އިއްޔެ ބޭއްވުނު ވެރިކަންކުރާ ޕާޓީ ޕީއެންސީގެ އެތެރޭގެ އިންތިޚާބު ގުޅިގެން ބޮޑެތި މައްސަލަތަކެއް ފެންމަތިވެއްޖެއެވެ. އެގޮތުން, މިފަހަކަށް އައިސް އެންމެ ޑިމޮކްރެޓިކް ޕާޓީ ކަމަށް ދައުވާކުރަމުން އަންނަ ޕީއެންސީގެ މި އިންތިޚާބުގައި ވޯޓާސް ލިސްޓު އޮޅުވާލުމުގެ މައްސަލަތަކެއް ވަނީ ހާމަވެފަވެއެވެ.
ވެލިދޫ ދާއިރާގެ ރައީސްކަމަށް ކުރިމަތިލެއްވި ޖަނާހު މުސްތަފާ އޭނާގެ ފޭސްބުކް ޕޭޖުގައި ހާމަކުރެއްވި ގޮތުގައި، އެ ދާއިރާގެ ވޯޓު ފޮށީގައި ބޭނުންކުރި ވޯޓާސް ލިސްޓަކީ ޕާޓީގެ ވެބްސައިޓްގައި ރަސްމީކޮށް ޝާއިއުކޮށްފައިވާ ލިސްޓާ ތަފާތު އެއްޗެކެވެ. އޭގައި 31 މީހުންގެ ނަން އިތުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ޖަނާހު ވިދާޅުވިއެވެ. މި މައްސަލައަކީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާތީ، އޭނާގެ ޓީމުން މިހާރު ވަނީ މި މައްސަލަ ޕާޓީގެ އިދާރާއަށް ހުށަހަޅުއްވާފައެވެ.
އަދިއިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް ޖަނާހު މުސްތަފާ އަދި އޭނާގެ ޓީމުން ވަނީ އިއުތިރާޒުކޮށްފައެވެ.
ހަމައެހެންމެ، ތ. ކަނޑޫދޫ ދާއިރާގައިވެސް ވޯޓުލުން ކުރިއަށްދަނިކޮށް ވަނީ މާރާމާރީ ހިންގާފައެވެ. އެގޮތުން އެ ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ މެދުގައި ހަމަނުޖެހުން ހިނގައި، ވޯޓު ފޮށި ފަޅާލުމަށްފަހު ވޯޓު ކަރުދާސްތައް ގެއަށް ގެންގޮސްފައިވެއެވެ. މި ހާދިސާވެސް ހިނގާފައިވަނީ ވޯޓާސް ލިސްޓާ ގުޅޭ މައްސަލައަކާ ގުޅިގެންކަން އެނގިފައިވެއެވެ.
ޕީއެންސީގެ އެތެރޭގެ މި އިންތިޚާބުގައި, މުއިއްޒު ބޭނުންވާ ކެނޑިޑޭޓުން އިންތިޚާބުކުރުމަށް, މުއިއްޒުގެ އެންގުމަށް ރޭވިގެން ބޮޑެތި މަކަރުތައް ހަދާފައިވާކަމަށް އެޕާޓީގެ އާންމު ގިނަ މެމްބަރުން ތުހުމަތުކޮށް ދަނީ ޝަކުވާ ކުރަމުންނެވެ.
ފާއިތުވި މަޖިލިސް އިންތިޚާބުގައިވެސް ވަނީ, މުއިއްޒު ބޭނުންވާ ކެނޑިޑޭޓުންނަށް އެކަނި ޓިކެޓް ދިނުމުގެ ބޭނުމުގައި އެއިންތިޚާބުގެ ޕްރައިމަރީވެސް އެރުވަނީ އޮޅުވާލާފައެވެ.