްރާލަޔާއަށް ގޮސް، ރާއްޖޭގައި ހުރި އިންޑިއާ އެމްބަސީއަށް ސިޓީ ފޮނުވައި، އަހަރެންގެ ދަރިފުޅު އަނބުރާ ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން. 6 މަސްދުވަހު އަހަރެންގެ ދަރިފުޅުގެ މިނިވަންކަމަށް އެދި މީހުންގެ ކުރިމަތީގައި އާދޭސްކުރިން، އެކަމަކު އެއްވެސް ކަމެއް ނުވި. އަހަރެންގެ ދަރިފުޅު ފަދައިން އިތުރު 15 ފިރިހެނުން ވެސް މިފަދަ އަނިޔާތަކާ ކުރިމަތިލަމުން، އެމީހުންގެ ޤައުމަށް އެނބުރި ދާން ބޭނުންވެފައި އެ ރިސޯޓުގައި ތިބި. އެކަމަކު އެހީތެރިވާނެ މީހަކު ނެތް" އޭނާ ބުންޏެވެ.
ނޮވެމްބަރު 15 ގައި، ޕަރިކް ވަނީ އުމުރުން ދުވަސްވީ މީހުންނާއި، އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިވުމަށް ޤާއިމުކުރެވިފައިވާ އިންޑިޔާގެ ބަރޯސާ ސެލްއާ ގުޅާފައެވެ. "އަޅުގަނޑުމެން ޕަރިކްގެ ވާހަކަ އަޑުއަހައި، ރިސޯޓުގެ ވެރިފަރާތާ ވާހަކަދައްކައި، މަން އެތަނުގައި އުޅޭން ބޭނުން ނުވާކަމާއި އިންޑިއާއަށް އެނބުރި ދާން ބޭނުންވާކަން އޮޅުންފިލުވައިދިނިން. ނޮވެމްބަރު 17 ގައި، ވަޒީފާދޭ ފަރާތުން މަން އަނބުރާ ފޮނުވުމަށް އެއްބަސްވިއެވެ. ބުރާސްފަތި ދުވަހު، އޭނާ ރާއްޖެއިން މުންބާއީއަށް އެނބުރި ދިޔައީ މައިންބަފައިންގެ ގާތަށެވެ،" ބަރޯސާ ސެލްގެ ފުލުސް ސަބް-އިންސްޕެކްޓަރ ތެޖަޝްރީ ޝިންޑޭ ވިދާޅުވިއެވެ.
އޭނާ މަސައްކަތްކުރީ ރަހާ ރިސޯޓުގައެވެ. އަދި ރިސޯޓުގެ ވެރިފަރާތަކީ ރީކޯ މޫސައެވެ. ރިސޯޓުގެ ރިސޯޓް ހެދުމަށް މަސައްކަތްކުރި މުވައްޒަފުންނާއި މެދު އިހާނެތިކޮށް ހިތި ވާހަކަ އާއި މުސާރަ ނުދޭ ވާހަކަ އެމީހުންގެ ދުލުން ސޯޝަލް މީޑިޔާގައި މީގެ ކުރިން ވައިރަލްވި ވީޑިޔޯއެއްގައި ކިޔާ ދީފައިވެއެވެ. އަދި ރިސޯޓުގެ އެހެނިހެން މުވައްޒަފުންނަށް މުސާރަ ނުދޭކަމުގެ ތުހުމަތު ވެސް އޭނާއާ ދެކޮޅަށް ކުރެވިފައިވެއެވެ.
މި މައްސަލަ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލާކަމެއް ސާފުވެފައި ނުވެއެވެ.
ރީކޯގެ ރަށްތަކަކާއި ރިސޯޓްތަކެއްގެ ލޯނުތައް ނުދައްކައިގެން ބީއެމްއެލްއިން އެތަންތަން ވިއްކާލުމަށް ދާދިފަހުން ވަނީ އިއުލާން ކޮށްފައެވެ. އެހެން ކަމުން 24 އަހަރުގެ މި ޝެފް ފޮނުވާލަން ނިންމީ ރިސޯޓް ވިއްކާލުމަށް ނިންމުމާއި ގުޅިގެން ކަމަށް ލަފާ ކުރެވެއެވެ.