ޗައިނާއިން ބޭނުން ނުވާތީ، ހިޔާ ފްލެޓްގައި ލިފްޓް ހަރުކުރުމުގެ އަގު ސިއްރުކޮށްފިއެވެ. ފިނިޝިންގ ނުނިންމާ ހަވާލު ކުރި ހިޔާ ފްލެޓްތައް މުއިއްޒު އޭރު ދިނީ އެންމެ ބޮޑު ކޮށް ބިޑް ކުރި ޗައިނާ ކުންފުންޏަކަށެވެ. އެމައްސަލަ މިހާރުވެސް ވަނީ އޭސީސީގައެވެ.
މިކަން ސިއްރު ކޮށްފައި ވަނީ، ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ މަޝްރޫޢުގެ އަގަކީ ވިޔަފާރީގެ ސިއްރެއްގެ ގޮތުގައި ބުނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާއެވެ. އެއްބަސްވުމުގެ ދަށުން، ހިޔާގެ 16 ޓަވަރުގެ ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކުރަން ޖެހެއެވެ. މީގެ ތެރެއިން އެއް ލިފްޓަކީ ބަލިމީހުންގެ ސްޓްރެޗަރު އުފުލޭވަރުގެ ބޮޑު ލިފްޓެކެވެ.
މަސައްކަތް ފެށުމަށް އެއްބަސްވެފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ 30 ގައެވެ. ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން މަސައްކަތް ލަސްވެފައިވާތީ، އިތުރު 75 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ. އެހެންކަމުން މަޝްރޫޢު ނިންމަންޖެހޭ އައު ސުންގަޑިއަކީ 2025 ވަނަ އަހަރުގެ އޭޕްރިލް 15 އެވެ.
ރާއްޖޭގެ ނޫހަކުން އާރުޓީއައިގެ ދަށުން މަޢުލޫމާތު ހޯދުމުގެ ހުށަހެޅުމުގައި މަޝްރޫޢުގެ އަގާއި، މިހާތަނަށް ދޫކުރެވުނު ފައިސާގެ ތަފްސީލު ހާމަކުރަން އެދުނެވެ. ނަމަވެސް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެ މަޢުލޫމާތަކީ ވިޔަފާރީގެ ސިއްރެއްގެ ގޮތުގައި ބަލައި ހާމަނުކުރަން އެޗްޑީސީން ވަނީ ނިންމާފައެވެ.
އެޗްޑީސީން މަޝްރޫޢުގެ އަގު ހާމަނުކުރި ނަމަވެސް، 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި މި މަޝްރޫޢަށް 108.4 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މިއީ މި އަހަރުގެ ބަޖެޓުގައި ހިމެނި 200 މިލިއަން ރުފިޔާއަށް ވުރެ 91.6 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިހާތަނަށް މަޝްރޫޢުގެ 29 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ބަޖެޓް ކޮށްފައިވާ އަދަދަށް ބަލާއިރު، މިއީ ވަރަށް ބޮޑު އަދަދެކެވެ. އެވަރުގެ އެންމެ މޮޅު ލިފްޓަކަށް 2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލިއަސް 24 ލިފްޓަށް ޖުމްލަ އަރާނީ 48 މިލިއަން ރުފިޔާއެވެ. ނަމަވެސް ސަރުކާރުން ޗައިނާ ކުންފުންޏަކަށް މި މަސައްކަތް ހަވާލު ކޮށްފައިވާކަމަށް ބަޖެޓުގައި ހުރި އަދަދު ތަކަށް ބަލާ އިރު ލަފާ ކުރެވެނީ 308.4 މިލިއަން ރުފިޔާއެވެ.